ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ފަރާތުން ޣާއްޒާގެ މައްސަލައިގައި އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާތީ، އިސްރާއީލާ ދެކޮޅަށް ވަކިވަކި ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅަން ބެލްޖިއަމުން ނިންމައިފިއެވެ.

މި ނިންމުމަކީ އީޔޫގެ އެހެން މެމްބަރު ޤައުމުތަކާ ތަފާތު އަދި އީޔޫގެ އާންމު ސިޔާސަތާ ޚިލާފު ކަމެކެވެ.

Ad
rt

ބެލްޖިއަމްގެ ޚާރިޖީ ވަޒީރު މެކްސިމް ޕްރެވޯ ވިދާޅުވެފައިވާ ގޮތުގައި، ޣާއްޒާގައި ކުރިއަށްދާ ހަމަލާތަކާ ގުޅިގެން އީޔޫއިން އަޅާފައިވާ ފިޔަވަޅުތައް އެކަށީގެންވާ މިންވަރަށްވުރެ މާ ކުޑައެވެ. އެހެންކަމުން، އީޔޫގެ ފަރާތުން އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅުމުން، އީޔޫގެ އެހެން މެމްބަރު ޤައުމުތަކާ ތަފާތު އަދި އީޔޫގެ އާންމު ސިޔާސަތާ ޚިލާފު ނަމަވެސް ބެލްޖިއަމުން ވަނީ އަމިއްލައަށް އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމާފައެވެ.

ބެލްޖިއަމުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، އިސްރާއީލްގެ އަނިޔާވެރި ބިންވެރިންނާއި، ބިންވެރިންގެ ޖަމާޢަތްތަކާއި، ދެކޮޅަށް އަޅާ ފިޔަވަޅުތައް ހިމެނެއެވެ.

މީގެ އިތުރުން، އިސްރާއީލަށް ހަތިޔާރު އެކްސްޕޯޓް ކުރުމާއި، ބެލްޖިއަމް މެދުވެރިކޮށް ހަތިޔާރު ޓްރާންސިޓް ކުރުން މަނާކުރުންވެސް މި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެއެވެ.

މިކަމުގެ ސަބަބުން، އިސްރާއީލަށް ހަތިޔާރު ލިބޭނެ މަގުތަކެއް ދަތިވެގެން ދާނެ ކަމަށް ބެލެވެއެވެ.

ޚާޒިޖީ ވަޒީރު ޕްރެވޯ ވިދާޅުވީ، ބެލްޖިއަމްގެ މި ނިންމުމަކީ ޔޫރަޕިއަން ޔޫނިއަންގެ ތެރެއިން އެންމެ ކުރީ ސަފުގައި ހުރެ، ބައިނަލްއަޤްވާމީ ޑިޕްލޮމަސީގައި ބެލްޖިއަމްގެ އިތުބާރު އިތުރުކޮށްދޭނެ ނިންމުމެއް ކަމުގައެވެ. މިކަމުގެ ސަބަބުން ގާޒާގެ މައްސަލައިގައި ބެލްޖިއަމްގެ ސިޔާސަތު އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ފިޔަވަޅުތަކުގެ އިތުރުން، ބެލްޖިއަމުން ވަނީ ފަލަސްޠީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ދެ މަރުޙަލާއެއްގެ ޕްލޭނެއް އެކުލަވާލާފައެވެ. ފުރަތަމަ މަރުޙަލާގައި، ނިއު ޔޯކް ޑެކްލަރޭޝަން މެދުވެރިކޮށް ސިޔާސީ އަދި ރަމްޒީ ގޮތުން ފަލަސްޠީނު ބަލައިގަތުން ހިމެނެއެވެ. ދެވަނަ މަރުޙަލާގައި، ޤާނޫނީ ގޮތުން ފަލަސްޠީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުން ހިމެނެއެވެ. ނަމަވެސް މި މަރުޙަލާ ފެށޭނީ ހަމާސްގެ ބާރު ފަލަސްޠީނު އިދާރާތަކުން ނައްތާލުމަށްފަހު، އަދި ހަމާސްއިން ހިފަހައްޓާފައިވާ ރަހީނުން ދޫކޮށްލުމަށްފަހުގައެވެ.

މި ޕްލޭނުން ދައްކުވައިދެނީ ގާޒާގައި ދެމިހުރި ހަމަނުޖެހުންތަކަށް ސިޔާސީ ހައްލެއް ހޯދުމަށް ބެލްޖިއަމުން ކުރާ މަސައްކަތެވެ.