މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި އެ އިދާރާގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކުރި ދެމީހުންނަކީ ލ. ގަމުގެ ޢަލީ ޝާމް (29) އާއި ހއ. ހޯރަފުށީގެ ޢަލީ އަޢުފާން (20) އެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ދެމީހުން ހައްޔަރުކޮށްފައިވަނީ އޮގަސްޓު 6 ވަނަ ދުވަހުގެ ރޭ މާލޭ މަގުމަތިން ސައިކަލެއްގައި ދަނިކޮށް ހުއްޓުވައި ބަލައިފާސްކުރުމަށް ފަހުއެވެ. މިއީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގުނު އޮޕަރޭޝަނެކެވެ.
މި މައްސަލައިގައި ފުލުހުން ހިންގި ތަހުގީގުގައި، އެ މީހުން ދުއްވި ސައިކަލާއި މާލޭގައި އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 17.06 ގްރާމުގެ އެއްޗަކާއި، ބަނގުރާ ކަމަށް ބެލެވޭ 500 އެމްއެލްގެ 18 ފުޅި އަދި 5 ލީޓަރުގެ ފުޅިއެއް ހޯދާފައިވެއެވެ. މީގެއިތުރުން ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތިވެސް ވަނީ އެތަނުން ފެނިފައެވެ.
މި މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމުން، ދެ މީހުންވެސް ހަތް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައިގެ ތަހުގީގު ޑްރަގް އެންފޯސްމަންޓުން ދަނީ ކުރިއަށް ގެންދަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!