ބ. އަތޮޅު ''މާމަޑުއްވަރީ'' އެ އަތޮޅު ހިތާދޫ އާ ޙަވާލުކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިކަން އެމަނިކުފާނު ހާމަކުރެއްވީ، ބ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނުވަ ވަނަ މަޒްޒިލްގެ ގޮތުގައި ހިތާދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ''މާމަޑުއްވަރީ'' އަކީ ތާރީޚީ ގޮތުން ހިތާދޫ ރައްޔިތުންގެ ވަރަށް ބޮޑު ހިއްސާއެއް އޮތް، އިޤްތިޞާދީގޮތުން ފައިދާތަކެއް ހޯދާފައިވާ ރަށެކެވެ. ނަމަވެސް މިހާރު އެރަށަކީ ޓޫރިޒަމް އެގްރިމަންޓެއްގެ ދަށުން ބަޔަކާ ޙަވާލުކުރެވި ގިނަ ދުވަސްވެފައިވާ ރަށެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެގްރިމަންޓާ އެއްގޮތަށް މަސައްކަތް ހިނގަމުން ނުދާތީ، ޤާނޫނާއި ޤަވާއިދުގެ ތެރެއިން އެގްރިމަންޓްގެ ކަންކަން ނިމުމަކަށް ގެނެސް އެރަށް ހިތާދޫއާ ޙަވާލުކުރެއްވުމަށް ވަނީ ނިންމާފައި،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ވަނީ ހިތާދޫގައި ދެ މުހިންމު މަޝްރޫޢެއްގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. އެއީ ރަށު ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތްކުރުމުގެ މަޝްރޫޢާއި ހިތާދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ އެއްބަސްވުންތަކެވެ.

ހިތާދޫގެ ތަރައްޤީއަށް ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުތަކުގެ ތެރެއިން ހަތަރު ވަޢުދެއްގެ ޢަމަލީ މަސައްކަތް މި އަހަރު ފެށޭނެ ކަމަށް ރައީސް މިއަދު ވަނީ ވިދާޅުވެފައެވެ. މީގެ ތެރޭގައި ހެލްތު ސެންޓަރު ތަރައްޤީކުރުމާއި، ފުލް ސައިޒް ފުޓުބޯޅަ ދަނޑެއް ހެދުމާއި، ވޮލީ ކޯޓު އެޅުމާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.