ފަލަސްތީނުގެ ޣައްޒާ އާއި ވެސްޓް ބޭންކް (ހުޅަނގު އައްސޭރި)ގައި އިސްރާއީލުން ހިންގަމުންދާ ޢުދުވާނީ ޙަމަލާތަކާއި ނޫސްވެރިންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ޔޫރަޕުގެ އެކި ގައުމުތަކުގައި ހޮނިހިރު ދުވަހު އެތައްހާސް ބަޔަކު އެއްވެ މުޒާހަރާތައްކޮށްފިއެވެ.

ސްވިޑަން

މިގޮތުން ސްވިޑަންގެ ވެރިރަށް ސްޓޮކްހޯމްގައި، އޯޑަންޕްލާން މައިދާނުގައި މުޒާހަރާކުރި ފަރާތްތަކުން މުޒާހަރާކޮށްފައި ވަނީ ފަލަސްޠީނުގެ ދިދަ ހިފައިގެން ތިބެއެވެ. އަދި އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގައި ޝަހީދުވި އަލްޖަޒީރާގެ މުވައްޒަފުންގެ ފޮޓޯތައް ވެސް އެމީހުން އުފުލާފައިވެއެވެ. ކަޅު ހެދުން ލައިގެން ތިބި މުޒާހަރާކުރި ފަރާތްތަކުން، ޝަހީދުވެފައިވާ ނޫސްވެރިންގެ ހަނދާނުގައި ރަމްޒީ ކަފުން އުފުލާފައިވެއެވެ.

Ad
rt

ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފައިވާގޮތުގައި، ފާއިތުވި ހަފްތާގައި ޣައްޒާ ސިޓީގެ ހުޅަނގު ފަރާތުގައި ހުންނަ އަލް-ޝިފާ ހޮސްޕިޓަލް ކައިރީގައި ހުރި ނޫސްވެރިންގެ ޓެންޓަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި އަލްޖަޒީރާގެ ނޫސްވެރިން އަނަސް އަލް-ޝަރީފް އަދި މުޙައްމަދު ޤުރައިޤިޢާ އާއި އެ ނެޓްވޯކްގެ ތިން ކެމެރާމަނުންނާއި މިނިވަން ނޫސްވެރިއެއް ޝަހީދުވިއެވެ.

މި ހަމަލާއާ އެކު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގައި ޝަހީދުވި ނޫސްވެރިންގެ އަދަދު 238 އަށް އަރާފައިވާ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

އައަރލެންޑް

އައަރލެންޑްގެ ވެރިރަށް ޑަބްލިންގައި، އެތައްހާސް ޞިއްޙީ ޚިދުމަތްތެރިން ޣައްޒާއާއި އެކު ތިބިކަން ދައްކުވައިދީ، ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި މާރޗެއް ކުރިއަށް ގެންގޮސްފިއެވެ.

އައަރލެންޑްގެ ބްރޯޑްކާސްޓަރު އާރްޓީއީ އިން ރިޕޯޓުކުރި ގޮތުގައި، ޑޮކްޓަރުންނާއި ނަރުހުންނާއި އެހެނިހެން ޞިއްޙީ މަސައްކަތްތެރިން ސްޓީފަންސް ގްރީންގައި ހުންނަ ރޯޔަލް ކޮލެޖް އޮފް ސަރޖަންސް (އާރްސީއެސްއައި) އިން ފެށިގެން ގްރާފްޓަން މަގާއި ޑްރޫރީ މަގު ހިމެނޭ ގޮތަށް މާރޗް ކުރިއަށް ގެންގޮސްފައިވެއެވެ. ފަލަސްޠީނުގެ ދިދަ ހިފައިގެން އުޅުނު އެ މީހުން، ޑްރަމްގެ އަޑަށް ހަމަހިމޭނުން ހިނގަމުން ދިޔައިރު، ޣައްޒާގައި ޝަހީދުވެފައިވާ ޞިއްޙީ މަސައްކަތްތެރިންގެ ފޮޓޯތައް ދައްކުވައިދޭ ބޯޑުތައައް އުފުލާފައިވެއެވެ.

ސްކޮޓްލެންޑް

ސްކޮޓްލެންޑްގެ ގްލާސްގޯ ސިޓީގައި، ފަލަސްޠީނު ރައްޔިތުންނާ އެއްބާރުލުން ދިނުމުގެ ގޮތުން ގްލާސްގޯ ގްރީން އިން ސިޓީގެ މަރުކަޒަށް މީހުން ނުކުމެފައިވެއެވެ. މި މުޒާހަރާގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި ހައުސިންގ ސެކްރެޓަރީ މައިރީ މެކްއެލަން ހިމެނެއެވެ. އޭނާ ހިފައިގެން އުޅުނު ބޯޑުގައި ލިޔެފައި އޮތީ "މިހާރުން މިހާރަށް ފަލަސްޠީނަށް ސުލްޙަ" އެވެ.

"މި އަނިޔާވެރިކަން ނިމުމަކަށް ގެންނަންޖެހޭ! އަޅުގަނޑުމެންގެ ލޮލުގެ ކުރިމަތީގައި ހިނގަމުންދާ ނަސްލު ނައްތާލުމާ ދެކޮޅަށް އަޅުގަނޑުމެން ތެދުވެ، އަޑުއުފުލަންޖެހޭ. ހަނގުރާމައިގެ ކުށްތައް ހިންގުމަށް ފުރުޞަތު ދީގެން ނުވާނެ" މީގެ އިތުރުން އޭނާ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފަވެއެވެ.

