ފުލުހުންނަށްް ހުށަހެޅުނު ގެވެށި އަނިޔާގެ މައްސަލައެއްގެ ތަހްގީގަށް ހިޔާ އެޕާޓްމަންޓަކަށް ވަތްއިރު ގިނަ އަދަދެއްގެ ވޭޕް ފްލޭވާ ފެނިއްޖެއެވެ.

ފުލުހުން ބުނިގޮތުގައި 7 އޯގަސްޓް 2025 ވަނަ ދުވަހުގެ ރޭ 21:14 ގައި އެ އިދާރާއަށް ވަނީ ގެވެށި އަނިޔާގެ މައްސަލައެއްގެ ރިޕޯޓް ލިބިފައެވެ.

Ad
rt

މި ރިޕޯޓާއި ގުޅިގެން ހުޅުމާލޭ ފޭސް ދެއެއްގެ ހިޔާ އެޕާޓްމަންޓަކަށް ފުލުހުންވަދެ، ބަލާފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ވޭޕް ފްލޭވާތަކެއް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

''މި މައްސަލާގައި ޖުމްލަ 242 ވޭޕް ފްލޭވާ ފުޅި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ'' ފުލުހުން ބުންޏެވެ.

މި މައްސަލަ ތަހްގީގްކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.

15 ނޮވެމްބަރ 2024 އިން ފެށިގެން ރާއްޖެ އަށް ވޭޕް އެތެރެކުރުން ވަނީ ގާނޫނީގޮތުން މަނާކޮށްފައެވެ. އަދި 15 ޑިސެމްބަރ 2024 އިން ފެށިގެން ރާއްޖޭގައި ވޭޕް ވިއްކުމާއި ބޭނުންކުރުން ވަނީ ގާނޫނީގޮތުން މަނާ ވެފައެވެ. ވޭޕް ކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރު ކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެކޮށްފި ނަމަ 50،000ރ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް އާލާތަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރާގޮތަށް ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގައި ހިމަނާފައިވާއިރު، އެ ގާނޫނުގެ ދަށުން ވޭޕް ކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރު ކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެކޮށްފި ނަމަ 50،000ރ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް އާލާތަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރާނެ އެވެ.

ދުންފަތް ބޭނުންކުރަން އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ ޖޫރިމަނާ ކުރާނީ 20،000ރ. އިންނެވެ. ވިއްކި ކޮންމެ އެއްޗަކަށް 10،000ރ. ގެ ޖޫރިމަނާއެއްގެ އިތުރުން ހިލޭ ބަހައިފި ނަމަ 10،000ރ. ގެ ޖޫރިމަނާ ކުރާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައި ވެ އެވެ. އެފަދަ އެއްޗެއް ވިއްކީ ކުޑަކުއްޖަކަށް ނަމަ އެ މީހެއްގެ ޖޫރިމަނާ 50،000ރ. އަށް ބޮޑުވާނެ އެވެ. އަދި ރާއްޖޭގައި ދުންފަތް ގަނެ ވިއްކޭނެ އެންމެ ދަށް އުމުރަކީ 21 އަހަރެވެ.