ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު" ތަޞްދީޤު ކުރައްވައިފި ނަމަ ޕްރެސް ފްރީޑަމް އިންޑެކްސް ގައި ރާއްޖޭގެ ރޭންކިން ދައްވެގެން ދާނެކަމަށް ބުނެ މޯލްޑިވްސް މީޑިއާ ކައުންސިލުން ބަޔާނެއް ނެރެފި އެވެ.
މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ދިވެހިރާއްޖޭގެ ގިނަ އަދަދެއްގެ ނޫސްވެރިންނާއި، މީޑިއާ މުއައްސަސާތަކާއި، މަދަނީ ޖަމްޢިއްޔާތަކުން ފާޅުކުރަމުންދިޔަ ކަންބޮޑުވުންތަކަށް އެކަށީގެންވާ ރިޢާޔަތެއް ނުކޮށް ކަމަށް ވާތީ ބިލު ތަޞްދީޤު ނުކުރެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ސިޓީއެއް ފޮނުއްވާފައިވާނެކަމަށް މީޑިއާ ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
މީޑިއާ ކައުންސިލުން ބުނެފައިވާ ގޮތުގައި މި ބިލާ ގުޅޭގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަނާއި، ބާ ކައުންސިލާއި، ނޫސްވެރިންނާއި، މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނާއި، އަދި ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ކޮންމެ ޑިމޮކްރަސީއެއްގެވެސް އަސާސީ ތަނބެއްކަމުގައިވާ، ކޮރަޕްޝަނާއި ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރުމާ ދެކޮޅަށް ފާރަވެރިވުމުގެ ގޮތުން ކުރެވޭ ތަޙްޤީޤީ އަދި ޖަވާބުދާރީކުރުވުމުގެ ނޫސްވެރިކަން، ހުއްޓުވުމަށް ބާރު ލިބިގެން ދާނެކަމަށް ބުނެފައިވެއެވެ.
"މި ބިލު ޤާނޫނަކަށް ވެއްޖެ ނަމަ، މީޑިއާ ރެގިއުލޭޓްކުރުމުގެ ބަދަލުގައި ކޮންޓްރޯލްކުރެވިގެން ދާނެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ހަނިވެ، ފާޑުކިޔާ އަޑުތައް މަޑުކުރުމަށް ބޭނުންކުރެވިދާނެ ވަސީލަތްތަކެއް ތަޢާރަފްކުރުމުގެ ފުރުޞަތު ފަހިވެގެން ދާނެ،"
މީޑިއާ ކައުންސިލުން ބުނެފައިވެއެވެ.
މީޑިއާ ކައުންސިލުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި މި ބިލު ތަސްދީޤުކުރުމާ އެކު، މުއައްސަސާއެއްގެ ގޮތުގައި މީޑިއާ ކައުންސިލް އުވިގެންދިޔަ ނަމަވެސް، މިނިވަން ނޫސްވެރިކަމުގެ ރޫހު ދެމި އޮންނާނެކަމަށެވެ. އަދި ދިމާވާ ކޮންމެ އަނދިރިކަމެއްގެ ތެރޭގައި ވެސް، އަހަރުތަކެއް ވަންދެން އިންދަމުން އައި ނޫސްވެރިކަމުގެ ގަސްތައް ކުރިލައި ހެދޭނެ އަލި މަގެއް ފެނިގެންދާނެ ކަމުގެ އުންމީދު އެ ކައުންސިލުން ފާޅުކޮށްފައިވެއެވެ.
މިބިލް ތަޞްދީޤު ކުރެއްވުމާއި އެކު މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އުވިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!