ސީ ޕްލޭން ޓާމިނަލްއަކީ ގެއްލުމުގެ ބަދަލު ފަހުން ދޭން ހެދި ތަނަކަށް ވެގެންނުވާނެ ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ކެންދޫ ދާއިރާގެ މެމްބަރު، މަޝްހޫރު ޤާނޫނީ ވަކީލު ޢަލީ މިހެންވިދާޅުވީ ބެއިން ކެޕިޓަލް ހިމެނޭ ކޮންސޯޓިއަމަކުން ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ 500 މިލިއަން ޑޮލަރަށް ގަތީ، އާ ޓާމިނަލުން ދޭނެ ޖާގަ އާއި މުއްދަތާއި ނަގާނެ ފީއާ ބެހޭ ގޮތުން އެމްއޭސީއެލުން ދިން ސިޓީއަށް ބިނާކޮށް ކަމަށާއި އެއީ ލިއުމުން ދިން "އެއްބަސްވުމެއް" ކަމަށް ޓީއެމްއޭއިން އިއްޔެ ބުނެފައި ވަނިކޮށެވެ.

Ad
rt

ޓީއެމްއޭއިން އަމިއްލައަށް އެދިގެން އިއްޔެ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި އޮތް ބައްދަލުވުމަށް ފަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޑިސެމްބަރު 17، 2017 ގައި، ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އެމެރިކާގެ ބްލެކްސްޓޯން އަތުން ގަތުމުގެ އެއް ހަފުތާ ކުރިން، އެމްއޭސީއެލުން ޓީއެމްއޭއަށް، އާ ޓާމިނަލާ ބެހޭ ގޮތުން ސިޓީއެއް ފޮނުވި ކަމަށެވެ. އެ ސިޓީގައި، އެ ޓާމިނަލުން ޓީއެމްއޭއަށް 31،000 އަކަމީޓަރުގެ ޖާގަ، އަކަމީޓަރަކަށް 10:35 ޑޮލަރަށް ދޭން، އެމްއޭސީއެލްގެ ބޯޑުން ނިންމާފައިވާ ކަމަށް ބަޔާންކޮށްފައި އޮތް ކަމަށް، ޓީއެމްއޭ އިން ބުނެފައިވެއެވެ. އަދި ބިމު ކުލީގެ އިތުރުން، ޓީއެމްއޭއިން ބުނީ ޓާމިނަލް ބޭނުންކުރާ ކޮންމެ ޕަސެންޖަރަކަށް ފަސް ޑޮލަރުގެ ޗާޖެއް ނަގަން ވެސް، ބޯޑުން ނިންމި ކަމަށް، އެ ސިޓީގައި އޮތް ކަމަށެވެ.

އެކަމަކު އެމްއޭސީއެލްގެ ބޯޑުން އެފަދަ ނިންމުމެއް ނިންމި ކަމަށް މިހާތަނަށް އެމްއޭސީއެލުން ބުނެފައެއް ނުވެ އެވެ. އަދި ޓީއެމްއޭއާ އެކު، އާ ޓާމިނަލްއާ ބެހޭ އެއްވެސް ކަހަލަ އެއްބަސްވުމެއްގައި އެމްއޭސީއެލުން ސޮއިކޮށްފައެއް ވެސް ނުވެ އެވެ.

އެމައްސަލައަށް އިޝާރާތް ކުރަށްވާ ޢަލީ ވިދާޅުވީ އަސްލު އެއްބަސްވުމެއް ލިޔެ ދައުލަތުގެ ފަރާތުން ސޮއިކޮށްފައި ނެތި، ޢެއްބަސްވުމެއް ވުމަށް އެއްބަސްވެ ފޮނުވާ ސިޓީ އަކީ އޭގެ އަމިއްލަ ޒާތުގައި ވިޔަފާރީގެ އެއްބަސްވުމެއް ކަމަށްބަލައިގެން ނުވާނެކަމަށެވެ. އެހެންކަމުން ސީ ޕްލޭން ޓާމިނަލްއަކީ ގެއްލުމުގެ ބަދަލު ފަހުން ދޭން ހެދި ތަނަކަށް ވެގެންނުވާނެކަމަށް ޢަލީ ވިދާޅުވިއެވެ.

" ސީ ޕްލޭން ޓާމިނަލާއި ގުޅޭގޮތުން މިހާރުގެ ސަރުކާރުން ނިންމާފައިވާ ގޮތަކީ އެހެން ބަޔަކަށް އެކީގައި އެތަން ދިނުމަށްވުރެ މާރަނގަޅު ގޮތެއް. ޤައުމުގެ ކަންކަން ނިންމަން ޖެހޭނީ ވަރަށް ހިކުމަތްތެރި ކަމާއެކު ފަހުން މަޅި ނާރާ ގޮތައް." މެމްބަރު ވިދާޅުވެފައި ވެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓްގައި ޢިމާރާތްކުރަމުން އަންނަ ސީޕްލޭން ޓާރމިނަލްގެ ބަޔެއް ޓީއެމްއޭއަށް ދިނުމާމެދު ތަކުރާރުކޮށް ދެކޮޅު ހައްދަވަމުން ގެންދަވާ މެމްބަރު ޢަލީ ކަންބޮޑުވުމާއި އެކު ސުވާލު ކުރައްވާފައިވެއެވެ. "އެންމެގިނަ ސީ ޕްލޭން އޮޕަރޭޓް ކުރަނީއޭ ކިޔާފަ ސީ ޕްލޭން ޓާމިނަލް ވަކިބަޔަކަށް ދޭނަމަ ވެލާނާ އެއާޕޯޓު ހިންގަން ދޭންވާނީ ސްރީލަންކަން އެއާލައިނަށް ދެއްތޯ؟"

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އިމާރާތް ކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމާ ގުޅޭ ކަންކަން، ސަރުކާރާއި ޓީއެމްއެއޭ އިން އެއްބަސްވާ ގޮތަކަށް އަވަހަށް ނިންމަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިއްޔެ ވިދާޅުވެފައެވެ.
މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ކުރެއްވި ޓުވީޓެއްގައި އެހެން ވިދާޅުވެފައިވާއިރު އެމައްސަލާގައި ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުން ރަނގަޅު ކަމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގައި އިއްޔެވަނީ ވިދާޅުވެފައެވެ.