މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް އުތުރާއި ދެކުނުގައި ބާނާ ބޮޑުކަންނެލި ގަތުމުގެ ތައްޔާރީތައް މިއަހަރު ފަށާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެ ކުންފުނިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މަސް ގަތުމާއި ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި، ސަރުކާރުގެ އެހީތެރިކަމާއެކު، މަލްޓި ލެޓެރަލް ޑިވޮލޮޕްމަންޓް ފައިނޭންސްގެ އެހީގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް އެ ކުންފުނިން ކޮށްފައިވާ ކަމަށެވެ.
މިގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގައި ބާނާ ބޮޑުކަންނެލި މިފްކޯއިން ގަތުމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް މިއަހަރުގެ ފަށާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މިފްކޯއިން ބުނެފައިވާ ގޮތުގައި، މިހާރު އައްޑޫ އަތޮޅުން ގަންނަ މަސް ހުވަދު އަތޮޅަށް ގެންދިޔުމުގެ ބަދަލުގައި، ސީދާ އައްޑޫ އަތޮޅުން އެކްސްޕޯޓް ކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ނިންމާފައެވެ. އަދި އައްޑޫގައި މަހަށް ވެލިޔު އެޑް ކުރުމުގެ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުން ދާކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން، ގދ. ތިނަދޫގައި ޤާއިމުކުރަމުން އަންނަ މަސްގަންނަ މަރުކަޒު 2026 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވައި، އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތްވެސް މިފްކޯއިން ކުރިއަށް ގެންދާ ކަމަށް ބުނެފައިވެއެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް މިފްކޯގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް، ރާއްޖޭގައި ގަންނަ މަހަށް ވެލިޔު އެޑްކުރުމުގެ ޤާބިލުކަން ކުރިއެރުވުމަކީ ދައުލަތާއި މިފްކޯގެ އެންމެ މުހިންމު އެއް އަމާޒުކަމަށް ކުންފުނިން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ދަޅުގައި މަސް ބަންދުކުރުމަށް ޤާއިމްކޮށްފައިވާ 25 މިލިއަން ޑޮލަރު ނުވަތަ 385 މިލިއަން ރުފިޔާގެ އިންވެސްޓުމަންޓެއްކަމަށްވާ "އެންސިސް މަސް ފެކްޓްރީ" ގަތުމަށް މަސައްކަތްކުރަމުން އަންނަކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
މިފްކޯގެ ޝޯވް ރޫމެއް ލަންކާގައި ހުޅުވުމަށް ވެސް އެ ކުންފުނިން އަންނަނީ ދިރާސާތައް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!