ޣައްޒާގެ ހަނގުރާމައިގައި އިސްރާއީލުން "ދެވަނަ މަރުހަލާ" އަށް ދިއުމަށް ރޭވިފައިވާ ޕްލޭނަށް އެ ގައުމުގެ ސިފައިންގެ އެންމެ އިސްވެރިޔާ އައިޔާލް ޒަމީރު ހުއްދަ ދީފިއެވެ.

އިސްރާއީލުން ދަނީ ޣައްޒާ ސިޓީ ހިސޯރުކޮށް، ބޭހާއި ކާބޯތަކެތި ވެއްދުން މަނާކޮށް، އަސާސީ ޚިދުމަތްތަކުން ޣައްޒާގެ ރައްޔިތުން މަޙްރޫމްކޮށް ޣައްޒާގެ ރައްޔިތުން ބަނޑަށްޖައްސައި، ޝަހީދުކޮށް، ގޯތިގެދޮރު ސުންނާފަތި ކުރަމުންނެވެ.

Ad
rt

ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ޣައްޒާގެ މުސްލިމް ނަސްލު ފޮހެލައި، ބިންތައް ފޭރިގަތުމަށް އަމާޒު ހިފާފައިވާއިރު، އަލަށް ފަށަން ނިންމާފައިވާ މަރުޙަލާގައި ޣައްޒާ ސިޓީއަށް އަމާޒުކޮށް ހަމަލާތައް އިތުރުކުރުމަށާއި އަލުން އެ ސަރަހައްދު ހިފައި އަތްގަދަކުރަން ވަނީ ނިންމާފައެވެ.

ބައިނަލްއަގްވާމީ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލްގެ ސިފައިންގެ އެންމެ އިސްވެރިޔާ އައިޔާލް ޒަމީރު ވަނީ ޣައްޒާގައި ކުރި ދަތުރެއްގައި ޣައްޒާގައި އިސްރާއީލުން ހިންގަމުން އަންނަ އޮޕަރޭޝަންގެ ލަނޑުދަނޑިތައް ހާސިލުވެފައިވާ ކަމަށް ބުނެފައެވެ. މީގެ މަޤްޞަދަކީ ޣައްޒާގެ އުތުރު ސަރަހައްދުތައް އިތުރަށް އަތްދަށުލުމާއ އެ ސަރަހައްދުން ފަލަސްތީނުގެ ރައްޔިތުން އެއްކޮށް ނެރުމެވެ.

އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ވަނީ ފާއިތުވި ހަފްތާގައި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ ޕްލޭނަށް ތާއީދުކޮށްފައެވެ. މި ޕްލޭނުގައި ވަނީ ޣައްޒާ އަލުން އަތްދަށުލުމަށް ހުށަހަޅާފައެވެ. މިކަމާ ގުޅިގެން ބައިނަލްއަޤްވާމީ ފެންވަރުގައި ކަންބޮޑުވުން ފާޅުކޮށް، އިސްރާއީލުގެ އެތެރޭގައި އިހުތިޖާޖުތައް ކުރިއަށް ގޮސްފައިވެއެވެ. އިހުތިޖާޖުކުރި ފަރާތްތަކުން ބުނެފައިވަނީ މިއީ ޣައްޒާގައި ހިފަހައްޓާފައިވާ އިސްރާއީލްގެ މީހުންނަށް "މަރުގެ ޙުކުމް" އިއްވުން ކަމަށެވެ.

އިސްރާއީލްގެ ސިފައިންގެ އެންމެ އިސްވެރިޔާ އައިޔާލް ޒަމީރު ބުނެފައިވާ ގޮތުގައި މި ޕްލޭނަކީ "އެކްސިސްގެ ހުރިހާ ބައިތަކަކަށް ހަމަލާދިނުމަށް" ރޭވިފައިވާ ދިގު މުއްދަތުގެ ޕްލޭނެއްގެ ބައެކެވެ. މީގެ ތެރޭގައި އެންމެ އިސްކަމެއް ދެވެނީ އީރާނަށެވެ.

މި ޕްލޭނުގައި ފުރަތަމަ ފިޔަވަޔަވަހީގައި ހިމެނެނީ ޣައްޒާ ސިޓީ ހިފުމެވެ. މިގޮތުން ގާތްގަނޑަކަށް 1 މިލިއަން މީހުން އުތުރުން ދެކުނަށް ބަދަލުކޮށް، ސިޓީ ވަށައިލުމަށްފަހު ސިޓީގެ ތެރެއަށް ވަދެ ހަމަލާދިނުމަށް ވަނީ ރާވާފައެވެ. ދެވަނަ ފިޔަވަހީގައި މެދު ޣައްޒާގައި ހުރި ރެފިއުޖީ ކޭމްޕްތައް އަލުން ހިފުމަށް ވަނީ ރާވާފައެވެ. މި ސަރަހައްދުގެ ގިނަ ބައިތަކެއް ވަނީ މިހާރު ވެއްޔާ އެއްވަރުކޮށްފައެވެ.

އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގައި 61,900 އަށްވުރެ ގިނަ ފަލަސްތީންގެ ރައްޔުތުން ވަނީ ޝަހީދުކޮށްލާފައެވެ. މި ހަނގުރާމައިގެ ސަބަބުން ޣައްޒާ ވަނީ ފުނޑުފުނޑުކޮށްލާފައެވެ.