ތިލަދުންމަތީގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުން (3): ހއ. ހަތިފުށި

ފޮޓޯ: އަރުޝަދު އަޙަމަދު
Ha. Hathifushi, Maldives
ފޮޓޯ: އަރުޝަދު އަޙަމަދު Ha. Hathifushi, Maldives

އެކިއެކި ސަބަބާހުރެ ރާއްޖޭގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުމަކީ، އަބަދުވެސް ހިނގަމުން އަންނަކަމެކެވެ. ދިވެހިރާއްޖޭގައި މިކަން ފެށިފައި ވަނީ، ކަނޑައެޅިގެން ކޮން ތާރީޚެއްގައި ކަމެއް އެއްވެސް މުއައްރިޚަކަށް އެނގޭކަށް ނެތެވެ. ރޯގާ ބަލިމަޑުކަން ކުރިމަތި ވުމުން، ސަލާމަތުން ތިބި މީހުންކޮޅެއް ކައިރީއޮތް އެހެން ރަށަކަށް ބަދަލުވެފައި އެބަހުއްޓެވެ. ތާރީޚީ ގޮތުން ފުރިހަމަ ސާބިތެއް ނެތަސް ތުންތުންމަތީން ކިޔަމުން އަންނަ ބައެއްކަހަލަ ހާދިސާއާ ގުޅިގެން ރަށް ދޫކޮށް އެހެން ރަށަކަށް މީހުން ބަދަލުވެފައި އެބަހުއްޓެވެ. މިފަދަ ކަންތަކުގެ ބަޔާންތައް ތާރީޚީ ލިޔުން ތަކުންނާއި މިޒަމާނުގެ ބައެއް އިލްމުވެރީންގެ ލިޔުއްވުން ތަކުން ފެންނަން އެބަހުއްޓެވެ. އެވާހަކަތަކުގެ ގިނަކަމާ އެކު، އަޅުގަނޑު މި ރިޕޯޓުގައި އަލި އަޅުވާލަނީ މީހުން ބަދަލު ވުމުގެ އޮއިވަރުގެ އެއްބަޔަށެވެ. އެއީ ސަރުކާރުން އަންގަވައިގެން، ނުވަތަ ސަރުކާރުން އެކަމަށް ބާރު އަޅުއްވައިގެން އެއްރަށުން އަނެއްރަށަށް މީހުން ބަދަލުވުމުގެ މައްޗަށެވެ. ހަމައެކަނި މިހިނގާ ބައިގަރުނެއްހާ ދުވަހުގެ ތެރޭގައި އެކަންޏެވެ.

ފަހެ، ފަހަކަށް އައިސް އެއްރަށުން އަނެއްރަށަށް މީހުން ބަދަލުވުމުގެ އޮއިވަރު ވަނީ، މުޅިރާއްޖޭގައި ވެސް ހިނގާފައެވެ. އެހެންކަމުން ބަލާލަން ފަސޭހަވާނީ ކޮންމެވެސް ތަރުތީބަކުން ފެށިއްޔާކަމަށް ފެންނާތީ، އަޅުގަނޑު ތަރުތީބު ކޮށްފައި މިވަނީ، އުތުރުން ދެކުނަށް ރަށްރަށް ވަކިވަކީން ނެވެ.

ހއ. އަތޮޅު: (ފުރަތަމަ މަރްހަލާ)

ސަރުކާރުން މިމަސައްކަތް ރަސްމީ ސިފައެއްގައި ކުރިޔަށް ގެންދެވުމަށް ޓަކައި، 1968 ވަނަ އަހަރުގައި ފާސް ކުރެއްވި ގާނޫނެއްގައި ވަނީ މިހެންނެވެ.

ބިލް ނަންބަރު: 6/68

ތާރީޚު: 1968 – 02 – 10.

އެރަށެއްގެ ވަޒަންވެރީންގެ ތެރޭގައި ހުކުރު ވާޖިބުވާ، 50 މީހުން ނެތް ކޮންމެރަށެއް ފަޅުރަށެއް ކަމުގައި ހަމަޖެއްސެމުމުގެ ބިލް.

އެރަށެއްގެ ވަޒަންވެރީންގެ ތެރޭގައި ހުކުރު ވާޖިބުވާ، 50 މީހުންނެތް ކޮންމެ ރަށަކީ، ފަޅުރަށެއްކަމުގައި ހަމަޖެއްސުން:

މިބިލަށް އަމަލު ކުރާނީ، 1 މާޗު 1968 މިދުވަހުން ފެށިގެންނެވެ.

