ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ދައުލަތުގެ ބަޖެޓުގެ 0.1 ޕަސެންޓް ނުވަތަ 27.9 މިލިއަން ރުފިޔާ، އަމިއްލަ މީޑިއާތަކަށް ދިނުމާ ބެހޭ އުޞޫލު މިއަދު ގެޒެޓް ކޮށްފިއެވެ.
މި އުޞޫލުގެ ދަށުން، ޕަބްލިކް ސަރވިސް މީޑިއާ ފިޔަވައި އަމިއްލަ ކޮންމެ މީޑިއާ އަކަށް ވެސް ކުރިމަތިލެވޭނެއެވެ. އާންމު އުޞޫލެއްގެ ގޮތުން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ 3 ޕޭމަންޓަކަށް ބަހާލައިގެން ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ އެއްގޮތަށް މިއަހަރު ކޮންމެ މީޑިއާއަކަށްވެސް ލިބޭ މިންވަރު އެއް ޕޭމަންޓެއްގެ ގޮތުގައި ދޫކުރެވޭނެއެވެ.
މާލީ އެހީތެރިކަން ލިބުމަށް އެދި ކުރިމަތިލާ މީޑިއާތަކުން ފުރިހަމަވާންޖެހޭ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި، މެދުނުކެނޑި 3 އަހަރު ޚިދުމަތް ދީފައިވުމާއި، ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާއަކަށްވުން، އަދި ބްރޯޑްކާސްޓް މީޑިއާއެއްނަމަ ލައިސަންސް އޮތުން ހިމެނެއެވެ. މީގެއިތުރުން، އާންމުންނާ މުޢާމަލާތުކުރެވޭނެ ގޮތެއް އޮތުމާއި، މީޑިއާގެ ކޯޑް އޮފް އެތިކްސް ޝާއިޢުކޮށްފައި އޮތުމާއި، ޓެކްސް އަދި ޕެންޝަން ސްކީމްގެ ޒިންމާތައް އަދާކުރަމުންދިޔުން ލާޒިމްކުރެއެވެ.
އެއް މީޑިއާއަށްވުރެ ގިނަ މީޑިއާ ހިންގާ ފަރާތްތަކަށް، ކޮންމެ ބާވަތަކުން އެއް މީޑިއާއަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މި ކަމަށްޓަކައި ޚާއްޞަ އޮންލައިން ޕޯޓަލްއެއް ޤާއިމްކުރެވި، ޕްރޮޕޯޒަލް ހުށަހެޅުމުން ފެށިގެން ފައިސާ ދޫކުރުމާ ހަމައަށް ހުރިހާ މުޢާމަލާތެއް ހިންގޭނީ މި ޕޯޓަލް މެދުވެރިކޮށެވެ.
ޕްރޮޕޯޒަލްތަކާ ގުޅޭ ޝަކުވާތައް ބެލުމަށް ބްރޯޑްކާސްޓިން ކޮމިޝަން، މީޑިއާ ކައުންސިލް، މީޑިއާ އެސޯސިއޭޝަން، މާލީ ވުޒާރާ އަދި މިނިސްޓްރީގެ މެންބަރުން ހިމެނޭ ކޮމިޓީއެއް އެކުލަވާލެވިފައިވެއެވެ. މި ކޮމިޓީން ޝަކުވާތައް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!