މަސްތުވާތަކެތީ ގެންގުޅެ ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މަސްތުވާތަކެތީ ގެންގުޅެ ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މާލެއިން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރުތުކުރުމަށްފަހު އެކަކު ވަނީ ދޫކޮށްލާފައެވެ. ނަމަވެސް ތިން މީހުން ވަނީ ފަސް ދުވަހަށް ބަނދުކޮށްފައެވެ.
މިގޮތުން ކޯޓުން މި މައްސަލާގައި ހައްޔަރުގައި ބައިތިއްބަން އަމުރުކޮށްފައި ވަނީ، މުޙައްމަދު ލަޔާން އަހްމަދު (21އ) މ. އާރު / މާލެ، އާއި ޢަލީ ނާޘިމް (40އ) ކޮކާހަނދުވަރު / މ. މުލައް އަދި ޢަލީ ނާވީ ނިޔާޒު (23އ) މ. މޯނިންގވިޔު / މާލެ އެވެ. މި މައްސަލާގައި ހިމެނޭ މުޙައްމަދު ލަޔާން އަހްމަދާއި، ޢަލީ ނާޘިމް ބަންދުކުރަން އަމުރުކުރީ ހަތް ދުވަހަށެވެ. ޢަލީ ނާވީ ނިޔާޒު ބަންދުކުރަން އަމުރުކުރީ ފަސް ދުވަހަށެވެ.
ފުލުހުން މި މައްސަލާގައި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހޯމަ ދުވަހު (2 އޯގަސްޓް 2025) ގައި ހިންގި އޮޕަރޭޝަނެއްގައި މާލެއާއި ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރުމަށް ފަހުއެވެ.
ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށް އެ ދެ އެޕާޓްމަންޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 111.08 ގުރާމުގެ ތަކެއްޗާއި ފަސް ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!