މޯލްޑިވްސް އިމިގްރޭޝަނުގެ ސީޕޯޓު ޑިވިޜަނުން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނޑުއުޅަނދުފަހަރުގެ ހަރަކާތްތައް ހަރުދަނާކަމާއެކު މޮނިޓަރކުރުމުގެ ނިޒާމެއް ޤާއިމުކޮށްފިއެވެ.
އިމިގްރޭޝަނުން އާންމުކުރި ވީޑިއޯ މެސެޖެއްގައި ބުނެފައިވާ ގޮތުގައި، މި އައު ނިޒާމަކީ ޔުނިވަރސަލް އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (ޔޫއޭއައިއެސް) ގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޤާއިމުކޮށްފައިވާ ނިޒާމެކެވެ.
މި ނިޒާމުގެ ސަބަބުން މާލެ ޕޯޓު ސަރަހައްދުން ފެށިގެން 30 ނޯޓިކަލް މޭލު ސަރަހައްދުގައި ދުއްވާ އެންމެހައި ކަނޑު އުޅަނދުފަހަރުގެ ހަރަކާތްތައް ރިއަލްޓައިމްކޮށް ދެނެގަތުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ.
އިމިގްރޭޝަނުން ފާހަގަކުރި ގޮތުގައި، މިފަދަ ނިޒާމުތަކަކީ ބައިނަލްއަޤްވާމީ ފެންވަރުގެ ޕޯޓުތަކުގައި ވެސް އެތަންތަނުގެ ހިންގުން ހަރުދަނާކުރުމަށާއި، ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ބޭނުންކުރަމުން އަންނަ ޒަމާނީ ސިސްޓަމްތަކެކެވެ.
މި އައު ނިޒާމުގެ ސަބަބުން ސީޕޯޓު ޑިވިޜަނުން ދޭ ކްލިއަރެންސްތައް އިތުރަށް ހަލުވިވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އިމިގްރޭޝަނުން ދެކެއެވެ. މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވެސް ފާހަގަކުރެވެއެވެ.
މި ނިޒާމު ތަޢާރަފުކުރުމާއެކު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިނގާ ކަނޑު ދަތުރުފަތުރުގެ ހަރަކާތްތައް އިތުރަށް ހަރުދަނާވެ، ސަލާމަތީ ގޮތުން ވެސް އިތުރު ކަށަވަރުކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!