ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށްފަށާ މުބާރާތެއްކަމަށްވާ، އެޓޯލް ޗެމްޕިއަންޝިޕް 2025/2026 ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް އެފްއޭއެމް އިން ފުރުސަތު ހުޅުވާލީ ފާއިތުވި އޮގަސްޓް މަހިގެ 17 ވަނަ ދުވަހުއެވެ. އެ ފުރުސަތުގެ މުއަދަތު ހަމަވީ މި ހިނގާ ސެޕްޓެމްބަރ މަހުގެ އެއްވަނަ ދުވަހުއެވެ. ނަމަވެސް ބައެއް ފަރާތްތަކުން މުއްދަތު އިތުރު ކުރުމަށް އެދެމުންދާތީ އެފްއޭއެމް އިން މިހާރު ވަނީ ބައިވެރިވުމުގެ މުއަދަތު މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފައެވެ.

Ad
rt

އެފްއޭއެމް އިން މިއަދު ބުނީ އެ އިދާރާއިން އަލަށް އެކުލަވާލި ރާއްޖޭގެ ފުޓްބޯޅަ ލީގުގެ އޮނިގަނޑުގެ ދަށުން، ރާއްޖެ ހަތަރު ރީޖަނަކަށް ބަހާލައި، އޭގެ ތެރޭގައި އަތޮޅުތަކަށް ނިސްބަތްވާ 3 ރީޖަންގައި މިއަހަރު ފެށުމަށް ތާވަލުކޮށްފައިވާ "އެޓޯލް ޗެމްޕިއަންޝިޕް" ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ރަށްތަކަށް މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުމުން ގިނަ ރަށްތަކަކުން މިހާތަނަށް މުބާރާތުގައި ބައިވެރިވެފައިވާ ކަމަށެވެ.

އެފަހަރު ފުރުސަތު ހުޅުވާލެވިފައިވަނީ ރަށްރަށުގެ ކައުންސިލުން ބައިވެރިކުރާ ޓީމެއް ނުވަތަ ރަށްރަށުގެ ކައުންސިލުން އެންޑޯޒް ކުރާ ޓީމުތަކަށް އެކަނި ބައިވެރިވެވޭ ގޮތަށެވެ.

އެފްއޭއެމް އިން ބުނީ އިތުރު ފުރުސަތެއް ދިނުމަށް ނިންމީ އެ ރަށެއްގެ ރަށު ކައުންސިލުން، މުބާރާތުގައި ބައިވެރިވާން ބޭނުންނުވެ، އަދި ޓީމެއްވެސް އެންޑޯޒްކުރަން ބޭނުންނުވާ ހާލަތްތައް ބައެއް ރަށްރަށުގައި މެދުވެރިވުމުން އެ ރަށު ޖަމިއްޔާތަކުން ފުރުސަތަށް އެދެމުން އަންނާތީ ކަމަށެވެ.

އެޓޯލް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

އެފްއޭއެމް އިން މިއަދު ނެރެފައިވާ އިއުލާނުގައި ވަނީ މުބާރާތުގައި ކްލަބް ބައިވެރިކުރުމުގައި އިސްކަންދޭނެ ތަރުތީބު ވެސް އާންމުކޮށްފައެވެ.
• މުބާރާތުގައި ބައިވެރިވާ ރަށުގެ ކައުންސިލުން ކޮމިޝަނަރ އޮފް ސްޕޯރޓްސްގައި ރަޖިސްޓްރީކޮށްފައިވާ ކްލަބް.
• މުބާރާތުގައި ބައިވެރިވާ ރަށުގެ ކައުންސިލުން އެންޑޯޒް ކޮށްފައިވާ އެ ރަށަކަށް ނިސްބަތްވާ ކްލަބެއް.
• މުބާރާތުގައި ބައިވެރިވާ ރަށަށް ނިސްބަތްވާ ކްލަބެއް (އެއް ކްލަބަކަށްވުރެ ގިނަ ކްލަބް ރަޖިސްޓްރީ ކޮށްފިނަމަ، އެފްއޭއެމްއިން ގުރު ނަގައިގެން އެ ރަށް ތަމްސީލުކުރާ ކްލަބެއް ކަނޑައެޅުން)
ދެވަނަ ފުރުސަތުގެ ދަށުން މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު league@famaldives.com އަށް ފޮނުވުމަށް އެފްއޭއެމް އިން އެދެއެވެ.

އަތޮޅުތެރޭގެ ތިން ސަރަހައްދު ޒޯންތައް ބަހާލާފައިވާ ގޮތް:
އުތުރު ރީޖަންގެ ޒޯން 1: ހއ. ހދ. އަދި ށ.
އުތުރު ރީޖަންގެ ޒޯން 2: ނ. ރ. ބ. އަދި ޅ.
ސެންޓްރަލް ރީޖަންގެ ޒޯން 1: ކ. އއ. އަދި އދ.
ސެންޓްރަލް ރީޖަންގެ ޒޯންގެ 2: ވ. މ. ފ. އަދި ދ.
ދެކުނު ރީޖަންގެ ޒޯންގެ 1: ތ. ލ. އަދި ގއ.
ދެކުނު ރީޖަންގެ ޒޯންގެ 2: ގދ.، ފުވައްމަލަށް އަދި އައްޑޫ
މި މުބާރާތަކީ ރާއްޖޭގެ އަތޮޅުތަކުގެ ފުޓްބޯޅަ ކުރިއެރުވުމަށާއި، ރަށްރަށުގެ ކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނުމަށް އެފްއޭއެމްއިން ކުރިއަށްގެންދާ މުހިންމު މުބާރާތެކެވެ.

މިއީ އެފްއޭއެމްގެ އައު އެސްކޯގެ ދަށުން ބާއްވާ މުބާރާތެކެވެ. ފީފާއިން އައްޔަން ކުރި ނޯމަލައިޒޭޝަން ކޮމިޓީގެ ބެލުމުގެދަށުން އެފްއޭއެމްގެ އެސްކޯގެ އިންތިޚާބު ބާއްވާފައި ވަނީ 26 ޖުލައި 2025 ގައެވެ. އެ ދުވަހު ވަނީ އެ އެސޯސިއޭޝަންގެ ރައީސްކަމަށް ކުރިން ވެސް އެ މަގާމު ފުރުއްވާފައިވާ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް (ޓޮމް) މިއަދު އިންތިޚާބުކޮށްފައެވެ.

ރާއްޖޭގެ 4 ސަރަހައްދެއްގައި ރީޖަނަލް އެސޯސިއޭޝަން ހަދައި އެ ރީޖަންތަކުން އެފްއޭއެމްްގެ ކަންކަމުގައި ބަސްކިޔުމުގެ ފުރުސަތު ހޯދައިދިނުމަކީ ޓޮމްގެ ވައުދެކެވެ.