ޣައްޒާގެ ރައްޔިތުންނަށް އިސްރާއީލުން ދެމުންދާ ބަނޑަހައިހޫނުކަމުގެ އަނިޔާއާ ދެކޮޅަށް މޮރޮކޯގެ ޑޮކްޓަރުން ބަނޑުހައިހޫނުކަމުގެ އެއް ދުވަހުގެ އިހްތިޖާޖެއް ކޮށްފިއެވެ.
މިއީ "ޑޮކްޓަރސް ފޯ ޕެލެސްޓައިން" މި ނަމުގައި މޮރޮކޯގައި ހިންގާ އަމިއްލަ ޖަމިއްޔާއަކުން އިންތިޒާމްކުރި ހަރަކާތެކެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ދެމުންގެންދާ ބަނޑަހައިހޫނުކަމުގެ އަނިޔާއާ ދެކޮޅަށް ބުރާސްފަތި ދުވަހު ބޭއްވި އެއް ދުވަހުގެ ބަނޑުހައިހޫނުކަމުގެ މި އިހްތިޖާޖުގައި މޮރޮކޯގެ އެތައް ސަތޭކަ ޑޮކްޓަރުންނެއް ބައިވެރިވެފައިވެއެވެ.
މި އިހުތިޖާޖުގައި ބައިވެރިވި މޮރޮކޯގެ ޑޮކްޓަރެއް ކަމަށްވާ އަހްމަދު ޒެރުއަލް އަނަދޫލޫ އޭޖެންސީއަށް ވިދާޅުވި ގޮތުގައި މި އެއް ދުވަހުގެ ބަނޑުހައިހޫނުކަމުގެ އިހުތިޖާޖުގެ މަޤްޞަދަކީ ޣައްޒާގެ ސިއްހީ ދާއިރާގެ މުވައްޒަފުންނާ އެކު އެއްބައިވަންތަކަން ފާޅުކޮށް، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ ބަނޑަހައިހޫނުކަމުގެ އަނިޔާއާ ދެކޮޅަށް އިހުތިޖާޖު ކުރުމެވެ.
ޑރ. ޒެރުއަލް އިތުރަށް ވިދާޅުވި ގޮތުގައި މިއީ ފަލަސްތީނުގެ މައްސަލައަށް ދުނިޔޭގެ ފެންވަރުގައި ފާޅުކުރާ އެއްބައިވަންތަކަމުގެ ތެރެއިން ކުރެވޭ ކަމެކެވެ.
އޭނާ ވިދާޅުވި ގޮތުގައި ޣައްޒާގެ ސިއްހީ ޚިދުމަތްތެރިންނާއި މުޅި ފަލަސްތީނުގެ ރައްޔިތުން އިސްރާއީލުގެ ބްލޮކޭޑުގެ ސަބަބުން ތަހައްމަލުކުރަމުންދާ ވޭނަށް ސަމާލުކަން ގެނައުމަށް މޮރޮކޯގެ ޑޮކްޓަރުން މަސައްކަތް ކުރަމުންދެއެވެ.
ޑރ. ޒެރުއަލް ފާހަގަކުރެއްވި ގޮތުގައި ޤައުމުގެ އެކި ކަންކޮޅުތަކުން އެތައް ސަތޭކަ ޑޮކްޓަރުންނެއް މި ގޮވާލުމަށް އިޖާބަދީ ބަނޑުހައިހޫނުކަމުގެ އިހުތިޖާޖުގައި ބައިވެރިވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!