ސްޕެނިޝް ލީގުގެ އައު ސީޒަނުގައި ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅު ކޮށްފިއެވެ. ރޭ ރެއާލުގެ ދަނޑުގައި އޮސަސޫނާއާއި ދެކޮޅަށް ކުޅުނު މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.
ޒަބީ އެލަންސޯގެ އިރުޝާދުގެ ދަށުން ރެއާލުން މި ސީޒަނަށް ތައްޔާރުވުމަށް ގެނައި ތިން ކުޅުންތެރިންނަށް ވެސް ރޭ މެޗުގައި ވަނީ ކުޅުމުގެ ފުރުސަތު ދީފައެވެ. އެގޮތުން ފުރަތަމަ އެގާރާގައި ހިމެނިގެން އާނޯލްޑާއި ކަރޭރާސް ވަނީ ކުޅެފައެވެ. އަދި ދެވަނަ ހާފުގައި ފްރާންކޯ މަސްޓަންޓޫނޯ ވަނީ ކުޅެފައެވެ.
ރޭ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖެހީ މެޗުގެ 51 ވަނަ މިނިޓްގައެވެ. މިއީ، އެމްބާޕޭ އަށް އޭރިއާތެރެއިން ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. މި ޕެނަލްޓީން އެމްބާޕޭ ވަނީ، އޮސަސޫނާގެ ގޯލްކީޕަރު، ސާޖިއޯ ހެރޭރާ އަށް އެއްވެސް ފުރުސަތެއް ނުދީ ބޯޅަ ގޯލަށް ފޮނުވާލައިފައެވެ.
މުޅި މެޗު ކޮންޓްރޯލް ކޮށްގެން ރެއާލުން ކުޅެފައިވާއިރު، އެ ޓީމުން ވަނީ އޮސަސޫނާގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ވެސް ފޮނުވާލާފައެވެ. ނަމަވެސް އެ ހަމަލާތައް ހުއްޓުވުމުގައި އޮސަސޫނާގެ ކީޕަރު ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.
މި މެޗުގެ ފަހު ވަގުތު އޮސަސޫނާގެ އަބެލް ބްރެޓޯންސް، ރެއާލްގެ ރައުލް ގާސިއާއަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ ރަތް ކާޑު ދައްކާ އޭނާ ދަނޑުން ފޮނުވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!