އިސްލާމީ އުންމަތުގެ މުސްތަޤުބަލު އުޖާލާވާނީ، ޅަފަތުގައި، އިސްލާމްދީނުގެ މަތިވެރި ޝިޢާރުތަކާއި ޝަރީޢަތުގެ ފުރިހަމަކަން ދަރީންގެ ހިތްތަކުގައި ބިންވަޅުނަގައިދީގެންކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.

ދިވެހިރާއްޖޭގެ މިސްކިތްތަކުގައި މިއަދު ދިން ހުކުރު ޚުޠުބާގައި، ދީނާ ދުރުކަމުން ޒުވާނުންނަށް ކުރިމަތިވާ ނުރައްކާތަކާއި، މުޖުތަމަޢުގައި ފެތުރެމުންދާ ދީނާ ޚިލާފު އާދަތަކަށް އަލިއަޅުވައިލާ، މިފަދަ ކަންކަމުން ރައްކާތެރިވުމަށް ގޮވާލާފައިވެއެވެ.

Ad
rt

''ރަނގަޅު މުޖުތަމަޢެއް ބިނާކުރުން'' މި މައުލޫއަށް މިއަދު ގެނެސްދިން ޚުޠުބާގައި ފާހަގަކޮށްފައިވަނީ، އިސްލާމީ އުންމަތަށް މިހާރު ހުޅުވިފައިވާ އެންމެ ފަހި ފުރުސަތަކީ، މުސްލިމް ޒުވާނުން، އިސްލާމްދީނާއި އިސްލާމީ ޝަރީޢަތާ ގާތްކުރުމަށް ހުޅުވައިލެވިފައިވާ ފަހި ފުރުޞަތު ކަމުގައެވެ. އަދި އިސްލާމީ ޝަރީޢަތުގެ ރިވެތިކަމާއި، ފުރިހަމަކަމާ މެދު އެ ޒުވާނުން ހޭލުންތެރިކުރުމުގެ މުހިންމުކަން ޚުޠުބާގައި ބަޔާންކޮށްފައި ވެއެވެ.

އިސްލާމީ ޝަރީޢަތުގެ ރިވެތިކަމާއި، ފުރިހަމަކަމަށް ބީރައްޓެހިވުމުގެ ސަބަބުން، އަހަރެމެންގެ ޢަޤީދާއާއި، އީމާންތެރިކަމުގެ ހަޤީޤީ ރޫޙާ ދުރު މަގުތަކަށް، ބައެއް ޒުވާނުން ކަސިޔާރުވާ ކަމަށާއި، މި ކަމާ މެދު މާޔޫސްވެފައި ތިބުމުގެ ބަދަލުގައި، ރިވެތި ގޮތުގައި ނަސޭހަތްތެރިވެ، ޢިލްމާއި ޙިކުމަތާއި އޯގާތެރިކަމާ އެކު، އެ ޒުވާނުންނަށް ހެޔޮމަގަށް މަގުދައްކައިދޭން ޖެހޭކަމަށް ޚުޠުބާގައި ބުނެފަވެއެވެ. އަދި މިއީ މިއަދު ފަރުދީ ގޮތުން ކޮންމެ މުސްލިމަކު ވެސް، އުންމަތަށް ޓަކައި އަދާކޮށްދޭން ޖެހޭ ވާޖިބެއް ކަމުގައި ޚުޠުބާގައި ފާހަގަކުރިއެވެ.

ޚުޠުބާގައި އިތުރަށް ބަޔާންކޮށްފައި ވަނީ މުސްލިމުންނާއި، އިސްލާމްދީނާ މެދު ދޮގުތައް ފަތުރައި ޝައްކުތައް އުފެއްދުމަށް އިސްލާމް ދީނުގެ ޢަދުއްވުން ޒަމާނީ އެކިއެކި ވަސީލަތްތަކުގެ އެހީގައި މަސައްކަތްކުރާ ކަމަށެވެ. އަދި މި ކަމުގެ ވިހަ އަސަރު އަހަރެމެންގެ ތަޢުލީމާއި ތަރުބިޔަތަށް ވެސް ފޯރާކަމަށާއި، އަހަރެމެންގެ ޅަދަރީންގެ ސިކުނޑިތައް ދޮވެވި، އެ ކުދީން ފިޠުރަތުގެ މަގާ ދުރަށްދާކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ. ނަތީޖާއެއްގެ ގޮތުން މާއްދިއްޔަތަށް ގޮސް ހުސްވެ، އުންމަތުގެ މުސްތަޤުބަލު ބަނަވެ އަނދިރިވަމުންދާ ކަމުގެ ކަންބޮޑުވުން ޚުޠުބާގައި ފާޅުކުރިއެވެ.

އުންމަތުގެ މުސްތަޤުބަލު އުޖާލާވާނީ، އިސްލާމީ ނިޒާމާ އެއް ގޮތަށް މުޖުތަމަޢުގެ އެންމެހައި އަފުރާދުން ފުރިހަމަޔަށް ބައްޓަންވެގެން ކަމަށާއި، ޅަފަތުގައި، އިސްލާމްދީނުގެ މަތިވެރި ޝިޢާރުތަކާއި ޝަރީޢަތުގެ ފުރިހަމަކަން ދަރީންގެ ހިތްތަކުގައި ބިންވަޅުނަގައިދީގެން ކަމަށް ޚުޠުބާގައި ބުނެދީފައިވެއވެ.

