މާލެއިން ފުރައިގެން ތ. ވޭމަންޑޫއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ދިއްގިރި ކައިރިން ފަރަށް އަރައި ދިޔަވެ އަޑިއަށް ގޮއްސިއެވެ.
މިއީ ''އަލްމަޖްރާ'' ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެކެވެ. ދޯނި އޮތީ ވެސް މުދާ ބަރުކޮށްފައެވެ.
މެރިން ޕޮލިހުން ބުނިގޮތުގައި މި ދޯނި ދިއްގިރި ކައިރިން ފަރަށް އަރައި ދިޔަވެ، އަޑިއަށްދާކަމުގެ މައުލޫމާތު އެ އިދާރާ އަށް ލިބުނީ މިއަދު ފަތިހު 5:34 ހާއިރުއެވެ.
މި ރިޕޯޓާ ގުޅިގެން ވ. އަތޮޅު ފުލުހުން އެ ސަރަހައްދަށް ދިޔައިރު، އެ ދޯނިން ދަތުރުކުރި 3 މީހުން ހާލުގައި ޖެހިފައި ފަރުމަތީގައި ތިއްބައި ފެނުނުކަމަށް ފުލުހުން ބުންޏެވެ.
''އެ މީހުން ފުލުހުންގެ ލޯންޗަށް ނަގައި މިހާރުވަނީ ފެލިދޫއަށް ގެންގޮސްފައި. 3 މީހުންގެ ހާލު ވެސް ރަނގަޅު. އެއީ ދިވެއްސަކާއި ބަންގްލަދޭޝް ދެ މީހުން.'' ފުލުހުން ބުންޏެވެ.
ދޯނި އަޑިއަށް ދިޔައިރު، އެ ދޯނީގައި ގިނަ އަދަދެއްގެ ޕީވީސީ ފިލާ އަދި އެބާވަތުގެ ގިނަ ސާމާނު ހުންނާނެ ކަމަށް އެ ދޯނީގައި ދަތުރުކުރި މީހުން މައުލޫމާތު ދީފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
ދޯނީގައި ހުރި ތަކެތި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!