ސްޕެނިޝް ލަލީގާގެ، އައު ސީޒަންގެ ފުރަތަމަ މެޗުގައި ރޭ ބާސެލޯނާއާއި ރެއާލް މަޔޯކާ ބައްދަލުކުރި މެޗުން ބާސާ މޮޅުވި ނަމަވެސް އެ ޓީމް ދެއްކި ކުޅުމާއިމެދު ހިތްހަމަ ނުޖެހޭ ކަމުގައި، އެ ޓީމްގެ ކޯޗް ހަންސީ ފްލިކް ބުނެފިއެވެ.

ރޭ ރަށުން ބޭރުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި މަޔޯކާއަށް ދެ ރަތްކާޑު ދެއްކުމުން އެ ޓީމް މެޗުގެ ބޮޑުބައި ފުރިހަމަ ކޮށްފައި ވަނީ ދެ ކުޅުންތެރިން މަދުކޮށެވެ.

Ad
rt

ދެ ކުޅުންތެރިންގެ އެޑްވާންޓޭޖަކާއިއެކު ބާސާއިން ދެއްކި ކުޅުމާއި މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް ފްލިކް ބުނީ މޮޅުވިޔަސް ޓީމުގެ ކުޅުމާއިމެދު ހިތްހަމަ ނުޖެހޭ ކަމަށާއި، ޓީމްގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ 50 އިންސައްތަކަމަށެވެ.

ރޭ މެޗުގައި ބާސާއަށް ފުރަތަމަ ލަނޑު ހަތްވަނަ މިނެޓުގައި ޖަހައިދިނީ ރަފީނިއާއެވެ. ލެމީން ޔަމާލް މަޔޯކާގެ އޭރިޔާތެރެއަށް ކުޅުނު ބޯޅައަށް އަރައި ރަފީނިއާ ވަނީ ހުހަށް ހުރެ ބޮލުން އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. ބާސާގެ ދެވަނަ ލަނޑު 23 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފެރާން ޓޯރޭސްއެވެ.

މެޗުގެ 33 ވަނަ މިނެޓުގައި މަޔޯކާގެ މަނޫ މޯލަނެސް، ޔަމާލްއަށް ކުރި ފައުލަކަށް ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑު ދެއްކިއިރު، މަޔޯކާއަށް އިތުރު މައްސަލައާއި ކުރިމަތިވީ 39 ވަނަ މިނެޓުގައި އެ ޓީމްގެ ފޯވާޑް މުރީކީއަށް ރަތްކާޑު ދެއްކުމުންނެވެ. ބާސާގެ ކީޕަރަށް ކުރި ނުރައްކާތެރި ފައުލަކަށް ފުރަތަމަ މުރީކީއަށް ދެއްކީ ރީނދޫ ކާޑެކެވެ. ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު ރެފްރީ ވަނީ ރީދނޫ ކާޑު ކެންސަލްކޮށް ރަތްކާޑަކަށް ބަދަލުކޮށްފައެވެ.

މެޗުގެ ބޮޑުބައި ދެ ކުޅުންތެރިން މަދުކޮށް ކުޅުނު ނަމަވެސް ބާސާ ހުއްޓުވުމައި މަޔޯކާއިން ވަނީ ޑީފެންސިވް ރަނގަޅު ގޭމެއް ކުޅެފައެވެ. ބާސާގެ ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ ލެމީން ޔަމާލްއެވެ.