މި ފަހަރުގެ ޓްރާންސްފާގައި ޕީއެސްޖީ ދޫކޮށްލާނެކަން ޔަގީންވެފައިވާ އިޓަލީގެ އެއްވަނަ ގޯލް ކީޕަރު، ޑޮނަރުންމާ ހޯދުމުގެ މަސައްކަތް މެންޗެސްޓާ ސިޓީން ފަށާފައިވާ ކަމުގައި މީޑީއާ ރިޕޯޓްތައް ބުނެފިއެވެ.

އުމުރުން 26 އަހަރުގެ ޑޮނަރުންމާއާއިއެކު ޕީއެސްޖީން މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ޕީއެސްޖީން އޭނާގެ މުސާރަ ކުޑަކޮށް އެއްބަސްވުން ހެދުމާއިމެދު ޑޮނަރުންމާ ދެކޮޅު ހަދާފައިވާތީ، ޕީއެސްޖީން އޭނާ ދޫކޮށްލަން ނިންމާފައި ވަނީ މިވަގުތު އޭނާ ވިއްކާނުލައިފިނަމަ އަންނަ ސީޒަނަށް ފަހު އޭނާ ހިލޭ ޓްރާންސްފާއެއްގައި ދޫކޮށްލަން ޖެހުމެވެ.

Ad
rt

އޭނާ މިވަގުތު ޕީއެސްޖީގައި ހުރީ ސީޒަނަކު 11 މިލިއަން ޑޮލަރުގެ މުސާރަ އަކަށެވެ. އާ ކޮންޓްރެކްޓާ އެކު ޕީއެސްޖީން ހުށަހެޅި ޑީލުގައި ބޯނަހާ އެކު ވެސް ޑޮނަރުންމާ އަށް ލިބޭނީ 11 މިލިއަން ޑޮލަރެވެ. އެހެންވެ، އޭނާ ވަނީ އެއްބަސްވުން އާ ކުރަން ދެކޮޅު ހަދާފައެވެ.

ޑޮނަރުންމާ ޕީއެސްޖީ ދޫކޮށްލާނެކަން ޔަގީންވުމާއިއެކު މެންޗެސްޓާ ޔުނައިޓެޑް ވެސް އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މީގެކުރިން ވަނީ ރިޕޯޓް ކޮށްފައެވެ. އަދި އެއަށްފަހު މެންޗެސްޓާ ސިޓީ ވެސް ވަނީ އޭނާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.

ސިޓީގައި މިވަގުތު ތިބި ދެ ގޯލު ކީޕަރުން ކަމަށްވާ، އެޑަޝަންއާއި އޯޓޭގާ އެ ޓީމް ދޫކޮށްލާނެކަން ޔަގީންވެފައިވާއިރު، ސިޓީން ޑޮނަރުންމާގެ ޑީލާއި މެދު ސީރިއަސްއެވެ. ނަމަވެސް ސިޓީން ވަނީ މި ޓްރާންސްފާގައި އިނގިރޭސި ޒުވާން ކީޕަރު، ޖޭމްސް ޓްރަފޯޑް ސޮއިކޮށްފައެވެ.

ޕީއެސްޖީގައި މުސްތަގުބަލެއް ނެތްކަން އިއުލާނުކޮށް، ޑޮނަރުންމާ ބުނެފައިވަނީ، އޭނާ އެ ކްލަބްގައި ހުންނަން ބޭނުންވިޔަސް، އެކަން އެ ގޮތަށް ހިނގިޔަ ނުދޭން މީހަކު ބޭނުންވާ ކަމަށާއި އަދި، ކެރިއަރާ ގުޅޭ މުހިންމު ނިންމުމެއް ނިންމާނީ ފައިސާ އަށް ވިސްނާފައި ނޫން ކަމަށާއި ޕީއެސްޖީ އަކީ ފައިސާ އަށް ވިސްނާ ކްލަބެއްކަން އަމަލުތަކުން މިހާރު ފެންނަ ކަމަށް ޑޮނަރުންމާ ވަނީ ބުނެފައެވެ.

ޕީއެސްޖީން މިހާރު ވަނީ އައު ގޯލް ކީޕަރެއްގެ ސޮއި ވެސް ހޯދާފައެވެ. އެއީ ފްރާންސްގެ ލިލްއަށް ކުޅެމުން އަންނަ ލޫކަސް ޗެވަލިއޭ އެވެ.

ޕީއެސްޖީން މި ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގާއި ފްރާންސްގެ ތިން މުބާރާތުގެ ތަށި ހޯދިއިރު ޑޮނަރުންމާ ވަނީ ގިނަ މެޗުތަކެއްގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޒުވާން އުމުރެއްގައި އޭސީ މިލާނުގެ ފުރަތަމަ ޓީމަށް ކުޅެން ފެށި ޑޮނަރުންމާ، އެ ޓީމު ދޫކޮށްލީ 2021 ވަނަ އަހަރު ހިލޭ ޓްރާންސްފާއެއްގައެވެ. މިހާތަނަށް ޕީއެސްޖީ އަށް 161 މެޗު ކުޅެދީފައިވާއިރު، އެ ޓީމާއިއެކު، 10 ޓްރޮފީ ވަނީ ހޯދާފައެވެ.