މިގާނޫނަށް އަމަލު ކުރެއްވުމުގެ ގޮތުން، ހއ. އަތޮޅުން އެހެން ރަށްރަށަށް މީހުން ބަދަލު ކުރެއްވުމަށް ހަމަޖެއްސެވީ ތިންރަށަކުންނެވެ. އެއީ އުލިގަމާއި ބެރިންމަދޫ އާއި ހަތިފުއްޓެވެ. މިތިންރަށުގެ މީހުން ބަދަލު ކުރެއްވުމަށް ސަރުކާރުން ހަމަޖެއްސެވީ އެއަތޮޅު ދިއްދުވަށެވެ. މި ހަމަޖެއްސެވި ހަމަޖެއްސެވުމުގެ މަތީން، އުލިގަމުގެ އެންމެންނާއި ބެރިންމަދޫގެ އެންމެންނާއި ހަތިފުށީގެ ތިންގެއެއްގެ މީހުން ދިއްދުވަށް ބަދަލު ކުރެއްވިއެވެ. މިމީސްމީހުން ދިއްދުވަށް ބަދަލު ކުރެއްވިކަމަށް ބެލިފައި ވަނީ، 1 އޯގަސްޓް 1968 ގައެވެ.

އުލިގަމު މީހުން ދިއްދުވަށް ބަދަލުކުރެއްވި އިރު އުލިގަމުގައި ތިބީ ޖުމްލަ، 160 މީހުންނެވެ. އެއީ، 89 ފިރިހެނުންނާއި، 71 އަންހެނުން ނެވެ. ބެރިންމަދޫން ދިއްދުވަށް މީހުން ބަދަލު ކުރެވުނު އިރު ބެރިންމަދޫގެ އާބާދީއަކީ، 91 މީހުންނެވެ. އެއީ، 52 ފިރިހެނުންނާއި، 39 އަންހެނުން ނެވެ. ހަތިފުށީގެ އޭރުގެ އާބާދީއަކީ، 138 މީހުންނެވެ. އެއީ، 74 ކުދިބޮޑު ފިރިހެނުންނާއި، 64 ކުދިބޮޑު އަންހެނުން ނެވެ.

ފުރަތަމަ މަރްހަލާ

ހަތިފުށީގެ ތިންގޭގެ މީހުން ބަދަލު ކުރެއްވި ތާރީޚަކީ، 1 އޯގަސްޓް 1968 އެވެ. އޭރު ހަތިފުށީގައި ތިބި މީހުންގެ ޖުމްލައަކީ، 138 މީހުންނެވެ. އެއީ، 74 ފިރިހެނުންނާއި، 64 އަންހެނުންނެވެ. ހަތިފުށީގެ ތިންގޭގެ މީހުން ދެވަނަ ފަހަރަށް އެބައެއްގެ ރަށަށް ބަދަލު ވުމުގެ ހުއްދަ ސަރުކާރުން ދެއްވުމުގެ ކުރިން ހަތިފުއްޓަށް ދަތުރުވަރެއްގައި ދާގޮތަށް ގޮސް، އެނބުރި ދިއްދުވަކަށް ނާދެއެވެ. އެހެންވުމުން ހަތިފުށީ، 3 ގޭނެ މީހުން ރަށަށް ބަދަލުވީ ތާރީޚެއް އެނގޭކަށް ނެތެވެ.

ދެވަނަ މަރްހަލާ 

1992 އޮކްޓޯބަރ، 14 އިން، 18 އަށް ތިލަދުންމަތީ އުތުރު ބުރިޔަށް، ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލް ގައްޔޫމް ކުރެއްވި ދަތުރުފުޅުގައި އެއަތޮޅު ހަތިފުށީގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަ ފުޅުގައި އެމަނިކުފާނު ކޮށްލެއްވި އިޝާރާތާ ގުޅިގެން ހަތިފުށީގެ ރައްޔިތުން ތިލަދުންމަތީ ދެކުނުބުރީ ހަނިމާދުވަށް ބަދަލުވާން އެދޭކަމަށް އެރަށުގެ ރަށްކުރިއަރުވާ ކޮމެޓީން ނިންމައި މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނަށް ވަނީ ހުށަހަޅާފައެވެ.

