އަންނަ 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް ޝައުޤުވެރިވާ އެޕާޓީގެ މެމްބަރުންނަށް، ޝައުޤުވެރިކަންފާޅުކުރުމުގެ ފުރުޞަތު އެ ޕާޓީން އިއްޔެ ހުޅުވާލައިފިއެވެ.
އެމްޑީޕީން ކުރި ޢިއުލާނެއްގައިވާ ގޮތުން، މި ފުރުޞަތު 28 އޯގަސްޓް 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން 30 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 14:00 އާ ހަމަޔަށް ވަނީ ހުޅުވާލާފައެވެ.
އެމްޑީޕީން ބުނިގޮތުގައި މި ޕްރައިމަރީގައި ވާދަކުރެވޭނީ ކަނޑައެޅޭ މުއްދަތުގައި ޝައުޤުވެރިކަންފާޅުކޮށްފައިވާ ފަރާތްތަކަށް އެކަނިކަމަށެވެ.
މި ޕްރައިމަރީގެ ޓައިމްލައިން ފަހުގެ ތާރީހެއްގައި އާއްމުކުރެވޭނެކަމަށް ވެސް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީހެ ޓިކެޓްގައި ލޯކަލް ކައުންސިލް އަދި އަންހެނުންގެ ކޮމެޓީއަށް ވާދަކުރުމަށް ޝައުޤުވެރިކަންފާޅުކުރާ ފަރާތްތަކުން ހަމަކުރަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ހިމެނެނީ އެމް.ޑީ.ޕީގެ މެމްބަރެއް ކަމުގައިވުމާއި،
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިޚާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުޠުތައް ހަމަވުމެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ޤަވާއިދުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިޚާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުޠުތައް ހަމަވާންޖެހެއެވެ.
އެމްޑީޕީގެ ފަރާތުން ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ގޫގުލް ފޯމް މެދުވެރިކޮށް ޝައުޤުވެރިކަންފާޅު ކުރުމަށް ހުށަހެޅުމަށް އެ ޕާޓީން ވަނީ ހުޅުވާލާފައެވެ.
މީގެ އިތުރުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކުށާއި ދަރަނީގެ ރިކޯޑު ސާފުކުރާ ފޯމް އެއިދާރާއިން ސާފުކޮށް ފުރިހަމަކުރުމަށްފަހު، ޝައުޤުވެރިކަންފާޅުކުރާ ފޯމާއި އެކު ހުށަހަޅަންޖެހޭނެކަމަށް އެ ޕާޓީން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!