ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާ އަށް ކުރަށްވާ ރަސްމީ ދަތުރުފުޅެއްގައި ރޭ ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގ ގެ ދަޢުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ޤައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދިންގޮތުގައި މި ދަތުރުފުޅުގައި ރައީސް މުޢިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއި އެހެނިހެން ޤައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރައްވާނެއެވެ. އަދި އެސް.ސީ.އޯ ސަމިޓުގެ މަތީ ފަންތީގެ ބައްދަލުވުންތަކުގައިވެސް އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރައީސް އޮފީހުން ބުނީ، އެސް.ސީ.އޯ ޕްލަސް ބައްދަލުވުމުގައި ރައީސް މުޢިއްޒު އިއްވަވާ ބަޔާނުގައި، މޫސުމަށް އަންނަ ބަދަލުތަކާއި، އިޤްތިޞާދުތައް ރޫޅިގެންދާދިއުމާއި، ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ފަދަ މައްސަލަތަކަށް ހައްލު ހޯދުމުގައި ބައިނަލްއަޤުވާމީ އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާނެކަމަށެވެ.
އެސް.ސީ.އޯ އަކީ 2001 ވަނަ އަހަރު ޗައިނާ، ރަޝިޔާ، ކަޒަކްސްތާން، ކިރްގިސްތާން، ތަޖިކިސްތާން އަދި އުޒްބެކިސްތާނުން އުފައްދާފައިވާ ސަރަޙައްދީ ޖަމުޢިއްޔާއެކެވެ. މި ޖަމުޢިއްޔާގެ މައިގަނޑު އަމާޒަކީ ޔޫރޭޝިޔާ ސަރަޙައްދުގެ ސިޔާސީ، އިޤްތިޞާދީ އަދި ދިފާޢީ ކަންކަން ކުރިއެރުވުމެވެ.
ޖިއޯގްރަފީ އާއި އާބާދީގެ ނިސްބަތުން ދުނިޔޭގެ އެންމެ ބޮޑު ސަރަޙައްދީ ޖަމުޢިއްޔާ ކަމުގައިވާ އެސް.ސީ.އޯ ގައި މިހާރު 10 މެންބަރު ޤައުމު ހިމެނޭއިރު، ދިވެހިރާއްޖެ ހިމެނެނީ އެ ޖަމުޢިއްޔާގެ ޑަޔަލޮގް ޕާޓްނަރެއްގެ ގޮތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!