26 އޮކްޓޯބަރ 1992 ދުވަހު އެއަތޮޅު އަތޮޅުވެރިޔާގެ ބަދަލު މުހަންމަދު މޫސާ ހަތިފުއްޓަށް ވަޑައިގެން ހަތިފުށީ މީހުން އެހެން ރަށަކަށް ބަދަލު ވުމުގައި އާންމުޚިޔާލު ހުރިނެއްގޮތް ބެއްލެވިއެވެ. މިގޮތުން ރަށުގައި ތިބި، 16 އަހަރުން މަތީގެ މީހުންނާ ވަކިވަކިން ބައްދަލުކޮށް އެމީހުންގެ ޚިޔާލު ހުރިނެތްގޮތް ހޯއްދަވާފައި ވެއެވެ. ހަތިފުށިން އާންމު ޚިޔާލު ހޯދުމަށް ބައްދަލުކުރި، މީހުންގެ ތެރެއިން، 33 މީހުންނަކީ ސަރުކާރުގެ އެހީއާ އެކު ހަތިފުށިން އެހެން ރަށަކަށް ބަދަލުވާން އެދޭ މީހުންނެވެ. ހަތިފުށީގައި ރަޖިސްޓްރީ ކުރެވިފައި އޭރު ތިބީ އުމުރުން، 16 އަހަރުން މަތީގެ، 130 މީހުންނެވެ. ރަށުން ބޭރުގައި، 57 މީހުންނެވެ. ހަތިފުށީގައި އޭރު މީހުން ދިރިއުޅެނީ، 33 ގޭގައެވެ. އޭގެތެރެއިން، 23 ގޭގެ މީހުން ހަތިފުށީން އެހެން ރަށަކަށް ބަދަލުވާން ބޭނުން މީހުންގެ ތެރޭގައި ސޮއި ކޮށްފައި ވެއެވެ. އޭރު ކުރެވުނު ސާވޭގެ މުޅި ނަތީޖާއަށް ބަލާއިރު ފެންނަނީ މަދުބައެއްގެ ޚިޔާލު ތަފާތުވެފައި ވާނަމަ ވެސް އާއިލާތަކުގެ ނިސްބަތުން ތިންބައިކުޅަ ދެބަޔަށްވުރެ މަތީ އަދަދެއް ބޭނުން ވަނީ، ސަރުކާރުގެ އެހީއާ އެކު ހަތިފުށިން އެހެން ރަށަކަށް ބަދަލުވާން ތިބި ކަމަށެވެ.

ހަތިފުށީ މީހުން ބަދަލުކުރާނެ ވަކިރަށެއް އޭރު ހަމަޖައްސަވާފައެއް ނެތެވެ. އޮތްގޮތަކީ، މިރަށުގެ މީހުން އެދޭ ރަށަކަށް ބަދަލު ކުރާގޮތަށެވެ. ހަތިފުށީ ރައްޔިތުން އެމީހުން އެދޭ އެހެން ރަށަކަށް ބަދަލު ކުރުމުގެ މަސައްކަތް އަމަލީ ގޮތުން ފެށިފައެއް ނުވެއެވެ. 1996 ވަނަ އަހަރުގެ ނިޔަލަށް ހަތިފުށީގެ އާބާދީ އަކީ، 289 މީހުންނެވެ.

ތިން ވަނަ މަރްހަލާ (ޝައިޚު އިލްޔާސް ޙުސައިން އިބްރާހީމްގެ ލިއުމަށް އިތުރު ކުރެވިފައިވާ ބައެއް)

ރަށުގެ ހުރިހާ ރައްޔިތުން ހދ. ހަނިމާދުއަށް ބަދަލުވެ ނިމުމާ އެކު ހއ. ހަތިފުށި ރަސްމީ ގޮތުން ފަޅުރަށެއްގެ ގޮތުގައި  ސަރުކާރުން ހަމަޖައްސަވާފައިވަނީ 12 ޖުލައި 2007 ވީ ބުރާސްފަތިދުވަހުގައި އެވެ. ހަތިފުށީގައި ހުރި ގައުމީ ދިދަ ރަސްމީކޮށް ބޭލުމުގެ ރަސްމިއްޔާތު ބުރާސްފަތިދުވަހު އެ ރަށުގައި އޮތެވެ.

 

"އަޅުގަނޑުމެން އެކަކު ވެސް ދެރަވެގެން، އަސަރުކޮށްގެން ނޫޅެން ރަށް ފަޅުވިޔަސް، އަޅުގަނޑުމެން ވަރަށް ބޭނުންވެގެން މިކަން ކުރީ (ރަށުން މީހުން ފޭބީ)."

ހަތިފުށީ ކަތީބު އިބްރާހިމް އަލީ އެދުވަހުގެ އެ ރަސްމިއްޔާތުގައި ވިދާޅުވި އެވެ.

