އިސްރާއީލުން ޣައްޒާ ސިޓީއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން، އަނެއްކާވެސް ހާސްތަކެއް ފަލަސްތީނު ރައްޔިތުން ޣައްޒާގެ ދެކުނަށް ދިރިއުޅުން ބަދަލުކުރުމަށް މަޖުބޫރުވެފައިވާކަން ރިޕޯޓުތައް ބުނެފިއެވެ.

އަލް ޖަޒީރާގެ ނޫސްވެރިޔާ ހިންދު ޚުދައިރީ ބުނި ގޮތުގައި، ޣައްޒާ ސިޓީގެ އަލް-ރަޝީދު މަގުން ފެންނަމުންދާ މަންޒަރުތަކަކީ ވަރަށް ހިތާމަވެރި މަންޒަރުތަކެކެވެ.

Ad
rt

"މި ހާލަތު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައި، ޚާއްޞަކޮށް ކާއެއްޗެއްސާއި ފެން ނެތި، ހިނގާފައި މިމަގުން ދަތުރުކުރަމުންދާ ފަލަސްތީނުންނަށް،" ހިންދު ޚުދައިރީ ބުނެފަވެއެވެ. އޭނާ އިތުރަށް ބުނީ، މިހާރު މި ސަރަހައްދުގައި އިންސާނީ ކާރިސާއެއް ކުރިމަތިވެފައިވާ ކަމަށެވެ.

އިސްރާއީލުގެ ލާއިންސާނީ ހަމަލާތަކުން ރައްކާތެރިކަން ލިބޭތޯ ދަރިން ގޮވައިގެން ބައްޕައަކު ކަނު އަނދިރީގައި ދަނީ، ފޮޓޯ: އަލްޖަޒީރާ

މި ހަމަލާތަކާ ގުޅިގެން ޤުދުސް ނިއުސް ނެޓްވަރކުން ރިޕޯޓުކުރި ގޮތުގައި، ޣައްޒާ ސިޓީގެ ދަރަޖް އަދި ސަބްރާ ސަރަޙައްދުތަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި ގިނަ އަދަދެއްގެ މީހުން ޝަހީދުވެ، ޒަޚަމްވެ އަދި ގެއްލިފައިވެއެވެ. މި ނުރައްކާތެރި ހަމަލާ އަމާޒުކުރެވުނު ތަންތަނުގެ ތެރޭގައި ސަބްރާގައި ހުރި ސަކީނާ ގެ އަދި ދަރަޖްގައި ހުރި އަލް-ޝައްވާާ މައިދާން ހިމެނެއެވެ. މި ހަމަލާތަކުގެ ސަބަބުން އެތައް ބަޔެއްގެ ދިރިއުޅުން ހަލާކުވެ، އެތައް ޢާއިލާތަކެއް ވަނީ ހިތާމައިގެ ތެރެއަށް ވެއްޓިފައެވެ.

އިސްރާއީލުން ޣައްޒާ ސިޓީ ހިފުމަށް އެއްގަމު މަގުން ބޮޑު އޮޕަރޭޝަނެއް ފަށައިފި: ރިޕޯޓު

މި ހަމަލާތަކަކީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ ސިޓީ ހިފުމަށް އަމާޒުކޮށް ހޯމަ ދުވަހު ފެށި އެއްގަމުގެ ބޮޑު އޮޕަރޭޝަންގެ ބަޔެކެވެ.

އިސްރާއީލުން ވަނީ އެތައް ކުޑަކުދިންނަކާއި މައިންނަކާއި ބަފައިންނެއް ޝަހީދުކޮށްލާފައެވެ. އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުން އަންނަ ލާއިންސާނީ ހަނގުރާމައިގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް 64،871 މީހުން ޝަހީދުކޮށްލާފައިވެއެވެ. އަދި 164،610 މީހުން ޒަހަމްވެފައިވާއިރު، އިތުރު އެތައް ހާސް ބަޔަކު ޣައްޒާގެ ފުނޑުފުނޑުކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތިބި ކަމަށް ބެލެވެ އެވެ.