ޣައްޒާއަށް ވައިގެ މަގުން ވައްޓާލި އެހީގެ ޕޭކޭޖަކުން ޖެހި ކުއްޖަކު ނިޔާވެއްޖެއެވެ.

ބަނޑުހައިހޫނުކަމުގައި ކާނެ އެއްޗަކަށް ނުލިބި ގޮތް ހުސްވެފައި ޣައްޒާގެ އެތައް ހާސް ރައްޔިތުންނެއް އެހީއެއްގެ އިންތިޒާރުގައި ތިބޭއިރު، ވައިގެ މަގުން ޣައްޒާގެ ތެރެއަށް ދޫކޮށްލާ އެހީގެ ޕެކޭޖުން ކާނާއެއް ލިބޭތޯ އެތައް ސަތޭކަ ކުދިންނަކާއި މީހުންނެއް އެ ފަދަ ޕެކޭޖްތައް ދޫކޮށްލާވަގުތު ޕެކޭޖްތަކާ ދިމާއަށް ދުއްވައިގަނެއެވެ.

Ad
rt

މިފަދަ ޕެކޭޖަކުން ޖެހި ކުއްޖަކު ނިޔާވެފައިވާއިރު، މި ހާދިސާގެ ވީޑިއޯތައް މީސްމީޑިއާގައި ވަނީ ވައިރަލްވެފައެވެ. މިގޮތުން އިއްޔެ ޣައްޒާ އަށް ވައިގެ މަގުން ދޫކޮށްލި މަދު އެހީގެ ޕެކޭޖުތައް ބިންމައްޗަށް ވެއްޓެން ދިޔައިރު އެތައް ސަތޭކަ ކުދީންނަކާއި މީހުންނެއް އެ ޕޭކޭޖްތަކާ ދިމާއަށް ދުވާތީ ވީޑިއޯތަކުން ފެނެއެވެ.

ކާބޯތަކެތި ހޯދުމުގެ އުންމީދުގައި ތިބި ފަލަސްތީނު ރައްޔިތުންގެ ކުރިއްޗަށް ޣައްޒާއަށް ވައިގެ މަގުން ދޫކޮށްލެވުނު މަދު އެހީގެ ޕެކޭޖްތައް ބާރު ސްޕީޑުގައި ތިރިއަށް ވެއްޓެމުންދާ މަންޒަރު މި ވީޑިއޯތަކުން ފެންނައިރު، ޕެކޭޖެއް މީހެއްގެ ބޮލުގައި ޖެހޭ މަންޒަރު އެއް ވީޑިއޯ ކްލިޕުން ފެނެއެވެ.

އިތުރު ވީޑިއޯ ކްލިޕެއްގައި ޣައްޒާގެ މެދުގައި އޮންނަ ނެޒަރިމް ސަރަޙައްދުގައި އެހީގެ ޕެކޭޖަކާ ދިމާއަށް ދުވެފައި ގޮސް އެހީ ލިބިގަތުމަށް މަސައްކަތްކުރަމުންދަނިކޮށް، މުހައްނަދު ޒަކަރިއްޔާ އީދު ކިޔާ ކުއްޖެއްގެ ގައިމައްޗަށް އެހީގެ ޕެކޭޖެއް ވެއްޓޭ މަންޒަރު ފެނެއެވެ.

ލޭ ތަތްތެޅިފައިވާ އެ ކުއްޖާގެ ހަށިގަނޑުގެ ވަށައިގެން މީހުން އެއްވެ، ބައެއް މީހުން ފަސްޓް އެއިޑް ދޭން މަސައްކަތްކުރާ މަންޒަރު ވެސް އެ ވީޑިއޯ ކްލިޕުން ފެނެއެވެ. އަދި ހޮސްޕިޓަލަށް އެ ކުއްޖާ ގެންގޮސް، އެތަނުގައި އޭނާގެ ހަށިގަނޑު އޮއްވާ، ކުއްޖާގެ ބައްޕަ ހިތާމަކުރަމުން އޭނާ އުރާލައިގެން ހުރި މަންޒަރު ވެސް ވީޑިއޯ ކްލިޕުން ފެނެއެވެ.

ޖައްބާރު އިސްރާއީލުގެ އަނިޔާވެރިކަމުން ޣައްޒާގެ އަސާސީ ޚިދުމަތްތައް ހުއްޓުވައި ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސާފައިވާތާ މިހާރު އެތައް ދުވަހެއްވެއްޖެއެވެ. ކާބޯތަކެއްޗާއި އެހީ ޣައްޒާ އަށް ވެއްދުމަށް އިސްރާއީލުން ހުރަސްއަޅާތީ އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް އެހީގެ ގޮތުގައި ފޯރުކޮށްދެވެނީ މަދު މިންވަރެކެވެ.

އޮކްޓޯބަރު 2023 އިން ފެށިގެން ގައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި 6 އޯގަސްޓް 2025ގެ ނިޔަލަށް ދުވެގެން 61,258 ފަލަސްތީނު ރައްޔިތުން ޝަހީދުވެ، 152,045 މީހުން ޒަޚަމްވެފައިވާކަމަށް 7 އޯގަސްޓް 2025 ގައި ޣައްޒާގެ ސިއްހީ ވުޒާރާއިން ވަނީ ބުނެފައެވެ. މި މުއްދަތުގައި އިސްރާއީލްގެ އުދުވާނުގެ ސަބަބުން ޣައްޒާގެ 2 މިލިއަނަށްވުރެ ގިނަ މީހުންގެ ގެދޮރުގެއްލި ވަނީ މަގުމަތިވެފައެވެ.