ދިދަ ތިރިކުރުމުގެ ރަސްމިއްޔާތުގައި ހަތިފުށީ ރައްޔިތުންގެ ތެރެއިން ސާޅީހަކަށް މީހުންނާއި އެޓޯލްސް މިނިސްޓްރީގެ ވަފުދެއް ބައިވެރިވި އެވެ. އަދި ހއ އާއި ހދ އަތޮޅު އޮފީހުގެ އިސް ވެރިންނާއި ހަތިފުއްޓާއި ހަނިމާދޫގެ ވެރިން ވެސް ބައިވެރިވެވަޑައިގަތެވެ. ތިމާވެށީގެ މައްސަލަތައް ވެސް ބޮޑު ހަތިފުށީ ރައްޔިތުން ހަނިމާދު އަށް ހިޖުރަކުރީ ޖުލައި 5 ވަނަ ދުވަހު އެވެ. ހަނިމާދު އަށް ބަދަލުވި ހަތިފުށީގެ 139 މީހުންގެ ތެރެއިން 16 އާއިލާއެއް ފުރަތަމަ ދިރިއުޅުނީ ހަނިމާދޫގައި މީހުން ނޫޅޭ 16 ގެއެއްގަ އެވެ. އަދި އަނެއް 11 އާއިލާ ދިރިއުޅެމުން ދިޔައީ ހަނިމާދޫގެ 11 ގެއެއްގައި އެގެތަކުގެ މީހުންނާ އެކީގަ އެވެ.

ހަތިފުށީ ރައްޔިތުން ހަނިމާދުއަށް ބަދަލުވުމާ އެކު ހަނިމާދޫގެ އާބާދީ 1600 އަށް ވުރެ މައްޗަށް އެރި އެވެ. ހަނިމާދޫގައި ހަތިފުށީ ރައްޔިތުންނަށް ޢިމާރާތްކުރި ގެތައް ޙަވާލުކުރެއްވުމުގެ ރަސްމިއްޔާތު އޮތީ 2 މޭ 2013 ގައެވެ.

ހަތިފުށި ރިސޯޓެއް ގޮތުގައި ތަރައްޤީކުރަން 12 ސެޕްޓެމްބަރ، 2007 ދުވަހު ސަރުކާރުން ހުޅުވާލިއެވެ. ހަތިފުށީގައި ތަރައްޤީ ކުރުމަށް ހަމަޖައްސަވާފައިވަނީ 200 އެނދުގެ ރިސޯޓް ކަމަށް ޓޫރިޒަމް މިނިސްޓްރީން 2007 ވަނަ އަހަރު ވަނީ ހާމަކުރައްވާފައެވެ.

2008 އޯގަސްޓް 21 ވީ ބުރާސްފަތި ދުވަހު، ހއ.ހަތިފުއްޓަށް މޮނިޓަރިންގ ޒިޔާރަތެއް ކޮށްފައިވެއެވެ. ހއ.ހަތިފުއްޓަކީ ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސްގެ ފަރާތުން އިޖަލެއްގެ ގޮތުގައި ބޭނުންކުރަމުންދާ ރަށެކެވެ. 2008 ޖުލައި 30 ވަނަ ދުވަހުން ފެށިގެން ޤައިދީން ބައިތިއްބަން ފަށާފައިވާ މިރަށުގައި، 8 ގައިދީންނާއި، ޑީ.ޕީ.އާރު.އެސްގެ 8 ޕްރިޒަންސް އޮފިސަރުން އަދި މުވައްޒަފުންގެ ގޮތުގައި 8 މީހަކު މަސައްކަތްކުރަމުން ދިޔަކަމަށް 2008 ވަނަ އަހަރު އެޗްއާރސީއެމް އިން ނެރުނު ރިޕޯޓެއްގައި ފާހަގަކޯށްފައިވެއެވެ.

