ރަށްވެހިކަމުގެ ފަތިސް

ރަށްވެހިކަމުގެ ފަތިހަކަށް އަލިދަންމަތިކޮށްދެއްވި ބޭފުޅަކީ، އަލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާކިލެގެފާނެވެ. އެގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ހުރަހަށާއި ދިގަށް 25 ފޫޓް ފުޅާމިނުގެ މަގެއް ހެއްދެވިއެވެ. ރައްޔިތުންލައްވައި އުވަދަވައިގެން އެމީހުން ލައްވައި މަސައްކަތް ކުރުވައިގެން އެމަގުތަކުގެ ދެފަރާތުގައި 5 ފޫޓު އުސްކޮށް ފާރު ރޭނުއްވިއެވެ. ރައްޔިތުންގެ މެދުގައި ވާދައިގެރޫޕެއް އުފައްދައިގެން ކުރުވި އެ މަސައްކަތުގައި އިސްކޮށް ޙަރަކާތްތެރިވި މީހުންނަށް ކަލޭފާނުކަމުގެ ލަގަބު ދެއްވިއެވެ. (އެ ދުވަސްވަރު އެ މީހެއްގެނަމުގެ ތެރެއަށް ދީދީ" އަންނަ މީހަކަށް "ކަލޭގެފާނު" ކަމުގެ ލަގަބު ނުދެވެ އެވެ. އެއީ އެ ލަގަބަށްވުރެ "ދީދީ" އިސްވުމުންނެވެ.)

Ad
rt

ރަށްވެހިކަމުގެ މަސައްކަތަކީ، ރާއްޖޭގައި ބަލިމަޑުކަން އިންތިހާއަށް ގިނަވަމުންދާތީ، ރާއްޖެއިންބޭރުން ޑޮކްޓަރުންގެ ޓީމެއް ގެނެސްގެން ކުރެވުނު ސާރވޭ ރިޕޯރޓަކާއި ގުޅިގެން ކުރެވުނު މަސައްކަތެކެވެ. އެ މަސައްކަތުގެ ސަބަބުން މަދިރި އުފެދު ތަންތަނާއި، ކުނިގޮނޑުތައް ނައްތާލެވި ރަށްރަށުގެ އާބުހަވާއަށް ދުޅަހެޔޮކަން ލިބިގެންދިޔަ އެވެ. އެ ކަމަކަކީ، އަލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ދެމެހެއްޓެނިވި ޚިދުމަތްތަކުގެތެރޭ ހިމެނޭ ވަރަށްމަތީވެރި ޚިދުމަތެވެ.

މިހާރު 2011މ.) ވެސް އަތޮޅުތަކުގެ ބައެއް ރަށްރަށުގައި އެ ދުވަސްވަރު ރޭނި ފާރުތައް އެބަހުއްޓެވެ. އަލްއަމީރު މުޙަންމަދު އަމީނު ދޮށިމޭނާކިލެގެފާނު ފެއްޓެވި ރަށްވެހިކަމުގެ މަސައްކަތަށް މުޅިހުވަދުއަތޮޅަށް އެންމެބޮޑު ހޭދައެއް ކުރެއްވީ މޫސާ މަނިކުފާނެވެ. ހަވަރުތިނަދުއަށް އެންމެބޮޑު ހޭދައެއްކުރެއްވީ، ޙާޖީ މުޙަންމަދު ކަލޭފާނެވެ. ގައްދުއަށް އެންމެބޮޑު ހޭދައެއްކުރެއްވީ ގައްދޫ އިސްމާޢީލް ކަލޭފާނެވެ. ވިލިނގިއްޔަށް އެންމެބޮޑު ހޭދައެއް ކުރެއްވީ އެރަށު މުދިމް ކަލޭފާނެވެ. ގައްދޫގައި ކުރެވުނު މަސައްކަތުގެތެރޭ ރަށުގެ ދިގުމަގު ހެދުމަށްޓަކައި ރަށުގައިއޮތް ވަރަށްބޮޑު ޗަސް ބިމެއް ހިއްކި އެވެ. ކޮނޑޭގައި ބޯޅަދަނޑެއް ހަދައި ބޯޅަ ކުޅެވުނެވެ. ދަނޑުހެދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވީ، އެ ދުވަސްވަރު ހުވަދުއަތޮޅުގެ އެންމެއިސް ސަފުގައި ޙަރަކާތްތެރިވި ބޭކަލުންނެވެ.

