އެމެރިކާގެ ނިޔޯކް ސިޓީ ޕޮލިސް ޑިޕާޓްމަންޓްގެ މުސްލިމް އޮފިސަރެއްކަމަށް ވާ ދިދާރުލް އިސްލާމް ހޯމަ ދުވަހު ބަޑީގެ ހަމަލާއެއްގައި މަރާލުމަކީ މުޅި ނިޔޯކް ފުލުހުންގެ ޢާއިލާއަށް ފުން ހިތާމައެއް ގެނެވިކަމެކެވެ. ބައެއް މީޑީއާތަކުން އެކަން ސިފަކޮށްފައި ވަނީ މުސްލިމް އޮފިސަރ ދިދާރުލް އިސްލާމް ދެން ނުފެނުނު ނަމަވެސް އޭނާގެ ހަނދާންތަކުގެ އަސަރު އަބަދަށް ދެމި ހުންނާނެކަމަށެވެ.

އުމުރުން 36 އަހަރުގެ އޮފިސަރ ދިދާރުލް އިސްލާމް މަރާލާފައި ވަނީ މީހަކު، ނެޝަނަލް ފުޓްބޯޅަ ލީގުގެ ހެޑްކުއާޓާސް ހިމެނޭ މިޑްޓައުން ބިލްޑިންގެއްގައި ހޯމަ ދުވަހު ދިން ބަޑީގެ ހަމަލާއެއްގައެވެ. މި ހަމަލާގައި މުސްލިމް ފުލުސް އޮފިސަރ އިސްލާމްގެ އިތުރުން އެތަނުގެ ސެކިއުރިޓީ ގާޑަކާއި ރިއަލް އެސްޓޭޓް ކުންފުންޏެއްގެ މުވައްޒަފެއް އަދި އިންވެސްޓްމަންޓް ފާމެއްގެ އެގްޒެކެޓިވްއެއް ވެސް މަރުވިއެވެ.

Ad
rt

ދެ ދަރިންގެ ބައްޕަ، ދިދާރުލް އިސްލާމް މަރުވިއިރު، އޭނާގެ މާބަނޑު އަނބިމީހާ އިނީ ތިންވަނަ ދަރިފުޅު ވިހަން ތައްޔާރުވެފައެވެ. އަދި އޭނާއަކީ އޭނާގެ މައިންބަފައިންގެ ހުރި ހަމައެކަނި ދަރިފުޅުވެސް މެއެވެ. އޭނާގެ މަރުވުމުގެ އަސަރު ޕާކްޗެސްޓަރގެ ގުޅުން ބަދަހި ބަންގްލަދޭޝް މުޖުތަމަޢުގައި ފެތުރިގެން ގޮސްފައިވެއެވެ.

ބަންގްލަދޭޝް ދަރިކޮޅުގެ މުސްލިމް ފުލުސް އޮފިސަރގެ ޖަނާޒާ ފެށުނީ ބުރާސްފަތު ދުވަހު މެންދުރު ފަހުއެވެ. ވެހެމުން ދިޔަ ވާރޭގައި ބްރޮންކްސްގެ ނެއިބަރހޫޑްގައި ނިއުޔޯކް ޕޮލިސް ޑިޕާޓްމަންޓްގެ 6 އޮފިސަރުން އެމީހުންގެ ކޮނޑުމަތީގައި އުފުލަމުން ދިޔައީ އެމީހުންގެ އަޚްގެ ފުރާނަނެތް ހަށިގަނޑު އޮތް ސަންދޯކެވެ.

އިސްލާމްގެ ސަންދޯއް ގެންދަނީ، ފޮޓޯ: ސީއެންއެން

ދިދާރުލް އިސްލާމްގެ މައްޗަށް ކަށުނަމާދު ކުރުމަށްފަހު، އޭނާ ދިރިއުޅުނު ސަރަހައްދު ޕާކްޗެސްޓަރ ޖާމިޢު މިސްކިތުން ސަންދޯއް ނެރުނުވަގުތު އެތަނުގައި ސަފުތަކަށް އެތުރިގެންތިބި ނިޔޯކް ޕޮލިހުންގެ އެތައް ހާސް ފުލުސް އޮފިސަރުންނެއް ސެލިއުޓް ނަގާފަވެއެވެ. އޭނާގެ ސަންދޯއް ނެރުނު ވަގުތު ކެރި ބޯކޮށްލިއެވެ. އެވަގު ސަންދޯކުގެ މަތީގައި އަޅާފައި އޮތް ހުދާއި ފެހި ކުލަ ހިމެނޭ ދިދަ ތެމިގެން ދިޔައެވެ.

މި މަންޒަރުތައް ފެންނަ ވޯޑިއޯއިން ފެންނަގޮތުގައި އެ ސަރަހައްދަށް ނިޔޯކް ސިޓީ ޕޮލިސްގެ އެތައް ހާސް ފުލުސް އޮފިސަރުންނަކާއި އެހެނިހެން ލޯ އެންފޯސްމަންޓް އޭޖެންސީތަކުގެ ޔުނިފޯމް އެޅި އޮފިސަރުން އެއްވެ ސަފުތަކަށް އެތުރިފައި ''ގަނޑުވެފައި'' ތިއްބެވެ.

