ޖަރުމަނުވިލާތުގެ 80 އިންސައްތަ ރައްޔިތުން ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމައާ ދެކޮޅުކަމަށް ފޯކަސް ނިއުސް މަޖައްލާއިން ބުރާސްފަތި ދުވަހު ޝާއިޢުކުރި ސާވޭ ނަތީޖާތަކުން ދައްކައިފިއެވެ.

މި ސާވޭ ދައްކާގޮތުން 80 އިންސައްތަ ޖަރުމަނު ރައްޔިތުން އިސްރާއީލްގެ އަނިޔާވެރިކަމާމެދު ހިތްހަމަނުޖެހޭއިރު، އިސްރާއީލާއި ދެކޮޅަށް ދައުވާތައް އުފުލުމާއެކު ޖަރުމަނު ސަރުކާރުން އިތުރު ފިޔަވަޅުތައް އެޅުމަށް، ސާވޭގައި ބައިވެރިވި 75% މީހުން ބޭނުންވެއެވެ.

Ad
rt

މީގެ އިތުރުން، ޖަރުމަނުވިލާތުގެ 40% ރައްޔިތުން ދެކޭގޮތުގައި ހަމާސްއާ ދެކޮޅަށް ކުރާ ހަނގުރާމާގައި އިސްރާއީލުން ވަނީ އިންތަކުން ބޭރުވެފައެވެ.

ސާވޭއިން އިތުރަށް ދައްކާގޮތުގައި ޖަރުމަނުވިލާތުގެ ޒުވާނުން ޣައްޒާގައި އިސްރާއީލުން ހިންގާ އަނިޔާވެރި ހަނގުރާމައާ ދެކޮޅުވާ މިންވަރު އިތުރެވެ. އަދި ފާހަގަކޮށްލެވޭ ކަމަކީ މި ސާވޭއިން ދައްކާގޮތުގައި މިއީ މުޅި ޔޫރަޕްގައި އިސްރާއީލާއި އެންމެ މަތީ ދެކޮޅުވެރިކަމުގެ ނިސްބަތެވެ.

ފަލަސްތީނަށް އިންސާފު ހޯދައިދިނުމަށް އެދި ޖަރުމަނުގައި ފުޅާ ދާއިރާއެއްގައި މުޒާހަރާތައް ކުރެވިފައިވާއިރު، އަދި ޣައްޒާގައި އިސްރާއީލުން ހިންގާ ހަނގުރާމައިގެ ކުށްތަކާމެދު މަގުމައްޗަށް ނުކުމެ މީހުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އާންމުންގެ އިތުރުވަމުންދާ ޝަކުވާތަކާ ކުރިމަތިލަމުން ޖަރުމަނުގެ ޗާންސެލަރ ފްރިޑްރިޗް މަރޒް ޖުލައި 28 ގައި ވިދާޅުވެފައި ވަނީ ޣައްޒާގެ ނާޒުކު އިންސާނީ ހާލަތާ ގުޅިގެން އިސްރާއީލަށް ފިޔަވަޅު އެޅުމަށް އޭނާގެ ސަރުކާރުން ވިސްނަމުންދާކަމަށެވެ.

ޖަރުމަނުވިލާތަކީ އިސްރާއީލުގެ ވަރުގަދަ ތާއީދުކުރާ ޤައުމެއްގެ ގޮތުގައި ދިގު މުއްދަތެއް ވަންދެން އޮތް ޤައުމެކެވެ. އެ ޤައުމުގެ ސިޔާސީ ލީޑަރުން ތަކުރާރުކޮށް ބާރުއަޅަމުން އައީ ނާޒީ މާޒީއާއި ދެވަނަ ބޮޑު ހަނގުރާމައިގައި ޔަހޫދީންނާ ދެކޮޅަށް ހިންގި ޖަރީމާތަކުގެ ސަބަބުން އިސްރާއީލަށް އޮތް ތާރީޚީ ޒިންމާއަށެވެ.

އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ވަނީ ޣައްޒާގައި 60،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ. އަދި އިސްރާއީލުން އެ ސަރަޙައްދު ބްލޮކޭޑްކުރުމުގެ ސަބަބުން ކާބޯތަކެތީގެ ބޮޑު ދަތިކަމަކާއި ބަނޑަށްޖެހިގެން މަރުވުމުގެ ހާދިސާތައް ހިނގަމުންދެއެވެ.