ހދ. ނޭކުރެންދޫގައި ޖަލެއް އަޅަން ކަނޑައަޅާފައި އޮތް ބިން އެރަށު ކައުންސިލާއި ހަވާލުކޮށްފިއެވެ.

އެކަން ހާމަކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ އެރަށަށް ކުރެއްވި ޒިޔާރަތުގައި ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސް ވިދާޅުވީ، ނޭކުރެންދޫ ކައުންސިލްގެ އެދުމުގެ މަތީން، އެ ރަށުގައި ކުރިން ޖަލެއް ހަދަން ކަނޑައަޅާފައި އޮތް ބިމެއް ކައުންސިލާ ހަވާލުކުރައްވާފައިވާކަމަށެވެ. އެއީވެސް އިޤްތިޞާދީ ނަފާ ހޯދުމަށް ބޭނުންކުރުމަށް ހަވާލުކުރައްވާފައިވާ ބިމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ބިމުގެ ބޭނުން ކުރުމަށްވެސް، ރައްޔިތުންގެ މަޝްވަރާއާއެކު ކައުންސިލުން ހުށަހެޅުމުން، ސަރުކާރުން މަގުފަހިކޮށްދެއްވާނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ނޭކުރެންދޫ ރައްޔިތުންނާ ސަލާމް ކުރަށްވަނީ، ފޮޓޯ: ރައީސް އޮފީސް

ނޭކުރެންދޫގައި ޖަލެއް އަޅުއްވައިދެއްވާނޭ ކަމަށް ފުރަތަމަ ވަޢުދުވީ 2011 ވަނަ އަހަރު އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި، ޕާޓީ (އެމްޑީޕީ) ގެ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދަވައި ދެއްވުމަށް ނޭކުރެންދުއަށް ކުރެއްވި ޒިޔާރަތުގައި އޭރުގެ ރައީސުލް ޖުމްހޫރިއްޔާ ރައީސް މުޙައްމަދު ނަޝީދެވެ.

އެ ޖަލުގެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވަން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ވަޢުދުވެވަޑައިގަތެވެ. އަދި 2020 ވަނަ އަހަރުން ފެށިގެން އެ ދައުރު ނިމެންދެން އެ މަސައްކަތަށް ބަޖެޓު ވެސް ފައިސާގައި ހިމަނަމުން އައިސްފައިވެއެވެ. އެ ސަރުކާރުން ވަނީ ''އިންޑަސްޓްރިއަލް ޕްރިޒަންގެ ފޭސް 1'' ނަމުގައި އެ ބިމުގައި މަސައްކަތް ފެށުމަށް 8 އޮކްޓޯބަރ 2022 ގައި އެ ސަރުކާރުން ޔުނިކް ޗޮއިސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާއި ހަވާލުވެސް ކުރިއެވެ. މި އިންޑަސްޓްރިއަލް ޕްރިޒަންގެ މަސައްކަތް 250 ދުވަހުގެ ތެރޭގައި ނިމޭނެކަމަށް އެއިރުގެ ހޯމް މިނިސްޓަރ އިމްރާން ޢަބުދުﷲ ވަނީ އެދުވަހު ވިދާޅުވެފައެވެ. ނޭކުރެންދޫގެ ޖަލަކީ އިންޑަސްޓްރިއަލް ޕްރިޒަންއެއްކަމަށާއި ހިންގާނީ އޯޕަން ޕްރިޒަމް ސިސްޓަމްގެ ތެރެއިން ކަމަށް ވެސް އެދުވަހު އިމްރާން ވަނީ ވިދާޅުވެފައެވެ.

2022 ވަނަ އަހަރުގެ ނިޔަލަށް ހދ. ނޭކުރެންދޫ ޖަލު އަޅާ ނިމޭނެ ކަމުގެ ޔަގީންކަން އެއިރުގެ ހޯމް މިނިސްޓަރ އިމްރާން ދެއްވި ނަމަވެސް ދައުރު ނިމުނު އިރުވެސް އެކަން ކުރެވިފައެއް ނުވެއެވެ.