ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އަޒަރްބައިޖާންގެ ރައީސް އިލްހާމް އަލިޔޭވްއާ ބައްދަލުކުރައްވައިފިއެވެ.

ރައީސް މުޢިއްޒު ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އެ ޤައުމުގެ ރައީސް ޝީ ޖިންޕިންގގެ ދަޢުވަތަކަށް، އެސް.ސީ.އޯ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

Ad
rt

ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގެ ހަވާސާގައި ރައީސް މުޢިއްޒު، އަޒަރުބައިޒާންގެ ރައީސް އަލިޔޭވްއާއެކު ބޭއްވެވި ބައްދަލުވުމުގައި ދެޤައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވެފައިވާކަން ދެރައީސުން ފާހަގަކުރެއްވިއެވެ. އަދި އިޤުތިޞާދީ ދާއިރާއިން އެއްބާރުލުން އިތުރުކޮށް، ދެޤައުމުގެ ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުޞަތުތައް އިތުރުކުރުމަށް މަޝްވަރާކޮށްފަވެއެވެ.

މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ، މިދިޔަ އަހަރު ބޭއްވުނު ކޮޕް29 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އަޒަރުބައިޖާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނަށް ދެއްވި މެހުމާންދާރީއަށްޓަކައި، ރައީސް އަލިޔޭވްއަށް ޝުކުރު އަދާކުރައްވާފައެވެ.

ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ދޭދޭ ގުޅުންތައް ބަދަހިކުރުމަކީވެސް މި ބައްދަލުވުމުގައި އިސްކަންދެވުނު ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި ބައްދަލުވުން ނިމުމުގެ ކުރިން ދެރައީސުންވެސް ވަނީ، ކުރިއަށް އޮތް ތަނުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ގުޅިގެން އިތުރަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މިދަތުރުފުޅުގެ ތެރެއިން ރައީސް އިއްޔެ ވަނީ ނޭޕާލްގެ ބޮޑުވަޒީރު ރައިޓް އޮނަރަބަލް ކޭ.ޕީ. ޝަރްމާ އޮލި އާއި ހޯމަ ދުވަހު ބައްދަލުކުރައްވާފައެވެ. އަދި ރައީސްގެ މިދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ އާދީއްތަ ދުވަހު ހެނދުނު ބައްދަލުކުރަށްވާފައެވެ.