އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ ސިޓީ ހިފުމަށް އަމާޒުކޮށް އެއްގަމުގެ ބޮޑު އޮޕަރޭޝަނެއް ހޯމަ ދުވަހު ފަށާފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އެމެރިކާގެ އެކްސިއޯސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާ ފެށުނީ އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ އިސްރާއީލަށް ކުރި ދަތުރެއްގައި އެ ޤައުމުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއާ ބައްދަލުކުރިތާ މަދު ގަޑިއިރުތަކެއް ފަހުންނެވެ.
އެކްސިއޯސްއިން އިސްރާއީލުގެ އިސް ވެރިންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ރޫބިއޯ ވަނީ ނެތަންޔާހޫއަށް ޓްރަމްޕްގެ އިދާރާއިން މި އެއްގަމުގެ އޮޕަރޭޝަނަށް ތާއީދުކުރާ ކަމަށް ހާމަކޮށްފައެވެ. ނަމަވެސް، އެމެރިކާއިން ބޭނުންވަނީ މި އޮޕަރޭޝަން އަވަހަށް ހިންގައި ވީހާވެސް އަވަހަކަށް ނިންމުމަށެވެ.
އެކްސިއޯސްއިން އިސްރާއީލުގެ އިސް އޮފިޝަލަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި، ރޫބިއޯ މި އެއްގަމުގެ އޮޕަރޭޝަން ހުއްޓުވާކަށް ނޫޅުނެވެ.
މީގެ އިތުރުން، އެމެރިކާގެ އޮފިޝަލަކު ރިޕޯޓާ ހަވާލާދީ ބުނެފައިވާ ގޮތުގައި ޓްރަމްޕްގެ އިދާރާއިން އިސްރާއީލު ހުއްޓުވާކަށް ވެސް ނޫޅޭނެއެވެ.
"މިއީ ޓްރަމްޕްގެ ހަނގުރާމައެއް ނޫން، މިއީ ބީބީގެ (ނެތަންޔާހޫގެ) ހަނގުރާމައެއް، އަދި ދެންވާ ކޮންމެ ކަމެއްގެ ޒިންމާ އޭނާ ނަގަންޖެހޭނެ." އެމެރިކާގެ އޮފިޝަލު ބުނިކަމަށް އެ ރިޕޯޓުގައި ވެއެވެ.
ފަލަސްތީނުގެ ވަފާ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ހޯމަ ދުވަހުގެ ރޭ އިސްރާއީލުގެ ހަނގުރާމަ މަތިންދާބޯޓުތަކުން ޣައްޒާ ސިޓީއަށް މެދުނުކެނޑި ހަމަލާ ދެމުން ގެންދިޔައެވެ. މީގެ އިތުރުން އިސްރާއީލުގެ އާޓިލަރީއާއި ޑްރޯންތަކުން ވެސް ވަޒަނާއި ބޮންތައް އެ ސަރަޙައްދަށް ވަނީ އޮއްސާލާފައެވެ.
އިސްރާއީލުގެ ބާރުތަކުން އޯގަސްޓު މަހުގެ މެދުތެރެއިން ފެށިގެން ޣައްޒާ ސިޓީއަށް ދޭ ހަމަލާތައް ވަނީ އިތުރުކޮށްފައެވެ. މި ހަމަލާތައް ފެށުނީ އިރުމަތީގައިވާ ޒައިތޫން ސަރަޙައްދުގެ އިމާރާތްތައް ތަޅާލުމުންނެވެ. އޭގެ ފަހުން ދެކުނުގައިވާ ސަބްރާ ސަރަޙައްދަށް ހަމަލާ ދިނެވެ. އަދި މިހާރު އުތުރާއި ހުޅަނގު ސަރަޙައްދުތަކަށް ވެސް ހަމަލާ ދެމުން ގެންދެއެވެ.
މި ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވެއެވެ. އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް ދާއިރު، ކާބޯތަކެއްޗާއި ބޭސްފަރުވާގެ ޚިދުމަތްތައް ލިބުމުގައި ވެސް ދަތިތަކާ ކުރިމަތިވެފައިވެއެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުން މި ހަމަލާތައް ހުއްޓުވުމަށް ގޮވާލާފައިވީ ނަމަވެސް، އަދިވެސް އެކަށީގެންވާ ފިޔަވަޅެއް އެޅިފައެއް ނުވެއެވެ. މި ހާލަތުގައި ބައިނަލްއަޤްވާމީ އިންސާނީ އެހީގެ ޖަމާޢަތްތަކުން ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް މަސައްކަތްކުރަމުން ދިޔަ ނަމަވެސް، ސަލާމަތީ ކަންކަމާ ގުޅިގެން އެ މަސައްކަތްތަކަށް ވެސް ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!