ށ. ގޮއިދޫ އަށް ނިސްބަތްވާ އާޓިސްޓެއް ކަމަށްވާ އެ ރަށު ހީނާމާގެ، ޙުސައިން ވަޙީދުގެ ފަންނުވެރި ކުރެހުންތަކުން ރަށުތެރެ ޒީނަތްތެރިކޮށްލައިފިއެވެ.

އެގޮތުން ޙުސައިންގެ މި މަސައްކަތުގެ ތެރެއިން ވަނީ ރަށުތެރެ ޒީނަތްތެރިކޮށް ފަންނުވެރި ހުނަރު ފާޅުކުރުމުގެ މަޤުސަދުގައި ދިވެހިރާއްޖޭގެ ޤުދުރަތީ މުއްސަނދިކަމާއި ދިވެހިންގެ މަސައްކަތްތެރިކަން ދައްކުވައިދޭ ފުރިހަމަ ކުރެހުންތަކެއް ރަށުގެ ފާރެއްގައި ތަސްވީރުކޮށްފައެވެ.

Ad
rt

ހުސެންގެ ކުރެހުމެއް، ފޮޓޯ: ގޮއިދޫ ކައުންސިލް

މި ކުރެހުންތަކަކީ 124 ފޫޓް ދިގު، 6.5 ފޫޓް އުސް ފާރެއްގައި (ޖުމްލަ 806 އަކަފޫޓް) ކުރެހިފައިވާ މަސައްކަތެކެވެ. މި ފުރިހަމަ މަސައްކަތް ނިންމުމަށް ހުސައިން ވަނީ މުޅި ޖުމްލަ 54 ގަޑިއިރު ހޭދަކޮށްފައެވެ.

ފާރުގައި ކުރަހާފައިވާ ހުސެންގެ ކުރެހުންތައް، ފޮޓޯ: ގޮައިދޫ ކައުންސިލް

ޙުސައިންގެ މި ހުނަރުވެރި މަސައްކަތާއި ގުޅިގެން ގޮއިދޫ ކައުންސިލުން ބުނެފައިވަނީ، ޙުސައިން އަކީ ރަށުގައި ބޭއްވުނު ގިނަ އިވެންޓްތަކުގައިި ކުރެހުމާއި ސްޓޭޖް ބެކްގްރައުންޑް ހެދުމާއި މޮނިއުމަންޓް ހެދުމާއި، ތަފާތު މެޓީރިއަލްސް ބޭނުންކޮށްގެން ގިނަ ބާވަތެއްގެ ތަކެތި އުފައްދާ ފަރާތެއްކަމަށެވެ.

ހުސެންގެ ކުރެހުމެއް، ފޮޓޯ: ގޮއިދޫ ކައުންސިލް

މީީގެ އިތުރުން ޙުސައިންގެ މި އަގުހުރި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ގޮއިދޫ ކައުންސިލުން ވަނީ ހަނދަނީ ފިލާއެއް އަރުވާފައެވެ. އަދި ޙުސައިންގެ ބައިވެރިވުމާއި އެހީތެރިކަން ކައުންސިލަށާއި ރަށުގެ ޢިޖްތިމާއީ ކަންކަމުގައި ލިބެމުންދާކަންވެސް ގޮއިދޫ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ހުސެން އަށް ކައުންސިލުން އަގުވަޒަންކުރުމުގެ ފިލާއެއް ދެނީ، ފޮޓޯ: ގޮއިދޫ ކައުންސިލް

ގޮއިދޫ އަކީ ހުރިހާ ގޮތަކުންވެސް ބޮޑުތިލަދުންމަތީގައި މަގުބޫލުކަން ލިބިފައިވާ އަދި އެ ރަށަށް ޒިޔާރާތްކުރާ މީހުން ލޯބިވާ ޙާއްސަ ރަށެކެވެ. އެގޮތުން އެ ރަށުގެ ސާފުތާހިރުކަމަށާއި ހުނަރުން ފުރިފައިވާ މަންޒަރުތަކުން ރަށުތެރެ ޒީނަތްތެރިކުރުމަށް ގޮއިދޫ ކައުންސިލުން ވަރަށް ބޮޑު ރޯލެއް ކުޅެއެވެ.