އިސްލާމީ ޝަރީޢަތުގެ ބިންގަލުގެ މަތީގައި މުޖުތަމަޢެއް ބިނާވުމުން މިނިވަންކަމާއި، އަމާންކަމާއި، ތަރައްޤީއާއި، ކުރިއެރުން އެ މުޖުތަމަޢަކަށް ލިބޭނެ ކަމަށާއި، ކީރިތި رسول الله صلى الله عليه وسلم މަދީނާއަށް ހިޖުރަކުރެއްވުމުގެ ކުރީން އެ ރަށަކީ އަނިޔާވެރިކަމާއި ހަމަނުޖެހުން ޢާންމުވެފައިވާ ރަށަކަށް ވީ ނަމަވެސް، ހިޖުރައަށް ފަހު އެ ރަށްވީ އިސްލާމީ ޝަރީއަތާ އެއް ގޮތަށް ބިނާކުރެވުނު ފުރަތަމަ މުޖުތަމަޢަށް ކަމަށާއި، އެއަށްފަހު މަދު ދުވަސް ކޮޅެއްގެ ތެރޭގައި ޢިލްމީ ގޮތުންނާއި، އިޖުތިމާޢީ ގޮތުންނާއި، އިޤުތިޞާދީ ގޮތުންނާއި، ޢުމްރާނީ ގޮތުން ދުނިޔެ ޢަޖައިބު ކުރުވަނިވި އެތައް ތަރައްޤީއެއް އެ ރަށަށް ލިބުނު ކަން ޚުޠުބާގައި ފާހަގަކުރިއެވެ.

އިސްލާމީ އުންމަތަކީ އާރާއި ބާރުހުރި ޢިތްޒަތްތެރި އުންމަތެއް ކަމަށާއި، މިއަދު މުސްލިމުން ބައިބައިވެ ބާރުނެތި ދުޝްމަނުންގެ ކުރިމަތީގައި ނިކަމެތިވުމުގެ ސަބަބަކީ އިސްލާމީ ތަޢުލީމާ ދުރުވެ، އިސްލާމީ ޝަރީޢަތާ ބީރައްޓެހިވުން ކަމުގައި ޚުޠުބާގައި ބުނެފަވެއެވެ. އުންމަތުގެ ޢިއްޒަތާއި ޤަދަރު އަނބުރައި ލިބޭނީ، ﷲގެ މަގަށް މީސްތަކުން އެނބުރުމުން ކަމުގައި ވެސް ޚުޠުބާގައި ބަޔާންކޮށްފައި ވެއެވެ.

މިހާރަކަށްއައިސް އަހަރެމެންގެ ޒުވާނުންގެ ތެރޭގައި އިސްލާމްދީނާ ދުރު ސަގާފަތްތައް ފެތުރުމަށް އެތެރެއާއި ބޭރުން މަސައްކަތްކުރާ ކަމަށް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. މިގޮތުން އައުރަ ނިވައިނުވާ ގޮތަށް ދެޖިންސުގެ ޒުވާނުން ހެދުން އެޅުން އާންމުވަމުންދާ ކަމަށާއި، ފިރިހެނުން އަންހެނުން ގޮތަށް އަދި އަންހެނުން ފިރިހެނުން ގޮތަށް ހެދުން އެޅުން އާންމުވަމުންދާކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ފިރިހެނުން ކަންފަތް ތޮރުފުމާއި ދެ ޖިންސުގެ ޒުވާނުން ޓެޓޫ ޖެހުމާއި، ފިރިހެނުން އަންހެނުންނާ އެއް ގޮތްވާ ގޮތަށް އިސްތަށިގަނޑު ދިގުކުރުން ފަދަ ކަންކަން އާދައިގެ ކަންކަންކަމުގައި ހަދަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މި ކަންކަމަކީ ލަޢުނަތް ލެއްވިގެންވާ ޙަރާމް ކަންކަން ކަމުގައި ބަޔާންކުރަށްވައި، اِبْنُ عَبَّاس رضي اللهُ عَنْهُمَا ގެ އަންނަނިވި ބަސްފުޅު ހުތުބާގައި ހިމަނާފަވެއެވެ. "ހަމަކަށަވަރުން ފިރިހެނުންގެ ތެރެއިން އަންހެނުންނާ ވައްތަރުވެގެން އުޅޭ މީހުންނާއި، އަންހެނުންގެ ތެރެއިން ފިރިހެނުންނާ ވައްތަރުވެގެން އުޅޭމީހުންނަށް ކީރިތި رسول الله صلى الله عليه وسلم ލަޢުނަތްލެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. އެފަދަ މީހުން ތިޔަބައި މީހުންގެ ގޯތިގެދޮރުން ނެރޭށެވެ!" ( اِبْنُ عَبَّاس رضي اللهُ عَنْهُمَا)

މުޖުތަމަޢުގައި ފެތުރެމުންދާ މި ފަދަ ދީނާ ދުރު ކަންކަމާ މެދު ހޭލުންތެރިވެ، ދީނީ ތަޢުލީމަށް އިތުރު މުހިންމުކަމެއް ދީ، ދީނާ ބީރައްޓެހި ސަގާފަތްތަކުން ދުރުހެލިވެ، އިސްލާމީ ޝިޢާރުތަކާއި ސަގާފަތްތައް ދިރުވައި އާލާކުރަން ޖެހޭ ކަމަށް ޚުޠުބާގައި ގޮވާލިއެވެ. ދެ ދުނިޔޭގެ ހަގީގީ ބާއްޖަވެރިކަމާއި އަމާންކަން ލިބޭނޭ ހަމައެކަނި މަގަކީ އިސްލާމް ދީނުގައި ސާބިތުވެ، އިސްލާމީ ޝަރީޢަތަށް ޢަމަލުކުރުން ކަމުގައި ވެސް ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ.