ރަޝިޔާއިން ޓެލެގްރާމް އަދި ވަޓްސްއެޕް ބައެއް ކޯލްތައް މަނާކުރަން ފަށައިފިއެވެ.

މިގޮތަށް މަނާކުރަން ފަށާފައިވަނީ މި ބޭރުގެ ކުންފުނިތަކުގެ މިލްކިއްޔާތުގައިވާ ޕްލެޓްފޯމްތަކުން، ފްރޯޑް އަދި ޓެރަރިޒަމްގެ މައްސަލަތަކުގައި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކާ މަޢުލޫމާތު ޙިއްޞާކުރުމަށް އިންކާރުކޮށްފައިވާތީ ކަމަށް ބުދަ ދުވަހު އެ ޤައުމުގެ ޑިޖިޓަލް ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނެފައިވެއެވެ.

Ad
rt

މިއީ ރަޝިޔާއިން އިންޓަނެޓް ކޮންޓްރޯލް ކުރުމަށް އަޅާ އެންމެ ފަހުގެ ފިޔަވަޅުތައްކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ރަޝިޔާގެ މީޑިއާ މޮނިޓަރިންގ ސަރވިސް މީޑިއާސްކޯޕްގެ މަޢުލޫމާތުން ދައްކާގޮތުގައި މި މަނާކުރުމާއެެކު ރަޝިޔާގައި ވަޓްސްއަޕް ބޭނުންކުރާ 96 މިލިއަން މީހުންނާއި ޓެލެގްރާމް ބޭނުންކުރާ 89 މިލިއަނަށްވުރެ ގިނަ މީހުންނަށް މިކަމުގެ އަސަރުކުރާނެއެވެ.

ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ރަޝިޔާގެ މީޑިއާ އަދި އިންޓަނެޓް ރެގިއުލޭޓަރ ރޮސްކޮމްނާޒޯރުން ބުނެފައިވަނީ މި ފިޔަވަޅަކީ ކުށްކުރުން ހުއްޓުވުމަށް ކޮންމެހެން ބޭނުން ފިޔަވަޅެއް ކަމަށެވެ.

"ޤާނޫނު ތަންފީޒުކުރާ އިދާރާތަކާއި ގިނަ ރައްޔިތުންގެ ޝަކުވާތަކުގެ މައްޗަށް ބިނާކޮށް، ބޭރުގެ މެސެޖިންގ އެޕްތަކަށް ވެފައިވަނީ މީހުންގެ އަތުން މަކަރުހަދައިގެން ފައިސާ ނެގުމާއި ރަޝިޔާގެ ރައްޔިތުން ޓެރަރިޒަމާއި ފަސާދައިގެ ޢަމަލުތަކަށް ހިތްވަރުދިނުމަށް ބޭނުންކުރާ މައިގަނޑު ވަސީލަތްތަކައް" ރެގިއުލޭޓަރުން ބުންޏެވެ.

"މި ކަންކަން ހުއްޓުވުމަށް އެޕްތަކުގެ ވެރިފަރާތްތަކަށް ތަކުރާރުކޮށް ހުށަހެޅި އެދުންތަކަށް އެއްވެސް ސަމާލުކަމެއް ދީފައެއް ނުވޭ" އެފަރާތުން ބުންޏެވެ.

ރަޝިޔާއިން ބޭނުންވަނީ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން އެދުމުން މެސެޖިންގ ސަރވިސްތަކުން ބޭނުންކުރާ މީހުންގެ މަޢުލޫމާތު ހޯދޭނެ ގޮތް ހަދައިދިނުމަށެވެ.

"ބޭރުގެ މެސެޖިންގ އެޕްތަކުގައި ކުރެވޭ ކޯލްތައް އަލުން ހުޅުވާލެވޭނީ އެ އެޕްތަކުން ރަޝިޔާގެ ޤާނޫނުތަކާ އެއްގޮތަށް ޢަމަލުކުރަން ފެށުމުން،" ރޮސްކޮމްނާޒޯރުން ބުންޏެވެ.

ރަޝިޔާގެ އިންޓަނެޓް ރެގިއުލޭޓަރ އޮތޯރިޓީތަކުން ބުނެފައިވަނީ ހަމައެކަނި ވޮއިސް ކޯލްތަކަށް ހުރަސްއަޅަން ނިންމި ނަމަވެސް، މި ނިންމުގެ ސަބަބުން ވީޑިއޯ ކޯލްތަކަށްވެސް އަސަރުކުރާނެއެވެ.

2022 ގައި ރަޝިޔާއިން ޔުކްރެއިންއަށް ފުޅާ ދާއިރާއެއްގައި ހަނގުރާމަ ފެށުމަށްފަހު، މޮސްކޯއިން ވަނީ ރަޝިޔާގެ އިންޓަނެޓް ކޮންޓްރޯލް އިތުރަށް ހަރުކަށިކޮށްފައެވެ. ސެކިއުރިޓީ ސަރވިސްތަކުން ގިނަ ފަހަރު ބުނެފައިވަނީ ޔުކްރެއިންއިން ޓެލެގްރާމް ބޭނުންކުރަނީ މީހުން ރެކްރޫޓްކުރުމަށާއި ރަޝިޔާގައި ފަސާދައިގެ ޢަމަލުތައް ހިންގުމަށް ކަމަށެވެ.

ރަޝިޔާގެ ސަރުކާރުން ވަނީ ފާއިތުވި މަހު އޮތޯރިޓީތަކުން މަނާކޮށްފައިވާ ކޮންޓެންޓް ސާރޗްކުރާ މީހުންނަށް އަދަބުދިނުމުގެ ޤާނޫނެއް ފާސްކޮށްފައެވެ. އަދި މިހާރު ބޭނުންކުރާ މެސެޖިންގ ސަރވިސްތަކުގެ ބަދަލުގައި މެކްސް ކިޔާ ރަޝިޔާގެ އެޕެއް ބޭނުންކުރުމަށް ރާވަމުންދެއެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާގޮތުގައި މި އެޕް މެދުވެރިކޮށް އޮތޯރިޓީތަކަށް މީހުންގެ މަޢުލޫމާތު ހޯދޭނެއެވެ.

ވަޓްސްއެޕްގެ ތަރުޖަމާނެއް ބުނެފައިވަނީ އެންކްރިޕްޓްކޮށްފައިވާ މެސެޖިންގ އެޕް "ސަލާމަތީ މުވާސަލާތުގެ ޙައްޤަށް ސަރުކާރުން އަރައިގަތުމަށް ދެކޮޅުހަދާ" ކަމަށާއި، އެހެންކަމުން ރަޝިޔާއިން މަސައްކަތްކުރަނީ 100 މިލިއަނަށްވުރެ ގިނަ ރަޝިޔާގެ ރައްޔިތުންނަށް އެޕް ބްލޮކްކުރުމަށް ކަމަށެވެ.

އޭއެފްޕީ ނިއުސް އޭޖެންސީއަށް ފޮނުވި ބަޔާނެއްގައި ޓެލެގްރާމްއިން ބުނެފައިވަނީ އެ ޕްލެޓްފޯމް "ފަސާދައާއި އަނިޔާވެރިކަމަށް ގޮވާލުމާއި މަކަރުހެދުން ފަދަ ނުރަނގަޅު ބޭނުންކުރުންތައް ހުއްޓުވުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރަމުންދާ" ކަމަށާއި، "ކޮންމެ ދުވަހަކު މިލިއަނުން ގެއްލުންދެނިވި ކޮންޓެންޓް ނައްތާލަމުންދާ" ކަމަށެވެ.

ރަޝިޔާގެ ޓެކް އާންޓްރެޕްރެނިއަރ ޕަވެލް ޑޫރޮވް އުފެއްދި ޓެލެގްރާމްއާ ދެކޮޅަށް ރަޝިޔާ ހިމެނޭ ގޮތަށް ގިނަ ޤައުމުތަކުން އަންނަނީ ކުށްވެރިންނާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅު ނާޅާ ކަމުގެ ތުހުމަތުތައް ކުރަމުންނެވެ.