އިސްލާމްގެ ދެކެ ލޯބިވާ މީހުން، އޭނާ ނިސްބަތްވާ މުސްލިމް މުޖުތަމަޢުގެ މެންބަރުން އަދި ނިއުޔޯކްގެ އެންމެ ފާހަގަކޮށްލެވޭ ލީޑަރުން ބުރާސްފަތި ދުވަހު އިސްލާމްގެ ވަކިވުމުގެ މައްޗަށް ހިތާމަކުރާހާލު އެތަނަށް އެއްވެ ތިއްބެވެ. އިސްލާމް ވަކިވެގެން ދިޔައީ ވަފާތެރި ފިރިއެއް، ދެ ދަރީންގެ ލޯބިވާ ބައްޕައެއްގެ ގޮތުގައެވެ. އަދި ނިއުޔޯކަށްޓަކައި ބުރަ މަސައްކަތްތެރި ބެލެހެއްޓުންތެރިއެއްގެ ގޮތުގައެވެ.

އިސްލާމްގެ ޢާއިލާ، ފޮޓޯ: ސީއެންއެމް

އިސްލާމް މަރުވީ 345 ޕާކް އެވެނިއުގައި ހުރި އިމާރާތެއްގެ ލޮބީގައި 27 އަހަރުގެ ހަތިޔާރު ގެންގުޅޭ މީހަކު ބަޑިން ދިން ހަމަލާއެއްގައެވެ. އެވަގުތު އޮފިސަރ ހުރީ ޑިއުޓީގައި ނޫންނަމަވެސް އެވަގުތު ވެސް އޭނާ ހުރީ އިމާރާތުގެ ސެކިއުރިޓީ މަސައްކަތުގައެވެ.

އިސްލާމްގެ ޖަނާޒާގައި ނިއުޔޯކް ސިޓީ ޕޮލިސް ޑިޕާޓްމަންޓްގެ ޕޮލިސް ކޮމިޝަނަރ ޖެސިކާ ޓިޝް ދެއްކެވި ވާހަކާގައި ވަނީ އިސްލާމް މިދުނިޔެއިން ވަކިވިނަމަވެސް އޭނާ ޑިޓެކްޓިވް ފަސްޓް ގްރޭޑަށް ޕްރޮމޯޓްކޮށް މަގާމުގެ ކުރިއެރުން ދީފައިވާކަން ޢިއުލާންކުރަށްވާފައެވެ. ޓިޝް އޭނާގެ ވާހަކަ ކުރިއަށް ގެންދިއުމުގެ ކުރިން، އިސްލާމްގެ އަނބިމީހާގެ ކުރިމަތީގައި ކުޑަކަކޫޖަހައި، އިސްލާމްގެ އަނބިމީހާގެ ގައިގާ ބައްދައިލިއެވެ.

"އިސްލާމް ހުރިހާ ޤުރުބާނީއެއް ވެސް ވީ އޭނާގެ ޢާއިލާ ބިނާކުރުމަށް، އޭނާގެ މިސްކިތަށް، އޭނާ އުފަންވި ސިޓީއަށް އަދި ބަންގްލަދޭޝްގައި ތިބި އޭނާގެ ގާތްތިމާގެ މީހުންނަށް، އެ އެންމެން ވެސް ތިބީ އޭނާގެ ބެލުމުގެ ދަށުގައި، އަދި އެމީހުން ދިރިއުޅުން ކުރިއަރަމުންދާތަން ބެލުމުން އޭނާއަށް ހިތްހަމަޖެހުން ލިބުނު" ޓިޝް ވިދާޅުވިއެވެ.

އިސްލާމްގެ ޖަނާޒާ ކުރިއަށް ދިޔަ ވަގުތު، ފޮޓޯ: ސީއެންއެން

''އޭނާ (އިސްލާމް) ވަކިވެގެން ދިޔަނަމަވެސް މިތަނުން އޭނާގެ އަސަރެއް ނުފިލާނެ، މި ހިތާމައިގެ ތެރެއިން އެއްވެސް ހިތްހަމަޖެހުމެއް ލިބޭނަމަ، އެއީ އޭނާ ގެނެސްދިން އަލިކަން ނުނިވޭކަން އެނގުން، އެ އަލިކަން ދާނީ ފެތުރިގެން، އަދި އޭނާ އެހާ ބުރަކޮށް މަސައްކަތްކޮށްގެން ބިނާކުރި ޢާއިލާގެ ތެރޭގައި އެ އަލިކަން ވިދާބަބުޅާނެ'' އެންވައިޕީޑީ ޕޮލިސް ކޮމިޝަނަރ ޖެސިކާ ޓިޝް ވިދާޅުވެފަވެއެވެ.

