އަލްޖަޒީރާގެ ފަލަސްތީނު ނޫސްވެރިޔާ މުޙައްމަދު ޤުރައިޤާ އަކީ ވަރަށް ރީތި ފިރިއެއް އަދި ދަރިންދެކެ ލޯބިވާ ބައްޕައެއް ކަމަށާއި އޭނާ ވަކިވުމުން ތަހައްމަލުކުރަން ޖެހިފައިވާ ވޭން ބަޔާންކުރަން ވަރަށް އުނދަގޫކަމަށް އޭނާގެ އަންހެނުން ހާލާ ޤުރައިޤާ ބުނެފިއެވެ.

އުމުރުން 33 އަހަރުގެ މުހައްމަދު ޝަހީދުވީ އަލް ޖަޒީރާގެ ނޫސްވެރިޔާ ފަލަސްތީންގެ އަނަސް އައް-ޝަރީފް އާއި މުހައްމަދު ހިމެނޭހެން އެމީހުންގެ އެކުވެރި އިތުރު ތިން ނޫސްވެރިން ޣައްޒާ ސިޓީގައި ތިބި ޓެންޓަކަށް އިސްރާއީލުން އަމާޒުކޮށް ދިން ހަމަލާއެއްގައި އާދީއްތަ ދުވަހުގެ ރޭ ގައެވެ.

Ad
rt

މުހައްމަދުގެ ވަކިވުމާއި ގުޅިގެން ހިތާމައިން ފޯވެފައިވާ އޭނާގެ ލޯބިވާ އަންހެނުން ހާލާ ވަނީ އަލްޖަޒީރާ އާއި މެސެޖެއް ހިއްސާކޮށްފައެވެ. ހާލާ އަށާއި މުހައްމަދަށް ވަނީ ލޯބިލޯބި ތިން ކުދިން ލިބިފައެވެ. އެއީ ޒެއިން، ޒެއިނާ އަދި ސަނަދު އެވެ.

ހާލާ ބުނެފައި ވަނީ އޭނާ މުޙައްމަދާ ބެހޭގޮތުން ވާހަކަދައްކަން ނޫސްވެރިއެއްގެ ގޮތުގައި ނޫންކަމަށާއި، އެއީ ''އިންސާނެއްގެ ގޮތުގައި'' ކަމަށެވެ.

"މުޙައްމަދަކީ ވަރަށް ރީތި ފިރިއެއް އަދި ލޯބިވާ ބައްޕައެއް. އޭނާ އަބަދުވެސް ދަރިންނަށް އޯގާތެރިވި. އޭނާ ދިރިއުޅުމަށް ލޯބިކުރި އަދި ދަރިންނަށް އެންމެ ރަނގަޅު ތަރުބިއްޔަތު ދިނުމަށް މަސައްކަތްކުރި، އެކުދިންނަށް ނަމާދުކުރަން ދަސްކޮށްދީ އަދި ކީރިތި ޤުރުއާން ދަސްކުރުމުގައި މަގުދެއްކި މީހެއް،" ހާލާ ބުންޏެވެ.

އޭނާ ޝަހީދުވި ޚަބަރު އިވުމުން ވަރަށް ބޮޑު ޝޮކެއް ލިބުނުކަމަށް ހާލާ ބުންޏެވެ.

"މިވޭން ބަޔާންކުރަން ވަރަށް އުނދަގޫ،" ހާލާ ބުނެފަވެއެވެ.

"އަންހެނެއްގެ ހައިސިއްޔަތުން، ދުނިޔެއަށް އަޅުގަނޑުގެ މެސެޖަކީ އަޅުގަނޑުގެ އިލްތިމާސަކީ، އަޅުގަނޑުމެންގެ ފިރިން މަރާލުން ހުއްޓާލާށޭ. އަޅުގަނޑު ޤަބޫލުކުރަން ޝަހީދެއްގެ އެންމެ ފަހު އަނބިމީހާއަކަށް ވުމަށް، އަދި އަޅުގަނޑު ބޭނުމެއް ނޫން އެހެން އެއްވެސް އަންހެނަކު އޭނާގެ ފިރިމީހާ ގެއްލި އަޅުގަނޑަށް ކުރިމަތިވި ވޭން ތަހައްމަލުކުރާކަށް." ހާލާ ބުނެފަވެއެވެ.