އުރީދޫ މެދުވެރިކޮށް އައިފޯން 17 އޯޑަރު ކުރި ފަރާތްތަކަށް ފޯނުތައް ހަވާލުކުރުމަށް އުރީދޫގެ ހުޅުމާލޭ މައި އޮފީހުގައި ލައިވް މިޔުޒިކާއި އެކު ފޯރިގަދަ ޝޯއެއް މިރޭ ކުރިއަށްގެންދިއުމަށް ނިންމައިފި އެވެ.

މިރޭ 9:30 އިން ފެށިގެން 11:30 އާ ހަމައަށް ކުރިއަށްދާ މި ޝޯގައި މޯލްޑިވިއަން އައިޑަލްގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ އަބްދުﷲ ފާލިހު އާދަމާއި ބަޖިއްކޮގެ ހުށަހެޅުންތައް ފެނިގެންދާނެ ކަމަށް އުރީދޫން މަޢުލޫމާތު ދީފައިވެއެވެ.

Ad
rt

އުރީދޫގެ އީކޮމާސް ޕްލެޓްފޯމު މެދުވެރިކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 12:02 ގައި އައިފޯން 17 ޕްރޯ އަދި އައިފޯން 17 ޕްރޯ މެކްސް ޕްރީ އޯޑަރަށް ހުޅުވާލި ފުރުސަތުގައި ގިނަ ބަޔަކު ވަނީ ފޯނަށް އޯޑަރު ދީފައެވެ. އަދި މިރޭ ދަންވަރު 12:01 ގެ ފަހުން ޕްރީ އޯޑަރު ކުރި ފަރާތްތަކަށް ފޯނު ދޫކުރަން ފަށާނެ ކަމަށް އުރީދޫން ބުނެފައިވެއެވެ.

އެޕަލްގެ ފޯނުތަކަކީ ދިވެހިންގެ މެދުގައި މަގުބޫލު އެއްޗަކަށް ވާއިރު، އެންމެ ފަހުގެ ޓެކްނޮލޮޖީ ވަސީލަތްތައް ވީހާވެސް އަވަހަކަށް ދިވެހިންނަށް ފޯރުކޮށްދިނުމަށް އުރީދޫން މަސައްކަތްކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މިދިޔަ ހަފުތާގައި އެޕަލް ކުންފުނިން ނެރުނު އައިފޯން 17 ސީރީޒްގައި ހިމެނެނީ އައިފޯން 17، 17 އެއާ، 17 ޕްރޯ، އަދި ޕްރޯ މެކްސްއެވެ. މިފަހަރުގެ ސީރީޒްގައި ކުރީގެ މޮޑެލްތަކާ އަޅާބަލާއިރު އެންމެ ބޮޑު ތަފާތަކީ 128 ޖީބީގެ އިންޓަރނަލް ސްޓޯރޭޖްގެ ބަދަލުގައި 256 ޖީބީގެ އިންޓަރނަލް ސްޓޯރޭޖް ހިމަނާފައިވުމެވެ.