ނިއުޔޯކް ސިޓީ ޕޮލިސް ޑިޕާޓްމަންޓް (އެންވައިޕީޑީއާ)ގެ ޚިދުމަތާއި އިސްލާމް ގުޅުނީ 2019 ގައި ސްކޫލް ސޭފްޓީ އޭޖެންޓެއްގެ ގޮތުގައެވެ. އަދި އޭގެ 2 އަހަރު ފަހުން އޭނާ ވަނީ އޮފިސަރެއްގެ ރޭންކަށް ޕްރޮމޯޓް ވެފައިކަމަށް ޓިޝް ވިދާޅުވިއެވެ.

"އޭނާގެ އަމިއްލަ ބަހުން ބުނާނަމަ، ފުލުހުންނަކީ މުޖުތަމަޢުގެ އެއްބައި، އަރާމާއި އަޅާލުން ފޯރުކޮށްދިނުމަށް ތިބޭ ބައެއް،" ޕޮލިސް ޗީފް އިތުރުކުރެއްވިއެވެ.

ނިއުޔޯކް ސިޓީ ޕޮލިސް ޑިޕާޓްމަންޓްގެ ޕޮލިސް ކޮމިޝަނަރ ޖެސިކާ ޓިޝް

މި ޖަނާޒާގައި ވާހަކަ ދައްކަވަމުން އެންވައިޕީޑީ ޑެޕިއުޓީ އިންސްޕެކްޓަރ މުޙައްމަދު އަޝްރަފް، 47 ވަނަ ޕްރިސިންކްޓްގެ ކޮމާންޑިންގ އޮފިސަރ ވިދާޅުވީ އިސްލާމްގެ ވަޒީފާއަށް އޮތް ވަފާތެރިކަމަކީ އޭނާގެ މުޖުތަމަޢުއަށް އޮތް ލޯބީގެ އިތުރު ބައެއް ކަމަށެވެ.

"އިސްލާމަކީ ހަމައެކަނި ފުލުހެއް ނޫންމ އޭނާއަކީ މި ސިޓީގެ އަދި އެހެން ޤައުމެއްގެ ދަރިއެއް، އުއްމީދުން ފުރިގެން މި ޤައުމަށް އައި އަދި ސިޓީއަށް ޝަރަފުވެރިކަމާއެކު ޚިދުމަތްކުރުމަށް ހޮވި ބަންގްލަދޭޝްގެ ފަޚުރުވެރި އިމިގްރަންޓެއް" އަޝްރަފް އިތުރަށް ވިދާޅުވިއެވެ.

އިސްލާމްގެ ޖަނާޒާގައި ވާހަކަ ދައްކަވަމުން ޕާކްޗެސްޓަރގެ އިސްލާމީ ކޮމިއުނިޓީގެ އިސް ލީޑަރެއް ކަމުގައިވާ ފައިސަލް އަޙްމަދު ސިފަކުރެއްވީ އިސްލާމަކީ ޝަހީދެއްގެ ގޮތުގައެވެ. އަދި އިސްލާމަކީ ތަވާޟުޢުވެރި ޚިދުމަތުން އޭނާގެ މުޖުތަމަޢުއަށް ފަޚުރުވެރިކަން ގެނެސްދިން މީހެއްކަމަށް ވިދާޅުވިއެވެ. އެންވައިޕީޑީ ނުވަތަ ނިއުޔޯކް ސިޓީ ފަޔަރ ޑިޕާޓްމަންޓް ފަދަ އޭޖެންސީތަކުގައި އެމީހުންގެ މީހަކު ތަމްސީލުކުރެވޭ އިރު، އޭނާ ވިދާޅުވީ، އެއީ ފާހަގަކުރަންޖެހޭ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން އޭނާ އާއި މެދު ފަޚުރުވެރިވަން،" އޭނާ ވިދާޅުވެފަވެއެވެ.

އިސްލާމްގެ ޖަނާޒާގައި ނިއުޔޯކް ފުލުހުން ބައިވެރިވަނީ، ފޮޓޯ: ސީއެންއެން

ނިއު ޔޯކްގެ ގަވަރނަރ ކެތީ ހޮޗުލް އިސްލާމްގެ މަރުގެ ސިފަކުރެއްވީ "ފުން ހިތާމައެއް"ގެ ގޮތުގައެވެ. އަދި ބަންގްލަދޭޝް މުޖުތަމަޢުއަށް އެހެން ނިއު ޔޯކަރުންގެ އެހީތެރިކަމަށް ބަރޯސާވުމަށް ގޮވާލެއްވިއެވެ.

ޑިމޮކްރެޓިކް މޭޔަރ ކެންޑިޑޭޓް ޒޮހްރާން މަމްދާނީ ވަނީ އިސްލާމްގެ ޖަނާޒާގައި އިސްލާމްގެ އާއިލާއާއެކު ބައިވެރިވެފައެވެ.