ދިވެހިރާއްޖެއިން ފުރާ ފްލައިޓްތަކުގައި ފަސެންޖަރުން ދަތުރުކުރާއިރު ކޮންމެ ފަސިންޖަރަކަށް އެއް ލައިޓަރު ގެންދެވޭގޮތަށް އުސޫލަށް ބަދަލުގެނެސްފިއެވެ.
ރާއްޖެއިން ފުރާ ފްލައިޓްތަކާއި ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ލައިޓަރު ނުގެންދެވޭގޮތަށް އަމަލު ކުރަމުން އަންނަތާ މިހާރުވަނީ އަހަރުތަކެއްވެފައެވެ.
މިކަން ހާމަކޮށް ޑިފެންސް މިނިސްޓްރީން ނެރުނު ސާކިއުލަރއެއްގައި ބުނެފައިވަނީ، މި ހުއްދަ ދީފައިވަނީ ނެޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމް (އެންސީއޭއެސްޕީ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ.
ގެނެވުނު މި ބަދަލާއިއެކު ކޮންމެ ފަސިންޖަރަކަށް ވެސް އެ މީހެއްގެ އަތުގައި ނުވަތަ ޖީބުގައި ބާއްވައިގެން އެއް ލައިޓަރު ގެންދެވޭނެއެވެ.
ނަމަވެސް، އެއްވެސް އެއާލައިނަކުން ވަކި ފްލައިޓަކަށް ލައިޓަރު އެރުވުން މަނާކުރަން ބޭނުންވެއްޖެ ހާލަތެއްގައި، އެކަން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާ ގުޅިގެން ކުރިއަށް ގެންދެވިދާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މިފަދަ ހާލަތެއްގައި އެއަރލައިނުން އެކަން ޑިފެންސް މިނިސްޓްރީއަށް ލިޔުމުން ހުށަހަޅަންޖެހޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!