އއ. މާޅޮހުގައި އަނިޔާވެރިކޮށް މަރާލި އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އަބްދުއްރަހުމާން އާދަމް މަރާލުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އިތުރު މައުލޫމާތު ފަހުން އާންމުކުރާނެކަމަށް ވެސް ބުންޏެވެ.
މައުލޫމާތު ލިބޭގޮތުގައި މި މައްސަލައިގައި ފުލުހުން ވަނީ ތިން މީހެއްގެ ގެ ފާސްކުރުމުގެ އިތުރުން، އެއް މީހެއްގެ އަންނައުނު ވެސް ބަލައި ފާސްކޮށްފައެވެ.
65 އަހަރުގެ އަބްދުއްރަހުމާން މަރުވެފައިވަނީ ޖުލައި 12 ވަނަ ދުވަހުގެ ފަތިހު، އޭނާގެ އަނބިމީހާ ނާޒިމާ އިބްރާހިމްގެ ގޭގައި ނިދާފައި އޮއްވާ ދިން ހަމަލާއަކާ ގުޅިގެންނެވެ. ފުލުހުންނަށް އެ ހާދިސާގެ ރިޕޯޓް ލިބުނީ އެ ދުވަހުގެ ރޭ ދަންވަރު 1:50 ހާއިރު ކަމަށް ވަނީ ބުނެފައެވެ.
އަބުދުއްރަހްމާނަށް ހަމަލާ ދިންއިރު، އެ ގޭގައި އުޅެމުން އައީ އަބްދުއްރަހުމާންގެ ދެމަފިރިން އެކަންޏެވެ.
ފުލުހުން ވަނީ އަބްދުއްރަހްމާންގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދާފައެވެ. ޕޯސްޓްމޯޓަމް ހަދަން އޭނާގެ ހަށިގަނޑު އިންޑިއާގެ ޓްރިވެންޑްރަމަށް ފޮނުވީ މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ. އަދި ޖުލައި 23 ގައި ވަނީ ހަށިގަނޑު އަނބުރާ މާލެ ގެނެސްފައެވެ.
މި މައްސަލަ ރިޕޯޓުކުރެވުނު ވަގުތުން ފެށިގެން ފުލުހުން ވަނީ މާޅޮހުގައި ސްޓޭޝަންވެ، ހާދިސާ ހިނގި ސަރަހައްދު ބަންދުކޮށް، ތަހުގީގު މަސައްކަތް ފަށާފައެވެ. އަދި މި މައްސަލައިގެ ތަހުގީގު މަސައްކަތް އަދި ވެސް ދަނީ ކުރިއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!