ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މުވައްޒަފުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި މިއަދު ޚާއްޞަ ސެޝަނެއް ބާއްވައިފިއެވެ.
މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހާ ގުޅިގެން ހިންގޭ 'ރިސާލަތު' ޕްރޮގްރާމްގެ ދަށުންނެވެ.
މި ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އިސްލާމީ ޝަރީޢަތާ ގުޅުންހުރި މުހިންމު މައުޟޫތަކުގެ މައްޗަށެވެ.
ސެޝަން ނަންގަވައިދެއްވި އައްޝައިޚް އާޒިމް ޚާލިދު ވަނީ މުވައްޒަފުންނާ ޢިލްމީ އަދި ފައިދާހުރި ގިނަ މަޢުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ.
މި ފަދަ ޕްރޮގްރާމްތައް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ މުވައްޒަފުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، އިސްލާމީ މުޖުތަމަޢުއެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއެޅުމެވެ. އަދި މަސައްކަތުގެ މާޙައުލުގައި އިސްލާމީ ރިވެތި އަޚްލާޤާއި އާދަކާދަތައް ދެމެހެއްޓުމަށް ހިތްވަރު ދިނުމެވެ.
'ރިސާލަތު' ޕްރޮގްރާމަކީ އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުން އެކި މުއައްސަސާތަކާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ސަރުކާރުގެ އެކި މުއައްސަސާތަކުގެ މުވައްޒަފުންނަށް ދީނީ ތަފާތު މައުޟޫތަކާ ގުޅޭ ސެޝަންތައް ބާއްވަމުން ގެންދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!