މި އަހަރުގެ ސެޕްޓެމްބަރު 1 އިން ފެށިގެން ހުރިހާ ދަރިވަރުންނަށްވެސް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މާއްދާ މަޖުބޫރުކޮށް ޗައިނާއިން އެ ގައުމުގެ ތަޢުލީމީ ނިޒާމަށް ބޮޑު ބަދަލެއް ގެނެސްފި އެވެ.
ޗައިނާގެ ގައުމީ އޭއައި އިސްތިރާޖީގެ ދަށުން ކުރިއަށްގެންދާ މި މުހިންމު އިސްލާހުގެ ދަށުން، ކޮންމެ އަހަރަކު މަދުވެގެން 8 ގަޑިއިރުގެ އޭއައި ތަމްރީން ދަރިވަރުންނަށް ދޭންޖެހޭނެއެވެ. ޅަފަތުގެ ދަރިވަރުންނަށް ކިޔަވައިދިނުން އަމާޒުކުރެވިފައިވަނީ އަމަލީ ތަޖުރިބާތަކަށް ކަމަށްވާއިރު، މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް ރޮބޮޓިކްސް އަދި މެޝިން ލާނިންގ ފަދަ އޭއައިގެ އަމަލީ ބޭނުންތައް ދަސްކޮށްދެވޭނެއެވެ.
މި ޕްރޮގްރާމްގެ ދަށުން މުދައްރިސުން ތަމްރީނުކުރުމާއި، މަންހަޖު އަދާހަމަކުރުމާއި، އަދި ސްޓެމް (ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި ހިސާބު) މާއްދާތަކާއި އޭއައި ފިލާވަޅުތައް އެއްކޮށްލެވޭނެއެވެ.
މި އައު ސިޔާސަތުގެ ދަށުން 6 އަހަރުގެ ކުދިންވެސް އޭއައި ދަސްކުރަން ފަށަންޖެހޭނެއެވެ. ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް ޢަމަލީ ހަރަކާތްތަކާއި އަސާސީ މަފްހޫމްތައް ކުޑަކުދިންނަށް ކިޔަވައިދޭއިރު، ބޮޑެތި ދަރިވަރުންނަށް އެޑްވާންސްޑް މައުޟޫތަކާއި ޢަމަލީ ބޭނުންތައް ކިޔަވައިދެވޭނެއެވެ.
ގްރޭޑް 1 އިން 3 އަށް ކިޔަވާ ކުދިންނަށް ދައްކައިދެވޭނީ ދިރިއުޅުމުގައި އޭއައި ބޭނުންކުރެވޭ އަސާސީ ގޮތްތަކެވެ. ގްރޭޑް 4 އިން 6 އަށް ކިޔަވާ ކުދިން ބައިވެރިވާނީ ލުއި ކޯޑިންގ އަދި އޮޓޮމޭޝަން މަޝްރޫޢުތަކުގައެވެ. އަދި ސާނަވީ ތަޢުލީމުގެ ދަރިވަރުންނަށް ނިއުރަލް ނެޓްވަރކްސް، ޑޭޓާ ޓްރެއިނިންގ އަދި ޓެކްނޮލޮޖީ ބޭނުންކުރުމުގެ އަޚްލާޤީ މިންގަނޑުތައް ފަދަ އެޑްވާންސްޑް މައުޟޫތައް ކިޔަވައިދެވޭނެއެވެ.
މި އިސްލާހާއެކު، ޗައިނާއިން ވަނީ ހަގީގީ މާނައިގައި އޭއައި ދާއިރާގައި ކުރިއަރާފައިވާ ޖީލެއް އުފެއްދުމަށް މަގުފަހިކޮށް، ދުނިޔޭގެ ފެންވަރުގައި އޭއައި ދާއިރާގެ އިސް ސަފުގައި ފައިހަމަކުރުމަށް ބިންގާ އަޅާފައެވެ. މި ފިޔަވަޅަކީ ޗައިނާގެ ޓެކްނޮލޮޖީ ދާއިރާގެ ކުރިއެރުމަށް އެޅޭ އިތުރު ހަރުދަނާ ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.
މި ފިޔަވަޅަކީ 2030 ވަނަ އަހަރާ ހަމައަށް އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ބާރަކަށްވުމަށް ޗައިނާއިން އަމާޒުހިފާފައިވާއިރު ޑިޖިޓަލް އިޤްތިޞާދު އަދި ޓެކްނޮލޮޖީގެ ދާއިރާތަކުގައި މަސައްކަތްކުރުމަށް ތައްޔާރުވެފައިވާ ޖީލެއް އުފެއްދުމަށް ސަރުކާރުން އުންމީދުކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!