އުރީދޫ މޯލްޑިވްސްއިން މިއަދު ހާމަކުރި ގޮތުގައި، 2025 ވަނަ އަހަރުގެ އުރީދޫ ކަލަންޑަރުގެ ސެޕްޓެމްބަރު މަހުގެ ފީޗަރ ކެރެކްޓަރުގެ ގޮތުގައި ހިމަނާފައިވަނީ ދިވެހިންގެ މެދުގައި މަޝްހޫރު ރަންނަމާރީގެ ވާހަކަ އެވެ.

ދިވެހި ތާރީޚުގައި އެންމެ ބިރުވެރި އަދި މަޝްހޫރު ވާހަކަތަކުގެ ތެރެއިން އެއް ވާހަކައަށްވާ ރަންނަމާރީގެ ވާހަކައަކީ ކޮންމެ މަހަކު އެއްފަހަރު ކަނޑުން އަރާ، އަލިކަން ދޭ ބައްތިތަކުން ފުރިފައިވާ އުޅަނދެއްގެ ސިފައިގައި ފެންނަ ނުބައި ކަނޑުގެ ޖިންނިއެއްގެ ވާހަކައެވެ. މި ވާހަކައިގައި ބަޔާންކުރާ ގޮތުން، މި ޖިންނި މަޑުކުރުވުމަށްޓަކައި ރަށުގެ މީހުން ޒުވާން އަންހެން ކުއްޖަކު ޤުރުބާންކުރަން ޖެހެއެވެ.

Ad
rt

އުރީދޫ މޯލްޑިވްސްއިން ވަނީ 2025 ވަނަ އަހަރުގެ ކަލަންޑަރުގައި ދިވެހި އާދަކާދައިގެ 12 މަޝްހޫރު ކެރެކްޓަރެއް އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް އަލުން ސިފަކޮށްފައެވެ. "މި ކަލަންޑަރުގެ ސަބަބުން ކަސްޓަމަރުންނަށް ކެރެކްޓަރުންނާ ވާހަކަ ދައްކައި، ސުވާލުކޮށް، އެ މީހުންގެ ދުނިޔެއާ ބެހޭ ގޮތުން މަޢުލޫމާތު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ،" ކުންފުނިން މިކަން އިޢުލާނުކުރަމުން ބުންޏެވެ.

ރަންނަމާރީގެ ވާހަކައިގެ ނިމުން އަންނަނީ އަބުލް ބަރަކާތުލް ބަރްބަރީ ކިޔާ މަޣްރިބުން އައި ޢިލްމުވެރިއެއްގެ ފަރާތުންނެވެ. ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ މި ޢިލްމުވެރިޔާ، އަންހެން ކުއްޖެއްގެ ބަދަލުގައި އަމިއްލައަށް ހުށަހެޅި، މުޅި ރޭ ޤުރުއާން ކިޔެވުމުގެ ސަބަބުން ރަންނަމާރި ދެން އަބަދަށް ވަކިވެގެން ދިޔައެވެ.

އުރީދޫގެ އޭ.އައި ޗެޓްބޮޓް މެދުވެރިކޮށް ރަންނަމާރި އާއެކު ވާހަކަދެއްކުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް ކުންފުނިން ބުނެފައިވެއެވެ. މި ޚިދުމަތް ލިބެން ހުންނާނީ https://ore.do/aifolktales އިންނެވެ.