ނޭޕާލު ސަރުކާރާ ދެކޮޅަށް އެ ގައުމުގެ ޒުވާނުން ކުރަމުންދާ މުޒާހަރާތައް ހޫނުވެ، ގައުމުގެ ޕާލަމަންޓު އިމާރާތުގައި މުޒާހަރާކުރާ ފަރާތްތަކުން އަލިފާން ރޯކޮށްލާފައިވާ ކަމަށް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ، މުޒާހަރާތަކަށް ގަދަބާރުން ހުއްޓުވުމުގެ ސަބަބުން މީހުން މަރުވުމާ ގުޅިގެން، ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ މިއަދު އިސްތިއުފާ ދެއްވުމަށްފަހުއެވެ.
ޕާލިމަންޓު ސެކްރެޓޭރިއަޓުގެ ތަރުޖަމާނު އެކްރަމް ގިރީ ވިދާޅުވެފައިވާގޮތުގައި އެތައް ސަތޭކަ ޒުވާނުން ޕާލަމެންޓު ސަރަހައްދަށް ވަދެ، މައި އިމާރާތުގައި ވަނީ އަލިފާން ރޯކޮށްލާފައެވެ.
އެ ގައުމުގައި ހިންގާފައިވާ ކާފިއު އަމުރާ ޚިލާފަށް މުޒާހަރާކުރާ ފަރާތްތަކުން ވަނީ ގައުމުގެ ޕާލަމެންޓަށް ވަދެ އިމާރާތަށް އަލިފާން ރޯކޮށްފައެވެ. މީގެ ކުރިން، އެމީހުން ވަނީ ގައުމުގެ އެންމެ ބޮޑު ޕާޓީ ކަމަށްވާ ނޭޕާލީ ކޮންގްރެސްގެ އޮފީހަށާއި، ގިނަ އަދަދެއްގެ ފާހަގަކޮށްލެވޭ ސިޔާސީ ފަރާތްތަކުގެ ގެތަކަށް ވެސް ވަދެގަނެ ރޯކޮށް ގެއްލުން ދީފައެވެ.
މުޒާހަރާތައް ވަރަށް ހޫނުވެފައިވުމާއެކު ވެރިރަށް ކަތަމަންޑޫ އިންޓަނޭޝަނަލް އެއަރޕޯޓު ވަގުތުން ބަންދުކޮށްފައިވާއިރު، ކަތަމަންޑޫގެ މޭޔަރު ބަލެންދްރާ ޝާހް ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޒުވާނުން ''މެރި މީހާ' އިސްތިއުފާ ދީފައިވާކަމަށް ވިދާޅުވެ، ގައުމަށް ލިބޭ ގެއްލުމަކީ އެންމެނަށް ލިބޭ ގެއްލުމެއްކަމަށް ވިދާޅުވެފައެވެ.
"ތިޔަބައި މީހުން މަރަމުން އަންނަ މީހާ ވަނީ އިސްތިއުފާ ދީފައި، ގައުމުގެ ވަސީލަތްތައް ގެއްލުމަކީ އެންމެންގެ ގެއްލުމެއް، އާންމު މުދަލަށް ގެއްލުން ނުދިނުމަށް އެދެން، މިހާރު ކެތްތެރިވާން ޖެހޭނެ. މިހާރު، ތިޔަ ޒުވާން ޖީލުން ގައުމު ކުރިއަށް ގެންދަން ޖެހޭނެ. ތައްޔާރުވޭ! ސިފައިންގެ އެންމެ އިސްވެރިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރުވޭ" އޭނާ ލިޔުއްވާފަވެއެވެ.
ބޮޑުވަޒީރު އޮލީ އިސްތިއުފާ ދެއްވުމުގެ ކުރިން، އޭނާގެ ތިން ވަޒީރުން ވެސް ވަނީ ސަރުކާރުގެ ކޮރަޕްޝަނާ ގުޅޭގޮތުން ހިނގި މުޒާހަރާތަކުގައި 19 މީހުން މަރުވުމާ ގުޅިގެން އިސްތިއުފާ ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!