ގައުމީ ކުތުބުޚާނާއަށް ތަކެތި ހަދިޔާކުރުމުގެ ޕްރޮގްރާމް މިއަދު ފަށައިފިއެވެ.

މިޕްރޮގްރާމުގެ ސަބަބުން ކުތުބުޚާނާއަށް ތަކެތި ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެތަނުން ވިދާޅުވިއެވެ.

Ad
rt

މި ޕްރޮގްރާމު ހިންގުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މިމަހުގެ 26 އަށެވެ. އެ މުއްދަތުގައި ހަދިޔާކުރުމަށް ހުރި ފޮތް، ބޯޑް ގޭމްސް އަދި ކުޅޭ ސާމަނު ފަދަ ތަކެތި އެއްކުރަށްވާ ކުތުބުޚާނާގެ ނަންބަރު 3007200 އަށް ގުޅުއްވުމުން ބަލާ ގޮސްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ދެ ހަފްތާއެއްގެ މުއްދަތަށް ހިންގޭ މިޕްރޮގްރާމްގެ މަޤްސަދަކީ ކުތުބުޚާނާގެ ކަލެކްޝަންތައް ތަރައްޤީކުރުމެވެ. ތަކެތި ބަލާ ދިޔުމަށް ހަމަޖެހިފައިވާ ވަނީ ހެނދުނު 9:00 ން ހަވީރު 4:00 އަށެވެ. އަދި އެ މުއްދަތުގައި ގައުމީ ކުތުބުޚާނާއާއި ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީގައި މިފަދަ ތަކެތި ޖަމާކުރުމަށް ފޮށްޓެއް ބެހެއްޓިފައި ހުންނާނެ ކަމަށް ވެސް ކުތުބުޚާނާއިން މައުލޫމާތުދެއެވެ.

މިއީ އެ ކުތުބުޚާނާއަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތެކެވެ.