މި ސެޕްޓެމްބަރ މަސް ނިމުމުގެ ކުރިން ކުޅުދުއްފުށި ސިޓީގެ މަށި ކުޅީގެ ދެކުނަށް އޮތް މަގު ހިނގާ މަގެއްގެ ގޮތުގައި ނުވަތަ "ޕެޑަސްޓްރިއަން ރޯޑެއްގެ" ގޮތުގައި ތަރައްޤީކުރުމަށް އިއުލާނުކުރާނެކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް ވިދާޅުވެއެޖެއެވެ.
މޭޔަރު ޢާޠިފް މިހެން ވިދާޅުވީ އިއްޔެ ހަވީރު ކުޅުދުއްފުށި ސިޓީ މަށި ކުޅީގައި ތަރައްޤީކުރި ވިއުވިންގ ޕްލެޓްފޯމު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޭޔަރ ޢާޠިފް ވިދާޅުވީ، ރައްޔިތުންގެ ހިޔާލާއި އެކީގައި އިއްޔެ ތަރައްްޤީކޮށް ހުޅުވި ވިއުވިންގ ޕްލެޓްފޯމް ފަދަ ފަހަރަކު ތަނެއް ތަރައްޤީއެއްގެ ގޮތުގައި ހިންގިގެން ދާނެގޮތަކަށް ބައްޓަން ކުރެވިގެންދާނެކަމަށް އުންމީދުކުރާކަމަށާއި، މަށި ކުޅި ހިމެނޭ ސަރަހައްދަށް ރަނގަޅު ޕްލޭނަކާއި އެކީގައި ބަޖެޓް ލިބޭ ވަރަކުން ވަކި ތަންތަނުން ޑިވެލޮޕްކުރަމުންދާނެކަށެވެ.
އެގޮތުން، މިމަހުގެ ތެރޭގައި އިއުލާނުކުރެވޭނެ ޕްރޮޖެކްޓެއްގެ ތެރޭގައި ކުޅީގެ ދެކުނަށް އޮތް މަގު އެއީ ހިނގާ މަގެއްގެ ގޮތުގައި ނުވަތަ "ޕެޑަސްޓްރިއަން ރޯޑެއްގެ" ގޮތުގައި ތަރައްޤީކުރުމަށް މިހާރު ކޮންސެޕްޓް ނިންމައި، އިއުލާނު ކުރުމަށް އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދާކަމަށް މޭޔަރ ހާމަކޮށްފައިވެއެވެ.
ކުޅީގެ ދެކުނަށް އޮތް މަގަކީ ހިނގާ މަގެއްގެ ގޮތުގައި ނުވަތަ ޕެޑަސްޓްރިއަން ރޯޑެއްގެ ގޮތުގައި ތަރައްޤީކުރުމަށް އަޅުގަނޑުމެން މިހާރު ކޮންސެޕްޓް ނިންމާފައި އިއުލާނުކުރުމަށް މައުލޫމާތު ކަރުދާސް އެންމެ ފަހުގެ މަސައްކަތްތައް ކުރެވެމުން އެ ދަނީ. އިރާދަކުރެއްވިއްޔާ ސެޕްޓެމްބަރ މަސް ނިމުމުގެ ކުރިން އަޅުގަނޑުމެންނަށް އެ ޕްރޮޖެކްޓް އިއުލާނު ކުރެވޭނެ.
މޭޔަރ ޢާޠިފް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، މޭޔަރ އެންމެ ފުރަތަމަ ކުޅުދުއްފުށީގެ ބައެއް މަގުތަކަކީ ހަމައެކަނި ހިނގާފައިއުޅޭ މަގުތަކެއްގެ ގޮތުގައި ތަރައްޤީކުރުމުގެ ޚިޔާލު ރައްޔިތުންނާއި ހިއްސާކުރީ މި އަހަރު ޖުލައި މަހު ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ޚިޔާލު ފާޅުކުރައްވައި މޭޔަރ ޢާޠިފް ވިދާޅުވެފައިވަނީ ކުޅުދުއްފުށި ސިޓީގެ ބައެއް މަގުތައް މިގޮތަށް ތަރައްޤީކުރުމަށް ތަންފީޒުކުރާނީ އެ ސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތުން ރުހޭކަމަށްވާނަމައެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލަކީ މިފަދަ ބޮޑެތި ނިންމުންތަކުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ ދަށުން އަމަލުކުރަމުން، ރައްޔިތުންގެ މަންފާއަށް އަބަދުވެސް މަސައްކަތް ކުރާ ކައުންސިލެއްކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!