އިނގިރޭސިވިލާތް

އިނގިރޭސިވިލާތުގެ އިރުމަތީގައިވާ ނޯވިޗްގައި ފަލަސްޠީނަށް ތާއީދުކޮށް ''ފަލަސްޠީން އެކްޝަން'' ޖަމާއަތުން އިސްނަގައިގެން ބޭއްވި މުޒާހަރާއެއްގައި 13 މީހުން ހައްޔަރުކޮށްފައިވެއެވެ. ފަލަސްޠީން އެކްޝަން އަކީ އިނގިރޭސިވިލާތުގައި މިހާރު މަނާކޮށްފައިވާ ޖަމާޢަތެކެވެ.

މި މުޒާހަރާގެ ފޮޓޯތަކުން ފެންނަ ގޮތުގައި މުޒާހަރާކުރި ފަރާތްތަކުން ހިފައިގެން އުޅުނު ބޯޑުތަކުގައި ލިޔެފައި އޮތީ "އަހަރެން ނަސްލު ހަލާކުކުރުމާ ދެކޮޅު، އަހަރެން ފަލަސްޠީން އެކްޝަން އަށް ތާއީދުކުރަން" މިފަދައިންނެވެ.

ފަލަސްތީނަށް ތާއީދުކޮށް ބޭއްވި މުޒާހަރާތަކުގެ ތެރެއިން ފާއިތުވި ހޮނިހިރު ދުވަހު ލަންޑަނުގައި 500 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވެއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އެ ޖަމާޢަތަށް ތާއީދުކުރާކަމަށް ބެލެވޭ ބޯޑުތަކާއި ނިޝާންތައް ހިފައިގެން އުޅުނު ކަމަށް ތުހުމަތުކުރެވިގެންނެވެ.

އިނގިރޭސިވިލާތުގެ ބަކިންގަމްޝަޔަރގައި ވެސް މުޒާހަރާއެއް ކުރިއަށްގެންގޮސްފައި ވެއެވެ. މި މުޒާހަރާގައި ހާސްތަކެއްގެ މީހުން ރޯޔަލް އެއަރ ފޯސް (އާރްއޭއެފް) ހައި ވައިކޯމްބް ބޭސް ވަށައިލާފައިވެއެވެ. މި މުޒާހަރާގައި ބައިވެރިވި ފަރާތްތަކުން ގޮވާލާފައިވަނީ ޣައްޒާގައި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ނަސްލު ހަލާކުކުރުމުގެ ޢަމަލުތަކަށް އިނގިރޭސިވިލާތުން ދޭ އަސްކަރީ އެހީތެރިކަން ހުއްޓާލުމަށެވެ.

"މި ފްލައިޓްތައް ކުރިއަށް ގެންދިއުމަށް ހުއްދަދޭތީ ބްރިޓިޝް ސަރުކާރަށް ލަދުގަންނަންޖެހޭ! މިހާރުން މިހާރަށް އިސްރާއީލަށް ހަތިޔާރު ދިނުން ހުއްޓާލާ!" ޕަލެސްޓައިން ސޮލިޑަރިޓީ ކެމްޕޭނުން އެކްސްގައި ލިޔެފަވެއެވެ.

މީގެ އިތުރުން އިސްރާއީލްގައި ވެސް ވަނީ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އެތައްހާސް ބަޔަކު އެއްވެ މުޒާހަރާކޮށްފައެވެ.

އިސްރާއީލްގެ ތެލްއަވީވްގައި ހަނގުރާމަ ހުއްޓާލަން ގޮވާލައި މުޒާހަރާ ކުރަނީ

އިސްރާއީލުން ޣައްޒާގައި ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ގޮވާލުންތައް ދެމުންދާއިރުވެސް، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ދަނީ ޣައްޒާގައި ވަރަށް އަނިޔާވެރި ހަނގުރާމައެއް ކުރިއަށް ގެންދަމުންނެވެ. މިހާތަނަށް މި ހަނގުރާމައިގައި މަދުވެގެން 61,900 ފަލަސްޠީނު ރައްޔިތުން ޝަހީދުވެފައިވެއެވެ.

ފާއިތުވި އަހަރުގެ ނޮވެންބަރު މަހު، ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އަދި ކުރީގެ ދިފާޢީ ވަޒީރު ޔޯވް ގަލަންޓްގެ މައްޗަށް ޣައްޒާގައި ހިންގި ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ދެކޮޅު ކުށްތަކުގެ ދަޢުވާގައި ހައްޔަރު އަމުރެއް ވަނީ ނެރެފައެވެ.

މީގެ އިތުރުން، ޣައްޒާގައި ހިންގަމުންދާ ހަނގުރާމައާ ގުޅިގެން އިސްރާއީލުގެ މައްޗަށް ބައިނަލްއަޤްވާމީ ޢަދުލުގެ ކޯޓުގައި ނަސްލު ހަލާކުކުރުމުގެ މައްސަލައެއް ހިނގަމުންދެއެވެ.