ޣައްޒާގައި އިސްރާއީލުން ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ބަންދުގައި ތިބި އިސްރާއީލު މީހުންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް ބުނެ، އެމީހުންގެ އާއިލާތަކުން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ރަސްމީ ގޭދޮށުގައި އިހުތިޖާޖުކުރަމުން އަންނަކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި އިހުތިޖާޖުގައި އެ އާއިލާތަކުން ވަނީ އެމީހުންގެ ލޯބިވާ މީހުންގެ ސަލާމަތަށްޓަކައި އަވަސް ހައްލެއް ހޯދައިދިނުމަށް ގޮވާލާފައެވެ.

Ad
rt

'ދަ ޓައިމްސް އޮފް އިސްރާއީލުން' ރިޕޯޓު ކުރާ ގޮތުގައި، ބަންދުގައި ތިބި ބައެއް މީހުންކަމަށްވާ މަތާން ޒަންގައުކަރ، މަތާން އަންގްރީސްޓް އަދި ރޮމް ބްރަސްލަވްސްކީގެ މައިންބަފައިން މިހާރުވެސް ނެތަންޔާހޫގެ ރަސްމީ ގޭގެ ބޭރުގައި ނިދާ ކޮތަޅުގައި ތިބެގެން އިހުތިޖާޖު ކުރަމުންދެއެވެ. އެމީހުން ދަނީ އެމީހުންގެ ދަރިން އަނބުރާ ގޭބިސީއަށް ގެނައުމަށް ގޮވާލަމުންނެވެ.

ބަންދުގައި ތިބި މީހުންނާއި ގެއްލިފައިވާ މީހުންގެ ޢާއިލާތަކުގެ ފޯރަމުން މީގެ ކުރިން ނެރުނު ބަޔާނެއްގައި، ވަނީ ޣައްޒާ ސިޓީގައި ފަށާފައިވާ އިސްރާއީލް ސިފައިންގެ ބޮޑު އޮޕަރޭޝަނާއި ގުޅިގެން ބަންދުގައި ތިބި މީހުންގެ ޢާއިލާތަކުން ވަރަށް ކަންބޮޑުވާ ކަމަށް ބުނެފައެވެ.

"ޣައްޒާ ސިޓީގައި ގިނަ އަދަދެއްގެ ދިރިތިބި ބަންދު މީހުން އެބަތިބި، ބޮޑުވަޒީރު ނަތަންޔާހޫ ޤަސްދުގައި ސިޔާސީ ބޭނުންތަކަށްޓަކައި އެމީހުން ޤުރުބާން ކުރުމަށް ނިންމަވާފައިވަނީ ސިފައިންގެ އެންމެ އިސްވެރިޔާ އާއި ސަލާމަތީ މުއައްސަސާތަކުގެ ވިސްނުންތަކަށް އެއްވެސް ވަރަކަށް ރިޢާޔަތް ނުކޮށް" އެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

މި ބަޔާނުން، ނަތަންޔާހޫގެ ސަރުކާރުގެ ނިންމުންތަކާ މެދު އެމީހުން ހިތްހަމަނުޖެހުން ބޮޑުވެފައިވާކަން ހާމަވެއެވެ.

ހަމާސް އިން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ދިން ހަމަލާތަކުގައި އިސްރާއީލުގައި ޖުމްލަ 1،139 މީހުން މަރުވެފައިވާއިރު، ގާތްގަނޑަކަށް 200 މީހުން ވަނީ ހަމާސްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.