ދިވެހިރާއްޖެއަށް ކުރިމަތިވެފައިމިވަނީ ޓީޗަރުން ނުލިބުމުގެ ކާރިސާއަކާއެއްކަމަށް ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި، ފާއިތުވި ދުވަސްތަކުގައި މުދައްރިސުންގެ ދުޅަހެޔޮކަމަށާއި ވަޒީފާގެ ރައްކާތެރިކަމަށް އެކަށީގެންވާ ސަމާލުކަމެއް ދީފައިނުވާކަމަށާއި، އަދި އާ މުދައްރިސުން ތަމްރީނުކުރުމަށް ގައުމީ ފެންވަރުގައި އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާކަމަށް ވިދާޅުވިއެވެ.

Ad
rt

މިކަމުގެ ނަތީޖާއެއްގެ ގޮތުން، 2023 ވަނަ އަހަރު ނިމުނުއިރު، ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭނެ 600 އަށްވުރެ ގިނަ މުދައްރިސުން ނެތި ދަރިވަރުން ތިބިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، އެއް އަހަރުގެ ޑިޕްލޮމާއަކާއެކު ތަމްރީނުވެ ތައުލީމީ ދާއިރާއަށް ވަންނަ މުދައްރިސުންނަށްވެސް ފުރުސަތު ދޭންޖެހޭކަން ވަޒީރު ވަނީ ފާހަގަކުރަށްވާފައެވެ.

"މުދައްރިސަކަށް ވުމަށްވެސް އެތައް މަގެއް އިޚުތިޔާރު ކުރެވިދާނެ. ރާއްޖޭއަށް ކުރިމަތިވެފައިވާ މުދައްރިސުން ލިބުމުގެ ދަތިކަން ފިލުވުމަށް ތަފާތު ޕާތުވޭތައް ތަޢާރަފްކޮށް މުދައްރިސުންނަށް މުޖުތަމަޢުގައި ދެވޭ އިޙްތިރާމާއި ގަދަރު ދޭންޖެހޭ،" ވަޒީރު ވިދާޅުވިއެވެ.

2022 ވަނަ އަހަރު އެކުލަވާލި މުދައްރިސުންގެ ޖޮބް މެޓްރިކްސްގައި ލެވަލް 5 ގެ ޑިޕްލޮމާ ހާސިލުކޮށްފައިވާ ފަރާތްތަކަށް ސެން ކުލާސްތަކުގައި ކިޔަވައިދިނުމުގެ ދާއިމީ ވަޒީފާ ދެވޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މުދައްރިސުންގެ ދަތިކަން ހައްލުކުރުމަށް މިފަދަ އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށްވެސް ވިދާޅުވިއެވެ.