ހދ. ނައިވާދޫ ބަނދަރު މަރާމާތު ކުރުމުގެ މަޝްރޫޢުގެ 39 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން މަޢުލޫމާތު ދީފިއެވެ.

މި ވަގުތު ބަނދަރުގެ ސަރަހައްދުގައި ބަނދަރު ތޮށިލުމާއި ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

Ad
rt

މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. ރަށުގެ ހުޅަނގު ދެކުނު ފަރާތުގައި ހަދަމުންދާ މި ބަނދަރުގެ މަސައްކަތުގެ ތެރޭގައި 72،257.88 ކިއުބިކް މީޓަރުގެ ފުންކުރުމާއި، ކޮނުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢުގެ ދަށުން 398.30 މީޓަރުގެ ބޭރުތޮށްޓާއި ރިވެޓްމަންޓް އަދި 231 މީޓަރުގެ ކީވޯލް ސްޓްރަކްޗަރ އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، ބަނދަރުގައި ބައްތި ހަރުކުރުމާއި ޕޭވްމަންޓް އެޅުމުގެ މަސައްކަތްވެސް ހިމެނެއެވެ.

މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރޭގައި 409 މީޓަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތާއި، 231 މީޓަރުގެ ޕްރީކާސްޓް އެލް ބްލޮކް ކީވޯލް އެޅުމާއި، 2،087.85 އަކަ މީޓަރުގެ ބަނދަރު ޕޭވްކުރުމާއި، 95 މީޓަރުގެ ޖެޓީއެއް އެޅުން ހިމެނެއެވެ.

ނައިވާދޫގެ ބަނދަރު މަރާމާތު ކުރުމުގެ މަޝްރޫޢަކީ ރަށުގެ ބަނދަރުގެ ޚިދުމަތްތައް ފުޅާކޮށް، ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ބަނދަރުގެ ޚިދުމަތް ލިބިދިނުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެއް ކަމަށް އެމްޓީސީސީން ފާހަގަކޮށްފައިވެއެވެ.