ޣައްޒާ ސިޓީ އަދި މުޅި ޣައްޒާ ސަރަޙައްދު ކޮންޓްރޯލް ކުރުމަށް އިސްރާއީލުން ހިންގަން ރާވާފައިވާ ހަނގުރާމަވެރި އޮޕަރޭޝަން ފުޅާކުރުމުގެ ޕްލޭން ކުށްވެރިކޮށް އެ ޕްލޭން ވަގުތުން އަނބުރާ ގެންދިޔުމަށް ފްރާންސުން ގޮވާލައިފިއެވެ.
ޣައްޒާގެ މަންޒަރުތައް ބަލަން ކުޅަދާނައެއްނޫން، އިސްރާއީލްގެ ޕްލޭން ގެންގޮސް ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލަންޖެހޭ: ފްރާންސް
ޣައްޒާ އަތްދަށުލުމަށް އިސްރާއީލުން ނިންމުމުން މިއަދު ބޭއްވި އެކުވެރި ދައުލަތްތައް (އދ)ގެ ސެކިއުރިޓީ ކައުންސިލްގެ ކުއްލި ޖަލްސާގައި ވާހަކަދައްކަވަމުން ފްރާންސްގެ ޑެޕިއުޓީ ޕަރމަނަންޓް އދ. ރެޕްރެޒެންޓެޓިވް ޖޭ ދަރްމަދިކާރީ އިސްރާއީލްގެ އެ ޕްލޭން ކުށްވެރިކުރަށްވާ ކަމަށެވެ. އަދި އެ ޕްލޭނަކީ ބައިނަލްއަޤްވާމީ ޤާނޫނުގެ އިންތިހާއަށް ބޮޑު ޚިލާފުވުމެއްކަމަށް ވިދާޅުވެ އިންޒާރުދެއްވާފައި ވެއެވެ.
އިސްރާއީލްގެ އެ ޕްލޭން ފްރާންސުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވިދާޅުވުން ތަކުރާރުކުރަށްވަމުން ދަރްމަދިކާރީ ވިދާޅުވީ އެ ޕްލޭންގެ ސަބަބުން ޣައްޒާގައި މިހާރުވެސް ބިރުވެރި ޙާލަތެއްގައި ދިރިއުޅެމުންދާ އާންމު ރައްޔިތުންނަށް ނުރައްކާތެރި އިންސާނީ ނަތީޖާތަކެއް ކުރިމަތިވާނެ ކަމަށެވެ.
"ކާންބޯން ހޯދަން މަސައްކަތްކުރާއިރު ހަމަލާތައް އަމާޒުކުރެވޭ އާންމުންނާއި، ބަނޑުހައިހޫނުކަމުން މަރުވަމުންދާ ކުޑަކުދިންގެ މަންޒަރުތަކަކީ ބަލާލެވޭވަރުގެ މަންޒަރުތަކެއްނޫން،" ދަރްމަދިކާރީ ވިދާޅުވިއެވެ.
އިސްރާއީލުން ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، އާންމުންނާއި އަސާސީ ވަސީލަތްތައް ރައްކާތެރިކުރުމަށާއި، އެހީ ފޯރުކޮށްދިނުމަށް "އަވަހަށް ހުރިހާ މަގުތަކެއް" ހުޅުވާލުމަށް ވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.
ދަރްމަދިކާރީ ވަނީ އިސްރާއީލުން ޣައްޒާގައި ކުރާ ހަނގުރާމަ ވަގުތުން ދާއިމީ ގޮތެއްގައި ހުއްޓާލުމަށް ފްރާންސްއިން ކުރިން ގޮވާލަމުން އަންނަ ގޮވާލުން މިއަދު ވެސް ތަކުރާރުކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!