(ނޯޓް: މަތީގައިވާ މަޢުލޫމާތު ނަގާފައިވަނީ އަލްމަރުހޫމް އަލީ ނަޞީރު ލިއުއްވާފައިވާ "ނަސީރުގެ ލިއުއްވުން ތަކުން ދޭއް" މިނަމުގައި "ގަލަހިރި" ވެބްސައިޓުގައި ލިއުއްވާފައިވާ މަޒުމޫނަކުން ނަކަލު ކުރެވިފައިވާ މަޢުލޫމާތު ތަކެކެވެ.

ރަށްވެހިކަމުގެ މުބާރާތުގެ ފިރިހެނުންގެ ނަތީޖާފާޅުކުރުން

އޭރުގެ ވަޒީރުއްދާޚިލިއްޔާ އަލްއަމީރު މުޙައްމަދު އަމީނުގެ ހަރުދަނާރޭއްވެވުމާ އެއްގޮތްވާގޮތުގެމަތީން ރާއްޖޭގެ އެކިއެކި ރަށްރަށުގައި ފޯރިއާއެކު ކުރެވެމުން ދިޔަ ރަށްވެހިކަމުގެ މަސައްކަތަށް ސަރުކާރުގެ ފަރާތުން އިންސާފުކުރެއްވުމަށްފަހު ފުރަތަމަ ނަތީޖާ ފާޅުކުރެވުނީ 1369 ވަނަ އަހަރުގެ ތެރޭގައެވެ.

އެއީ 1956 ވަނަ އަހަރެވެ. އެއަހަރުގެ އެޕްރީލް މަހުގެ 15 ވަނަދުވަހުގެރޭ (1369 ވަނައަހަރުގެ ޖުމާދަލްއާޚިރާމަހުގެ ވިލޭރޭގެ) ރަށްވެހިކަމުގެ މުބާރާތުގެ ފިރިހެނުންގެ ނަތީޖާފާޅުކުރުމުގެ ޖަލްސާ މާލޭގައި ބޭއްވުނެވެ. މިޖަލްސާ އޮތީ ނާދީއްތަމައްދުން (މިހާރުގެ ރައްޔިތުންގެ މަޖްލީސް ކުރާގެ) ގައެވެ. ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ އަލްއަމީރު މުހައްމަދު އަމީނެވެ.

އެޖަލްސާގައި ފައުޅުކުރެވުނު ނަތީޖާގައި ފިރިހެނުންނަށް ޚާއްޞަ ކުރެވިފައިވާ ރަށްވެހިކަމުގެ މުބާރާތުން ތިންވަނަ ލިބިފައިވަނީ ތިލަދުންމައްޗަށެވެ. ދެވަނަ ލިބިފައިވަނީ އަރިއަތޮޅެވެ. އެއްވަނަ ހޯދާފައިވަނީ މާޅޮސްމަޑުލު ދެކުނުބުރިއެވެ.

މުޅި ރާއްޖެއިން އެއްވަނައަށް އައުމުގެ ފަޚުރު ޙާޞިލުކުރި ރަށަކީ މާޅޮސްމަޑުލުދެކުނު ބުރީ އޭދަފުށްޓެވެ. އޭދަފުށްޓަށް ލިބުނު ނައިބުގޭ ތުއްތުމަނިކަށާއި، އަލްފާޟިލް ކުޑަދަހަރާގޭ އިބްރާހީމްދީދީއަށް ވެސް ތާރީފުގެ ބަސްތައް ރައްދުކުރެވުނެވެ.

1 މުޙައްރަމް 1371 (1952) މީގެ 70 އަހަރުކުރިން ބޭއްވުނު ރަށްވެހިކަމުގެ ގައުމީ މުބާރާތް، ފިރިހެން/އަންހެން،
އަތޮޅުތަކުން 1ވަނަ އަދި މުޅިރާއްޖެއިން 1ވަނަ 2ވަނަ 3ވަނަ ހޮވައި އިނާމުދިނުން...
ފިރިހެން/އަންހެން 2 މުބާރާތުންވެސް 1ވަނަ އަތޮޅު ތިލަދުންމަތި އަދި 2 މުބާރާތުންވެސް 1ވަނަ ރަށް ކުޅުދުއްފުށި..

މަތީގައިއެވަނީ ފަތްތޫރައިގައި އަލްއުސްތާޛުލް މަރްޙޫމް ޢަބްދުﷲ ޙަމީދު ލިޔުއްވި ސިލްސިލާ މަޒުމޫނު "ރަށްވެހިކަމުގެ ފަތިސް..... ރާއްޖެތެރެއަށް" މިމަޒުމޫނުން ނަގާފައިވާ މަޢުލޫމާތުތަކެކެވެ. މި މިއީ ވަރަށް ގިނަ މައުލޫމާތު ލިބެނިވި ފުރިހަމަ މަޒުމޫނުތަކެކެވެ.