_________________________

ޝައިޚު އިލްޔާސް ޙުސައިން އިބްރާހީމްގެ ބަސްކޮޅެއް

މިރިޕޯޓު ލިޔުނީ، 1 ޖެނުއަރީ 1999 ގައި، އަޅުގަނޑު އިލްޔާސް ހުސައިން އިބްރާހީމް، ޖަވާހިރުވާދީ މާލެ އެވެ. މި ރިޕޯޓަށް މައުލޫމާތު އެއްކުރެވިފައި ވަނީ، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ނާއި ސެލެކްޓަޑް އައިލެންޑްސް ޑިވެލޮޕްމަންޓް ޔުނިޓުންނާއި ރާއްޖޭގެ އަތޮޅުތަކުގެ އަތޮޅު އޮފީސް ތަކުންނާއި ރަށުއޮފީސް ތަކުންނެވެ. ފަހެ، މިއީ، އޮނަރަބްލް އަބްދުއްރަޝިދު ހުސައިން މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުގައި މިނިސްޓަރެއްގެ ހައިސިއްޔަތުން ހުންނަވައި، އަޅުގަނޑަށް އަމުރުކުރެއްވި ހިނދު، އަޅުގަނޑު ކުރި ބުރަ މަސައްކަތެއްގެ ނަތީޖާއެވެ. މިތާނގައި އަޅުގަނޑު މިގެނެސްދެނީ، ފަހުތިބީންނަށް މި މަސައްކަތަކީ ހެޔޮދަރުމަ ހުރި ކަމަކަށް ވާނެތީއެވެ. އަދި ރާއްޖޭގައި އެއްފަސް ކުރުމުގެ ކަންކަން ހިނގަމުން އައިގޮތުގެ ފެށުން، ހިނގާދިޔަ ގޮތުގެ ތާރީޚީ ފައިދާތަކެއް ހޯދަން ބޭނުންވާ ބަޔަކަށް ފައިދާކުރާނެ އަގުހުރި މަސައްކަތަކަށް ވާތީއެވެ. އަޅުގަނޑުގެ އަމިއްލަ ސައިޓްގައި މިރިޕޯޓު މިގެނެސް ދެނީ ފަހެ، އެމަގްސަދުގަ އެވެ.

_________________________

އިދާރީ ނޯޓެއް: މ.ޖަވާހިރުވާދީ، އައްޝައިޚް އިލްޔާސް ޙުސައިން އިބްރާހީމަކީ، މަޖީދިއްޔާ ސްކޫލާއި ޕާކިސްތާނުގެ ޖާމިޢާ ސަލަފިއްޔާއާއި މަދީނާ ޔުނިވަރސިޓީން ތަޢުލީމު ހާސިލުކުރައްވާފައި ބޭފުޅެކެވެ. ރާއްޖޭގެ އިސްލާމީ މަރުކަޒު ހުޅުވުމާ ގުޅިގެން އެ މަރުކަޒުގެ އިސްލާމިކް ލައިބްރަރީގައި މުސާޢިދު އަމީނުލް މަކްތަބާގެ މަގާމު ގިނަ ދުވަސްތަކެއްވަންދެން ފުރުއްވިއެވެ. އެއަށްފަހު ސިޔާސީ ބައެއް އޮއިވަރުގައި އެތައްފަހަކު ބަންދުވާން ޖެހިވަޑައިގަތެވެ. އޭގެ ފަހުން، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގައި ލީގަލް ސެކްޝަނާއި ރީސެޓްލްމަންޓް ސެކްޝަންގެ އިސްވެރިއެއްގެ ގޮތުގައި ޚިދުމަތް ކުރެއްވިއެވެ. އަދި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ އދ.އަތޮޅު މެންބަރުކަން ވެސް ކުރެއްވިއެވެ. އޭގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް، ކޮންޓްރޯލަރ އޮފް އިމިގްރޭޝަންކަމުގެ މަޤާމު ވެސް ފުރުއްވާފައި ވެއެވެ.

ޝައިޚު އިލްޔާސް ޙުސައިން އިބްރާހީމް ވަނީ، [މަންތިރި] ނަމުގައި ސިޔާސީ މަޖައްލާއެއް ރަޖިސްޓްރީ ކުރައްވައި ޗާޕްކުރައްވައި ނެރުއްވަން މަސައްކަތް ކުރެއްވިއެވެ.

ޝައިޚު އިލްޔާސް ޙުސައިން އިބްރާހީމްގެ މިލިޔުން، ނަކަލުކޮށްފައި މިވަނީ، އޭނާގެ ވެބްސައިޓުންނެވެ. "ތިލަދުންމަތީގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުން" މިސިލްސިލާގެ ދަށުން މިގެނެސްދެނީ "އެއްފަސްކުރުން" މިސުރުޙީގެ ދަށުން ލިޔެފައިވާ ލިއުމުގައި ތިލަދުންމައްޗައް ނިސްބަތްވާ ރަށްރަށާއި ބެހޭގޮތުން ހިމަނާފައިވާ މަޢުލޫމާތެވެ. އެގޮތުން މި ލިއުމުގައި މިވަނީ "ހއ. ހަތިފުށި" އާއި ބެހޭގޮތުން ހިމަނާފައިވާ މަޢުލޫމާތެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *