އިސްރާއީލްގެ އަނިޔާވެރިކަމުގެ ދަށުގައިވާ ޣައްޒާގެ 14،800 އަށްވުރެ ގިނަ ބަލިމީހުން ފުރާނަ ސަލާމަތްކުރުމަށް އެތަނުން ލިބެންނެތް އަވަސް ފަރުވާ ބޭނުންވާކަމަށް ދުނިޔޭގެ ސިއްޙީ ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.
ޑަބްލިޔުއެޗްއޯ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޯމް ގެބްރެޔެސަސް ބުދަ ދުވަހު ވިދާޅުވެފައި ވަނީ ޣާއްޒާ ސަރަޙައްދުގައި 14،800 އަށްވުރެ ގިނަ ބަލިމީހުންނަށް ފުރާނަ ސަލާމަތްކުރުމުގެ ސިއްހީ ފަރުވާ ވަރަށް އަވަހަށް ބޭނުންވާ ކަމަށެވެ. ނަމަވެސް އެ ފަރުވާ މިހާރު ޣައްޒާއިން ލިބެންނެތްކަމަށް އޭނާ ވިދާޅުވިއެވެ.
ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް ވިދާޅުވެފައި ވަނީ ޣައްޒާ އިން ސިއްހީ އެހީތެރިކަމަށް ބޭނުންވެފައިވާ އެތައް ކުދިންނަކާއި މީހުންގެ ތެރެއިން 32 ކުދިންނާއި 6 މީހުން ސިއްހީ ފަރުވާއަށް އެ ޖަމިއްޔާގެ އެހީތެރިކަމާއެކު ޣައްޒާއިން ބޭރަށް އެހެން ޤައުމުތަކަށް މިހާރު ގެންގޮސްދެވިފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކުގެ ޢާއިލާތަކުގެ 99 މެމްބަރުން ވެސް ޣައްޒާއިން ބޭރަށް ގެންދެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ޓެޑްރޯސް ވިދާޅުވި ގޮތުގައި އެތަނުން 25 ކުދިންނާއި 6 މީހުން ބަދަލުކޮށްފައި ވަނީ އިޓަލީވިލާތަށެވެ. އަދި 5 ކުދިން ބެލްޖިއަމަށް ބަދަލުކުރެވިފައިވާއިރު، އިތުރު 2 ކުދިން ތުރުކީވިލާތަށް ގެންދެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ ސިއްޙީ ޖަމްޢިއްޔާ އިސްވެރިޔާ ޓެޑްރޯސް ވަނީ އިތުރު ގައުމުތަކުން ވެސް އިސްނަގައި ޣައްޒާގެ ބަލިހާލުގައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައްވާފައެވެ. އަދި މާ ލަސްވުމުގެ ކުރިން ސިއްހީ އެހީ ފޯރުކޮށްދިނުމަށް އިރުމަތީ ޖެރޫސަލަމް ހިމެނޭ ގޮތަށް ހުޅަނގު އައްސޭރި އަލުން ހުޅުވުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
7 އޮކްޓޯބަރު 2023 އިން ފެށިގެން، އެމެރިކާގެ ފުރިހަމަ އެހީތެރިކަމާއެކު، އިސްރާއީލުގެ ޣައިރު ގާނުނީ ބާރުތަކުން އަންނަނީ ޣައްޒާގައި ނަސްލު ފޮހުމުގެ ޢަމަލުތައް ހިންގަމުންނެވެ. މީގެ ސަބަބުން 215،000 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ވަނީ ޝަހީދުވެ ނުވަތަ ޒަޚަމްވެފައެވެ. މީގެ ތެރެއިން ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. މީގެ އިތުރުން 9،000 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ. އަދި އެތައް ލައްކައެއްގެ މީހުން ވަނީ ގެދޮރުދޫކޮށް ދާންޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!