2023 އޮކްޓޯބަރުން ފެށިގެން ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ހިމާޔަތް ހޯދުމަށް ފަލަސްތީނު މީހުން ވަދެ ތިބި 500 އަށްވުރެ ގިނަ ސްކޫލްތަކަށް އިސްރާއީލުން ބޮން އަޅާފައިވާކަމަށް ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިއު) އިން ކަށަވަރުކޮށްދީފިއެވެ.
އިސްރާއީލުން ދެމުންދާ ލާއިންސާނީ އަނިޔާތަކުގައި ޣައްޒާގެ އެތައް ހާސް ބަޔެއްގެ ގެދޮރު ސުންނާފަތިކޮށް ވަނީ މަގުމަތިކޮށްލާފައެވެ. އަދި އެތައް ބަޔަކު ޝަހީދުކޮށްލުމުން މައިންބަފައިން ނުވަތަ އަނބިން ނުވަތަ ފިރިން ޝަހީދުކޮށްލުމުން ހިމާޔަތް ހޯދުމަށް އެތައް ހާސް ބަޔަކު ވަނީ ސްކޫލްތަކާއި، ޓެންޓްތައް ފަދަ ތަންތަނަށްވަދެ ހިމާޔަތް ހޯދާފައެވެ.
ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިއު) އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2023 އޮކްޓޯބަރުން ފެށިގެން، އިސްރާއީލުން ވަނީ ހިމާޔަތަށް ތިބި ފަލަސްތީނުގެ ރައްޔިތުން ތިބި ސްކޫލްތަކަށް އެތައްސަތޭކަ ހަމަލާއެއް ދީފައިކަމަށެވެ.
''މީގެ ތެރޭގައި އެމެރިކާގެ ހަތިޔާރު ބޭނުންކޮށްގެން ގާނޫނާ ޚިލާފަށް ދިން ހަމަލާތައް ހިމެނެއެވެ. މި ހަމަލާތަކުގައި ސަތޭކަ އަދަދެއްގެ އާންމުން މަރުވެ، ޣާޒާގެ ހުރިހާ ސްކޫލްތަކަކަށް ވެސް ގެއްލުން ލިބި ނުވަތަ ހަލާކުވެފައިވެއެވެ." އެ ޖަމިއްޔާއިން ބުނެފަވެއެވެ.
މި ހަމަލާތަކުގެ ސަބަބުން ދިގު މުއްދަތަކަށް ކުރާނެ އަސަރުތަކާ މެދު، ޚާއްޞަކޮށް އާންމުންނަށާއި ތަޢުލީމީ ނިޒާމަށް ކުރާނެ އަސަރުތަކާ މެދު އިންސާނީ ޙައްޤުތަކުގެ ޖަމްޢިއްޔާއިން އިންޒާރު ދީފައިވެއެވެ.
"އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން އާންމުންނަށް ރައްކާތެރި ހިމާޔަތް ލިބުން މަނާވެ، ސްކޫލްތައް މަރާމާތުކޮށް އަލުން އިމާރާތްކުރުމަށް ގިނަ ވަސީލަތްތަކަކާއި ވަގުތު ބޭނުންވާތީ، އަހަރުތަކެއް ވަންދެން ތަޢުލީމު ހޯދުމަށް ހުރަސްތަކެއް ކުރިމަތިވާނެއެވެ." އެ ޖަމިއްޔާއިން ބުނެފަވެއެވެ.
އެޗްއާރްޑަބްލިއުގެ ބަޔާނުގައި ބުނެފައިވާ ގޮތުން، ހިމާޔަތަށް ބޭނުންކުރާ ސްކޫލްތަކަށް އިސްރާއީލުން އެންމެ ފަހުން ދިން ވައިގެ ހަމަލާތަކަކީ ދެމިގެންދާ އަސްކަރީ ޢަމަލިއްޔާތުގެ ބައެކެވެ. މި ޢަމަލިއްޔާތުގެ ސަބަބުން ޣާޒާގެ ބާކީ ހުރި މަދަނީ އަސާސީ ވަސީލަތްތައް ހަލާކުވެ، އެތައްހާސް ފަލަސްތީނުގެ ރައްޔިތުން ހިޖުރަކުރަން މަޖުބޫރުވެ، ކުރިން ވެސް ދަތި އިންސާނީ ހާލަތު އިތުރަށް ގޯސްވެފައިވާކަމަށް އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.
އެ ޖަމްޢިއްޔާއިން ވަނީ އެމެރިކާ ހިމެނޭ ގޮތަށް ގާނޫނާ ޚިލާފު ހަމަލާތަކުގައި ބޭނުންކުރާ ހަތިޔާރު ފޯރުކޮށްދޭ ސަރުކާރުތަކުން އިސްރާއީލުގެ ސަރުކާރަށް ހަތިޔާރު ދިނުން ހުއްޓާލައި، އދ.ގެ ނަސްލު ނައްތާލުމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމުގެ މުޢާހަދާ (ޖެނޮސައިޑް ކޮންވެންޝަން) ތަންފީޒުކުރުމަށް އެހެނިހެން އަވަސް ފިޔަވަޅުތައް އަޅަން ގޮވާލާފައެވެ.
އޮކްޓޯބަރު 2023 އިން ފެށިގެން ގައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި ބުރާސްފަތި ދުވަހާއި ހަމައަށް މަދުވެގެން 61,258 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާ ކަމަށް، އޭގެ ތެރޭގައި ބަނޑުހައިހޫނުކަމުގައި 197 މީހުން މަރުވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 152,045 އަށް އަރާފައިވާކަމަށް ބުރާސްފަތިދުވަހު ޣައްޒާގެ ސިއްޙީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!