މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.4 މިލިއަނަށް އަރައިފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9 ޕަސެންޓްގެ ކުރިއެރުމެކެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 16 އާ ހަމައަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1،402،715 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1،286،377 ފަތުރުވެރިންނެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓްތަކަށް ބަލާއިރު، އެންމެ ގިނައީ ޗައިނާގެ ފަތުރުވެރިންނެވެ. ޗައިނާއިން މިހާތަނަށް 215،388 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިން (166،496) އެވެ. އިނގިރޭސިވިލާތުން 128،786 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
މިހާރު ރާއްޖެއަށް ދުވާލަކު އެވްރެޖްކޮށް 6،740 ފަތުރުވެރިން ޒިޔާރަތްކުރަމުންދެއެވެ. މި އަހަރުގެ ސަރުކާރުގެ ޓާގެޓަކީ 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ.
ފާއިތުވި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 2 މިލިއަނަށް އަރާފައެވެ. މި އަހަރުގެ ފަތުރުވެރިކަމުގެ ހަރަކާތްތައް ހިނގަމުންދާ ސްޕީޑަށް ބަލާއިރު، މި އަހަރުގެ ޓާގެޓް ހާސިލުކުރެވޭނެ ކަމަށް ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކުން އުންމީދުކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!