ދިވެހިރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ މީހުން އެފަދަ މަސައްކަތްތެރިންނާމެދުވާ އިހުމާލުވާމެދު މި މަހުގެ 15ވަނަ ދުވަހުން ފެށިގެން އެކްސްޕެޓް ޕޯޓަލް މެދުވެރިކޮށް ފިޔަވަޅުއަޅަން ފަށާނެކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީން ބުނެފިއެވެ.

އެކަން އަންގައި އެ މިނިސްޓްރީން ކުރި ޢިއުލާނެއްގައި ބުނީ ވަޒީފާއާބެހޭ ޤާނޫނުގެ 8 ވަނަ އިޞްލާޙުގައިވާ ގޮތުގެމަތިން، ވަޒީފާއާއިބެހޭ ޤާނޫނުގެ 7-65 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކާއި، ޚާއްޞަކޮށް ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މުވައްޒަފަކު ގެނައުމަށްފަހު އެފަރާތާމެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތައް -/50،000ރ (ފަންސާސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

Ad
rt

މީގެ އިތުރުން އެ ޤާނޫނުގެ 7-65 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި ނުހިމެނޭ ކަންކަމުގައި، ޤާނޫނުގެ 8-65 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން -/100،000ރ (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން، 15 ސެޕްޓެމްބަރު 2025 އިން ފެށިގެން، ބިދޭސީ މަސައްކަތްތެރީންނާ ގުޅޭ އިދާރީ ކަންކަން ބަލަހައްޓާ އެކްސްޕެޓް ޕޯޓަލް މެދުވެރިކޮށް މި ފިޔަވަޅުތައް ތަންފީޛު ކުރަމުންދާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީން ބުނެފަވެއެވެ.

އެ މިނިސްޓްރީން ބުނީ ވަޒީފާދޭ ފަރާތުން ޖޫރިމަނާގެ ފައިސާ ދައްކާ ޚަލާސް ކުރުމުން މެނުވީ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އިތުރު އެއްވެސް ޚިދުމަތެއް ފޯރުކޮށް ނުދޭނެކަމަށެވެ.

ވަޒީފާއާއިބެހޭ ޤާނޫނުގެ 7-65 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް

(1) ބިދޭސީ މަސައްކަތްތެރިން ދިވެހިރާއްޖެ ގެނައުމަށްފަހު، އެފަރާތްތަކާމެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތަކުގެ މަޢުލޫމާތު ޢާންމުކުރުން؛

(2) އިހުމާލުވާ ކޮންމެ މުވައްޒަފަކަށް -/50,000 (ފަންސާސްހާސް ރުފިޔާ) ގެ މަގުން ޖޫރިމަނާކުރުން؛

(3) ތަކުރާރުކޮށް އިހުމާލުވުމުގެ ޢަމަލުތައް ހިންގާ ވަޒީފާދޭ ފަރާތްތަކާމެދު މި އަކުރުގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޖޫރިމަނާކުރުމުގެ އިތުރުން، މި ޤާނޫނުގެ ދަށުން ބިދޭސީ މަސައްކަތްތެރިންނާ ގުޅޭގޮތުން ވަޒީފާދޭ ފަރާތަށް ދޭ ޚިދުމަތްތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ވަކި މުއްދަތަކަށް ހުއްޓާލުން.